20 ފެބުރުއަރީ 2021
އިއްޔެ މާސްގެ ބިންގަނޑަށް ޖެއްސި އެމެރިކާގެ އުޅަނދު، ޕާސަވިއަރެންސް ތިރިކުރާތަނާއި ޖެއްސުމަށް ފަހު ނެގި ފުރަތަމަ ފޮޓޯތަކުން، މަޝްރޫއުގެ ސައިންސްވެރިންނަށް އުފާވެރިކަން ގެނެސްދީފި އެވެ.
އިއްޔެ މާސްގެ ބިންގަނޑަށް ޖެއްސި އެމެރިކާގެ އުޅަނދު، ޕާސަވިއަރެންސް ތިރިކުރާތަނާއި ޖެއްސުމަށް ފަހު ނެގި ފުރަތަމަ ފޮޓޯތަކުން، މަޝްރޫއުގެ ސައިންސްވެރިންނަށް އުފާވެރިކަން ގެނެސްދީފި އެވެ.
"ބިރުވެރިކަމުގެ ހަތް މިނިޓް"ގެ ގޮތުގައި ސިފަކުރި ތިރިކުރުމުގައި، އުޅަނދު ރައްކާތެރިކޮށް ހިފެހެއްޓި ބައިގައި ހަރުކޮށްފައި ހުރި ކެމެރާއިން ނެގި ފޮޓޯ އިން ފެންނަނީ، އޭގެ "ސްކައި ކްރޭން"ގެ ވާގަނޑުތަކުގެ އެހީގައި ޕާސިވިއަރެންސް ބިންގަނޑާ ހަމައަށް ދާތަނެވެ. އެކަމަކު ހަގީގަތުގައި އެއީ ވަރަށް ނާޒުކު ވަގުތުކޮޅެކެވެ. ގަޑިއަކު 20،000 ކިލޯމީޓަރުގެ ބާރު މިނުގައި ދަތުރުކުރަމުން ދަނިކޮށް އެ ސްޕީޑް ފުރަތަމަ ކޮންޓްރޯލްކުރަނީ ހާއްސަ ވައިކުޑައަކުންނެވެ. އެންމެ ފަހު ތިން މިނިޓް، އުޅަނދަށް އެއްވެސް ގެއްލުމެއް ނުވާނެ މިންވަރަށް ސްޕީޑް ދަށްކޮށްލަނީ، ތިރިކުރާ ފޮޓޯ ނެގި ކެމެރާ ހިމެނޭ ބައިގައި ހަރުކޮށްފައި ހުރި، ކުދިކުދި އިންޖީނުތަކުންނެވެ.
އުޅަނދު، ނުވަތަ ރޮބަޓް، ބިމަށް ޖެއްސުމާ އެކު އޭގެ ކެމެރާތަކުން ވެސް ފޮޓޯތައް ނަގަން ފެށި އެވެ. އެގޮތުން ނެގި އެއް ފޮޓޯއިން ވަށައިގެންވާ އެއްވަރު ބިންގަނޑު ފެނެ އެވެ. ފަސްގަނޑު ތެރޭގައި ހިލަކޮޅުތަކާއި ތަންކޮޅެއް ބޮޑު ހިލަތައް ވެސް ހުއްޓެވެ. ގެޒޭރޯގެ ނަމުން ނަން ދީފައިވާ ސަރަހައްދަކީ އެއް ޒަމާނެއްގައި، މީގެ އެތައް ބިލިއަން އަހަރެއް ކުރިން، ފެނުގެ ކޯރެއް އޮތް ހިސާބެއް ކަމަށް، ކުރިން ނެގި ސެޓެލައިޓް ފޮޓޯތަކަށް ބަލައިގެން ސައިންސްވެރިންނަށް ކަށަވަރުވެ އެވެ. ޕްލެނެޓްގެ މަތިން ބަލާ ނަމަ ޖެޒޭރޯއަކީ އަސްލު ބޮޑު ވަޅުގަނޑެކެވެ.
