06 މާޗް 2021
މިދިއަ މަހު މާސްގެ ބިންގަނޑަށް ތިރިކުރި އެމެރިކާގެ ދިރާސާ އުޅަނދު، ނުވަތަ ރޮބަޓް، ޕާސަވިއަރެންސް ފުރަތަމަ ފަހަރަށް އޭގެ ފުރޮޅުތަކުގެ ގާބިލްކަން ދައްކައި، ކުޑަ ތަންކޮޅަކަށް ދުއްވާލައިފި އެވެ.
މިދިއަ މަހު މާސްގެ ބިންގަނޑަށް ތިރިކުރި އެމެރިކާގެ ދިރާސާ އުޅަނދު، ނުވަތަ ރޮބަޓް، ޕާސަވިއަރެންސް ފުރަތަމަ ފަހަރަށް އޭގެ ފުރޮޅުތަކުގެ ގާބިލްކަން ދައްކައި، ކުޑަ ތަންކޮޅަކަށް ދުއްވާލައިފި އެވެ.
ހަ ފުރޮޅު ހިމެނޭ އުޅަނދު، މިދިއަ ބުރާސްފަތިފުވަހު 6.5 މީޓަރު (21 ފޫޓު)އަށް ދުއްވާލައި، 150 ޑިގްރީއަށް އަނބުރާލި އެވެ. މިއީ ކުރިއަށް އޮތް ތަހުލީލުތަކަށް ބަލާ ނަމަ ނިސްބަތުން ކުޑަކުޑަ ހަރަކާތެއް ނަމަވެސް، ދުނިޔޭގައި ތިބި އިންޖިނޭރުން ޕްރޮގްރާމްކުރާ ގޮތަށް އުޅަނދު ދުއްވާލުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
"މި އުޅަނދު މިހާރު ވެސް ގެންދަނީ އިންޖިނިއަރިންގެ ވަރަށް ގިނަ ކަންކަން ޗެކްކުރަމުން. އެހެންވެ އެ ދުއްވާލި ވަގުތުކޮޅު އަހަރެމެންނަށް އިހުސާސްކުރެވުނީ މާސްގެ ކަންކަން ބަލަން އެ ބިމުގައި ތިބެވުނީހެން،" ނާސާގެ އިސް ސައިންސްވެރިއެއް ކަމަށްވާ ކެޓީ މޯގަން ވިދާޅުވި އެވެ.
އެއް ޓަނުގެ ބަރުދަން ހުންނަ އުޅަނދު، ރަތް ޕްލެނެޓްގެ ބިމަށް ޖެއްސި ފަހުން މިހާރު ދެ ހަފުތާ ވެއްޖެ އެވެ. މި ދިޔަ ދުވަސްތަކުގައި މިޝަންގެ އިންޖިނިއަރުން ގެންދިޔައީ އޭގައި ހިމެނޭ އާދަޔާ ހިލާފު އެތައް އާލާތެއް ޓެސްޓްކުރަމުންނެވެ. އޭގެ ތެރޭގައި އޭގެ ރޮބަޓިކް އަތް ވެސް ހިމެނެ އެވެ.
އެކަމަކު އެ އެންމެން ވެސް އެންމެ ބޮޑަށް އިންތިޒާރުކުރި ވަގުތަކީ، އުޅަނދު ދުއްވާލާނެ އިރެކެވެ. އެކަން ކާމިޔާބުވުމުން އިންޖިނޭރުންނަށް ލިބުނު ހިތްހަމަޖެހުން ވެސް ނުހަނު ބޮޑެވެ.
"މާސްގެ ބިމަށް އެ ދޫކޮށްލި ފުރޮޅުގެ ނިޝާން ފެންނާނެ މިހާރު. ފުރޮޅުތަކުގެ އެ ނިޝާންތައް ފެނުމަށް ވުރެ ވަކިން ބޮޑު އުފަލެއް އަހަންނަކަށް ނުލިބޭނެ،" އުޅަނދު ހަރަކާތްކުރުވުމުގެ އިސް އިންޖިނިއަރެއް ކަމަށް ވާ އަނައިސް ޒަރިފިއަން ވިދާޅުވި އެވެ.
"މިއީ މުޅި މިޝަންއަށް ވެސް އަދި އުޅަނދު ހަރަކާތްކުރުވުމުގެ ޒިންމާއާ ހަވާލުވެ ތިބި އިންޖިނިއަރުންނަށް ވެސް ވަރަށް ބޮޑު ކާމިޔާބީއެއް."
