Roadha Mihaaru
މާސްގެ ބިމަށް އުޅަނދު ޖައްސާ ވަގުތުކޮޅުގެ ވީޑިއޯއެއް

މާސްގެ ބިމަށް އުޅަނދު ޖައްސާ ވަގުތުކޮޅުގެ އާދަޔާ ހިލާފު ވީޑިއޯއެއް

23 ފެބުރުއަރީ 2021

މި މަހު 19 ގައި މާސްގެ ބިމަށް ޖެއްސި އެމެރިކާގެ ޖައްވީ އުޅަނދު ޕާސަވިއަރެންސްގެ ޖައްވީ ދަތުރުގެ ފަހު ވަގުތުކޮޅު ވަރަށް ރީއްޗަށް ފެންނަ ވީޑިއޯއެއް ނާސާއިން އާންމުކޮށްފި އެވެ.

މޫސާ ލަތީފް މޫސާ ލަތީފް

މި މަހު 19 ގައި މާސްގެ ބިމަށް ޖެއްސި އެމެރިކާގެ ޖައްވީ އުޅަނދު ޕާސަވިއަރެންސްގެ ޖައްވީ ދަތުރުގެ ފަހު ވަގުތުކޮޅު ވަރަށް ރީއްޗަށް ފެންނަ ވީޑިއޯއެއް ނާސާއިން އާންމުކޮށްފި އެވެ.

މިދިއަ އަހަރުގެ ޖުލައި މަހު އުދުއްސާލި އުޅަނދު މާސްއަށް ދާން ކުރި 470 މިލިއަން ކިލޯމީޓަރުގެ ދިގު ދަތުރަށް ފަހު މާސްގެ އެޓްމޮސްފިއާއަށް ވަދެގަންނަ ބާރު ސްޕީޑް ކޮންޓްރޯލްކޮށްލަން ވަކި ހިސާބަކުން ވައި ކުޑަ ހުޅުވާލަ އެވެ. އެޓްމޮސްފިއާގެ ތެރެއިން ދަތުރުކުރާ ވަގުތު އުފެދޭ ގަދަފަދަ ހޫނުން އުޅަނދު ސަލާމަތްކުރަން ލާފައި އޮންނަ ހީޓް ޝީލްޑް ނެއްޓި ދުރަށް ދެ އެވެ. މާސްގައި އުޅަނދު ޖައްސަން ބޭނުންވާ ހިސާބަށް ރީއްޗަށް މިސްރާބު ވަމުން، ތިރިވި އެވެ. އެންމެ ފަހުން ބިންގަނޑާ ހަމައަށް ގާތްވުމާ އެކު، ޕާސަވިއަރެންސް ރައްކާކޮށްފައި އޮތް ބައިގެ "އިންޖީނުތައް" ހިންގާލައި، އުޅަނދަށް ގެއްލުން ނުވާނެ މިންވަރަކަށް ސްޕީޑް ދަށްކުރެ އެވެ. ދެން ޕާސަވިއަރެންސް އޭގެ ތެރެއިން ތިރިއަށް ދޫކޮށްލަ އެވެ. އެގޮތަށް ދޫކޮށްލަނީ "ސްކައި ކްރޭން"ގެ ގޮތުގައި ބޭނުންކުރި ވާތަކުން ހިފަހައްޓައިގެންނެވެ.

އުޅަނދު ޖައްސަން ކަނޑައެޅި ޖެޒޭރޯ ވަޅުގަނޑުގެ ސަރަހައްދު އޮންނަނީ ރީތިކޮށެވެ. ނަމަވެސް އުޅަނދުގެ "އިންޖީނުތައް" ހިންގާލުމާ އެކު އެ ހިސާބުގަނޑުގެ ހިމޭންކަން ފޫދުއްވާލައި، ހިރަފުސްގަނޑު އުފައްދަ އެވެ.

އުޅަނދުގެ ތެރޭގަ އާއި އުޅަނދު ރައްކާކޮށްފައި އޮތް ބައިތަކުގައި ގިނަ ކެމެރާތަކެއް ހަރުކޮށްފައި ހުއްޓެވެ. އޭގެ ތެރެއިން ހަތް ކެމެރާ ހާއްސަކުރީ އުޅަނދު ބިމަށް ޖައްސާ މަންޒަރު ނަގާށެވެ.

މި މަންޒަރުތަކަކީ މާސްގެ ބިމަށް ފޮނުވާ އުޅަނދުފަހަރު ޖެއްސުމުގެ މަސައްކަތުގައި ރަނގަޅުކުރަން ޖެހޭ ކަންކަން އިސްލާހުކުރަން އިންޖިނޭރުންނަށް ލިބުނު ވަރަށް ބޮޑު ފުރުސަތެކެވެ.

ކެލިފޯނިއާގައި ހުންނަ ޖެޓް ޕްރޮފުލްސަން ލެބޯރަޓަރީ (ޖޭޕީއެލް)ގެ ޑައިރެކްޓަރު މައިކް ވެޓްކިންސް ވިދާޅުވި ގޮތުގައި ވީޑިއޯތަކުން އެނގެނީ ނާސާގެ މަތީ ފެންވަރެވެ.

ޕާސަވިއަރެންސްގެ ހުރިހާ ކަމެއް ބަލަހައްޓައި، އެ ކޮންޓްރޯލްކުރާނީ ޖޭޕީއެލްގައި ގާއިމްކޮށްފައި ހުންނަ ސެންޓަރުންނެވެ.

ވެޓްކިންސް ވިދާޅުވި ގޮތުގައި ނާސާގެ އުޅަނދުފަހަރު ސޯލާ ސިސްޓަމްގެ ތެރޭގައި ކުރި ދަތުރުގައި ފެނުނު އެތައް މަންޒަރެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާނެ އެވެ. އޭގެ ތެރޭގައި ސެޓާންގެ ރިންގްތައް ފަހަނައަޅައިދިޔަ އިރު ނެގި ފޮޓޯތަކާއި މާސްގެ ބިންގަނޑު ފެންނަ ޕެނަރޯމާ ފޮޓޯތައް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު "މިއީ މާސްގެ ބިމަށް އުޅަނދެއް ޖެއްސުން ފަދަ ކަމެއްގެ މަންޒަރުތައް އެގޮތަށް ފެނުނު ފުރަތަމަ ފަހަރު،" ވެޓްކިންސް ވިދާޅުވި އެވެ.