ނާސާގެ ޕާސިވިއަރެންސް އުޅަނދު ފެބްރުއަރީ 19، 2021 ގައި މާސްގެ ބިންގަނޑަށް ޖައްސާފައި ނެގި ފުރަތަމަ ފޮޓޯތަކުން އެއް ފޮޓޯ: އުޅަނދު ޖެއްސީ ވަރަށް އެއްވަރަށް އޮތް ހިސާބުގަނޑަކަށް --ފޮޓޯ/ނާސާ
ގާތްގަނޑަކަށް 2.7 ބިލިއަން ޑޮލަރުގެ މަޝްރޫއުގައި ފޮނުވި ޕާސިވިއަރެންސް އުޅަނދުގެ މައިގަނޑު ބޭނުމަކީ އެއްވެސް ޒަމާނެއްގައި މާސްގައި އެއްވެސް ކަހަލަ ދިރުމެއް އުފެދިފައި ވޭތޯ ބެލުމެވެ. އަހަރެމެން ދަންނަ ކޮންމެ ދިރުމެއްގެ އަސްލަކީ ފެނެވެ. އެހެންކަމުން ޖެޒޭރޯ އަކީ މާ ކުރީ ޒަމާނެއްގެ ކޯރެއް ނަމަ، އަދި އެ ކޯރުގައި އެއްވެސް ކަހަލަ ދިރުމެއް އުޅުނު ނަމަ އޭގެ އަސަރުތައް، މިހާރު ހަނަފަސްވެފައި އޮތް ހިސާބުގަނޑުން ފެނިދާނެ ކަމަށް، ސައިންސްވެރިން އުއްމީދުކުރެ އެވެ.
ޕާސިވިއަރެންސްގައި ހިމެނޭ އަދި މިހާތަނަށް މާސްއަށް ފޮނުވާފައިނުވާ ފަދަ ސޮފިސްޓިކޭޓެޑް އާލާތްތައް ބޭނުންކޮށްގެން ބިންގަނޑު ތޮރުފައި، އެކި ސާމްޕަލްތައް ނަގާނެ އެވެ. އެ ސާމްޕަލްތައް އުޅަނދުގައި ހިމެނޭ ކުދިކުދި ޓިއުބްތަކަށް ލައި ބަންދުކުރުމަށް ފަހު، މާސްގެ ބިމުގައި ބަހައްޓާނެ އެވެ. ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އިން މިހާރު ރާވާފައިވާ އެތައް ބިލިއަން ޑޮލަރެއް ހޭދަވާ އެހެން މަޝްރޫއުއެއްގައި އެ ސާމްޕަލްތައް ބަލައި ހާއްސަ އުޅަނދެއް ފޮނުވަން ވަނީ ހަމަޖައްސައިފަ އެވެ. އެ ދަތުރަށް އުޅަނދު އުދުއްސާލެވޭނެ ކަމަށް ބެލެވެނީ 2026 ގަ އެވެ. އަދި މާސްއަށް ގޮސް، އެ ޓިއުބްތައް ހިފައިގެން ދުނިޔެއަށް އަންނާނެ ކަމަށް، މިހާރު ލަފާކުރަނީ 2031 ހިސާބުގަ އެވެ.
ނާސާގެ ޕާސިވިއަރެންސް އުޅަނދުގެ ހަ ފުރޮޅުގެ ތެރެއިން އެއް ފުރޮޅު: މާސްގެ ބިމަށް ޖެއްސުމަށް ފަހު އުޅަނދުން ފުރަތަމަ ފޮނުވި ފޮޓޯތަކުގެ ތެރޭގައި ހިމެނޭ މި ފޮޓޯއިން މާސްގެ ގާތައް ރީއްޗަށް ފެނޭ. ސައިންސްވެރިން މިހާރު ވެސް ވަނީ ދިރާސާތައް ފަށާފައި --ފޮޓޯ/ނާސާ
ފުރަތަމަ ފޮޓޯތަކުގެ ތެރޭގައި އުޅަނދުގެ ހަ ފުރޮޅުގެ ތެރެއިން ފުރޮޅެއްގެ ފޮޓޯ ވެސް ހިމެނެ އެވެ. އެ ފުރޮޅާ ޖެހިގެން މާސްގެ ކުދިކުދި ހިލަކޮޅުތައް ވަރަށް ރީއްޗަށް ފެނެ އެވެ.