މާސްގެ ބިމުގައި އޮތް ނާސާގެ ޕާސަވިއަރެންސް އުޅަނދުގެ ބައެއް ފުރޮޅުތައް: ކުރިން ފޮނުވި އުޅަނދުތަކުގައި ހަރުކުރި ފުރޮޅުތަކަށް ވުރެ މިފަހަރުގެ ފުރޮޅުތަކުގެ ބާރު ގަދަ
ކުރިއަށް އޮތް މާސްގެ އަހަރު (ދުނިޔޭގައި ނަމަ ގާތްގަނޑަކަށް ދެ އަހަރު)ގައި އުޅަނދު ގާތްގަނޑަކަށް 15 ކިލޯމީޓަރުގެ ސަރަހައްދެއް ކަވަރުކުރާނެ އެވެ. އުޅަނދު ބިންމަތިކޮށްފައި އޮތީ މީގެ އެތައް ބިލިއަން އަހެއް ކުރިން މާސްގައި ކޯރެއް ދެމިގެން ގޮސްފައިވާ ޖެޒޭރޯ ވަޅުގަނޑުގަ އެވެ. ސައިންސްވެރިންގެ މަގުސަދަކީ އެއްވެސް ޒަމާނެއްގައި މާސްގައި ދިރުމެއް ވީ ނަމަ އޭގެ ހެކިތައް ހޯދުމެވެ. އެފަދަ ހެކިތަކަކަށް، ޖެޒޭރޯ ވަރުގެ އެހެން ތަނެއް މާސްއިން މިހާތަނަށް ފެނިފައެއް ނުވެ އެވެ.
ސައިންސްވެރިން ދެން އެންމެ އުއްމީދުކުރާނެ އެންމެ މުހިންމު އެއް ވަގުތަކަށް ވަނީ ޕާސަވިއަރެންސްގެ "ބަނޑުގައި" ރައްކާކޮށްފައި އޮތް ހެލިކޮޕްޓަރު ދުއްވާލުމެވެ. އިންޖެނުއިޓީގެ ނަމުން ނަން ދީފައިވާ މި ހެލިކޮޕްޓަރަކީ ދުނިޔެ ފިޔަވައި އެހެން ބިމަކަށް އިންސާނުން ފޮނުވި ފުރަތަމަ ހެލިކޮޕްޓަރެވެ.
އިންޖެނުއިޓީ ބަހައްޓާނެ ރަނގަޅު ސަރަހައްދެއް ހޯދަން ކުރިއަށް އޮތް ހަފުތާތަކުގައި ޕާސަވިއަރެންސް ދުއްވާނެ އެވެ.
"ފްލައިޓް އުދުއްސާނެ ރަނގަޅު ތަނެއް ކަނޑައަޅަން މިހާރު ވެސް މި ދަނީ މަސައްކަތްކުރަމުން،" ޕާސަވިއަރެންސްގެ ޑިޕިއުޓީ މިޝަން މެނޭޖަރު ރޮބަޓް ހޮގް ވިދާޅުވި އެވެ.
"ފަސްގަނޑު ދިރާސާކުރަން ކެމެރާތަކުގެ އެހީ މި އަންނަނީ ހޯދަމުން. އަނެއް ބަޔަކު އެ ހިސާބުގެ ޖައްވުތެރެ ވެސް ބަލާނެ އެ އަރުވަން އެންމެ ރަނގަޅު ތަނެއްތޯ ކަނޑައަޅަން."
ޕާސަވިއަރެންސަކީ އެ ދުއްވުމުގެ ގާބިލްކަމަށް ބަލަންޏާ މިހާތަނަށް ނާސާ އިން ފޮނުވި އެންމެ ވަރުގަދަ އުޅަނދު ވެސް މެ އެވެ. އެ ދުއްވާ އިރު އަމިއްލައަށް ފޮޓޯ ނަގަމުން، ކުރިމަތީގައި ހުންނަ ތަންތަން ދެނެގަނެ އެވެ. ކުރީގެ އުޅަނދުތަކަށް ފުރަތަމަ ޖެހެނީ ފޮޓޯ ނަގާފައި އެ ދިރާސާކުރަން ދެން މަޑުކުރާށެވެ.
މާސްގެ އަޑު އިންސާނާގެ ކަންފަތަށް
މާސް އުޅަނދުގެ ހިތްގައިމު ފޮޓޯތަކުން އުފާވެރިކަން
އެމެރިކާގެ އުޅަނދު މާސްގެ ބިމަށް ޖައްސައިފި
މާސްގައި ހެލިކޮޕްޓަރު ދުއްވާލަން ތައްޔާރު ވެއްޖެ
މާސްގެ ބިމަށް އުޅަނދު ޖައްސާ ވަގުތުކޮޅުގެ ވީޑިއޯއެއް
މާސްއަށް އާ އުޅަނދެއް، ހެލިކޮޕްޓަރެއް ވެސް ހިފައިގެން
އިންސާނުން މާސް އަށް ދާނީ ވީނަސްގައި ރޭކޮށްފައި!
ނާސާގެ އެސްޓްރޮނޯޓްގެ ތައުރީފު ދިވެހި ސްޕޭސް ޓީމަށް
ނާސާގެ މަޝްހޫރު އެސްޓްރޮނޯޓެއް ރާއްޖެ އަންނަނީ
މިއީ ކާއިނާތުން އަހަރެމެންނަށް ވެލިފުކެއްގެ ސައިޒު