"މިކަހަލަ މިޝަންތަކުގައި އުޅަނދުތަކުގެ އެނިމޭޝަންތައް އިންޖިނިއަރުން އަބަދުވެސް ދައްކާނެ، އަހަރެން ފުރަތަމަ ހީކުރީ އެއީ ވެސް އޭގެ އެނިމޭޝަނެއް ކަމަށް،" އުޅަނދުން ބިމަށް ފޮނުވި ފުރަތަމަ ފޮޓޯތަކުން ފޮޓޯއަކަށް ނިސްބަތްކުރައްވާ، ނާސާގެ ޖެޓް ޕްރޮސުލްޝަން ލެބޯރަޓަރީގެ އިސް ސައިންސްވެރިއެއް ކަމަށްވާ ކޭޓީ ސްޓެކް މޯގަން ވިދާޅުވި އެވެ.
"ދެ ވަނަ ފަހަރަށް އެއަށް ބަލާފައި، އަހަރެން ބުނިން 'އާނ މިއީ އަހަރެމެންގެ އަސްލު އުޅަނދުގެ ފޮޓޯއޭ'."
މި މަޝްރޫއުގެ އިސް އިންޖިނިއަރެއް ކަމަށްވާ އެޑަމް ސްޓެލްޒާ ވިދާޅުވި ގޮތުގައި ކާމިޔާބުކަމާ އެކު އާ އުޅަނދެއް މާސްއަށް ފޮނުވުމުގެ އުފާވެރިކަން ވަރަށް ބޮޑެވެ.
"އަހަރެމެން އެންމެންނަށް ވެސް މިއީ އެހާމެ ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.
އުޅަނދުން ފޮނުވި ފޮޓޯތަކުން ފެންނަ ހިލަތަކުގެ އުމުރު މިހާރު ވެސް ސައިންސްވެރިން ލަފާކުރައްވަ އެވެ. މޯގަން ވިދާޅުވި ގޮތުގައި އެ ހިލަތަކުގެ އުމުރު އުޅޭނީ "3.6 ބިލިއަން، 3.7 ބިލިއަން އަދި 3.8 ބިލިއަން އަހަރުގަ" އެވެ.
ސައިންސްވެރިން ލަފާކުރާ ގޮތުގައި އެއީ މާސްގައި ފެން ހުރުން އެންމެ އެކަށީގެންވާ ޒަމާނެވެ. އެހެންކަމުން މިހާރު ވެސް އުޅަނދު އެ ވަނީ ސައިންސްވެރިން އެންމެ ބޭނުންވި ސަރަހައްދުގައިކަން އެ މީހުންނަށް ޔަގީނެވެ.
މާސްގެ އަޑު އިންސާނާގެ ކަންފަތަށް
މާސްގައި ފުރަތަމަ ފަހަރަށް ޕާސަވިއަރެންސް ދުއްވާލައިފި
އެމެރިކާގެ އުޅަނދު މާސްގެ ބިމަށް ޖައްސައިފި
މާސްގައި ހެލިކޮޕްޓަރު ދުއްވާލަން ތައްޔާރު ވެއްޖެ
މާސްގެ ބިމަށް އުޅަނދު ޖައްސާ ވަގުތުކޮޅުގެ ވީޑިއޯއެއް
މާސްއަށް އާ އުޅަނދެއް، ހެލިކޮޕްޓަރެއް ވެސް ހިފައިގެން
އިންސާނުން މާސް އަށް ދާނީ ވީނަސްގައި ރޭކޮށްފައި!
ނާސާގެ އެސްޓްރޮނޯޓްގެ ތައުރީފު ދިވެހި ސްޕޭސް ޓީމަށް
ނާސާގެ މަޝްހޫރު އެސްޓްރޮނޯޓެއް ރާއްޖެ އަންނަނީ
މިއީ ކާއިނާތުން އަހަރެމެންނަށް ވެލިފުކެއްގެ ސައިޒު