Roadha Mihaaru
އެމެރިކާގެ އުޅަނދު މާސްގެ ބިމަށް ޖައްސައިފި

އެމެރިކާގެ އުޅަނދު މާސްގެ ބިމަށް ޖައްސައިފި

19 ފެބުރުއަރީ 2021

"ބިރުވެރިކަމުގެ ހަތް މިނިޓް"، މިއީ ދާދި ދެންމެއަކު މާސްގެ ބިމަށް ޖެއްސި އެމެރިކާގެ ކުޑަކުޑަ އުޅަނދު، ޕާސިވިއަރެންސްގެ އެންމެ ނާޒުކު ވަގުތުކޮޅު، ނާސާގެ އިންޖިނިއަރުން ސިފަކުރި ގޮތެވެ.

މޫސާ ލަތީފް މޫސާ ލަތީފް

"ބިރުވެރިކަމުގެ ހަތް މިނިޓް"، މިއީ ދާދި ދެންމެއަކު މާސްގެ ބިމަށް ޖެއްސި އެމެރިކާގެ ކުޑަކުޑަ އުޅަނދު، ޕާސިވިއަރެންސްގެ އެންމެ ނާޒުކު ވަގުތުކޮޅު، ނާސާގެ އިންޖިނިއަރުން ސިފަކުރި ގޮތެވެ.

އެ "ބިރުވެރިކަމުން" ސަލާމަތްވެ ޕާސިވިއަރެންސް މިހާރު ވަނީ، ދުނިޔެއާ އެންމެ ކައިރި އަދި ދުނިޔެއާ އެންމެ އެއްގޮތް ސިފަތަކެއް ހުރި ޕްލެނެޓްގެ ބިމުގައި ހަމަޖެހިލައިފަ އެވެ. މިއީ އަނެއްކާވެސް އެމެރިކާގެ ޖައްވީ އިދާރާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

"އުފާވެރި ހަބަރަކީ، ޖައްވީ އުޅަނދު ރަނގަޅު ހާލަތުގައި ބިމަށް ތިރިކުރުން،" މި މަޝްރޫއުގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރު މެޓް ވެލެސް ވިދާޅުވި އެވެ.

އެ ޔަގީންކަން ލިބުމާ އެކު މަރުކަޒުގައި ތިބި އިންޖިނިއަރުން އުފަލުން ހަޅޭއްލަވަން ފެށި އެވެ. އުޅަނދުން ފޮނުވި ފުރަތަމަ ދެ ފޮޓޯގަނޑު އެ މީހުންގެ ސްކްރީންތަކަށް އެރި އިރު ވެސް، ތިބީ އެ އުފާވެރިކަމުގެ ތެރޭގަ އެވެ. އެ ފޮޓޯތައް ނެގީ، ޖައްސާ ވަގުތު ބުރައިގެން ދާ ހިރަފުސްތަކުން ސަލާމަތްވާން، ހާއްސަ ކަވަރެއް ލެންސްތަކުގައި އަޅާފައި ހުއްޓަ އެވެ. އެކަމަކު މާސްގެ އެ ސަރަހައްދުގެ އެއްވަރު ފަސްގަނޑު ރަނގަޅަށް އެ ފޮޓޯތަކުން އެނގެ އެވެ.

އުޅަނދު ޖެއްސި ޖެޒޭރޯ ވަޅުގަނޑު އޮތް ސަރަހައްދަކީ، ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި، އެއް ޒަމާނެއްގައި ކޯރެއް ދެމުނު ހިސާބެވެ. އެއްވެސް އިރެއްގައި މާސްގައި ދިރުމެއް ވީ ނަމަ އެކަމުގެ ހެކިތައް ފެނުން އެންމެ ކައިރި ސިފަތައް، ސެޓެލައިޓްގެ ފޮޓޯތަކުން ކަށަވަރުކޮށްދެނީ ވެސް، އެ ސަރަހައްދުން ކަމަށް ސައިންސްވެރިން ބުނެ އެވެ.

ނާސާއިން މާސްގެ ތަހުލީލުތަކަށް ފޮނުވި ޕާސިވިއަރެންސްގެ ކުރެހުމެއް

ނާސާއިން މާސްގެ ތަހުލީލުތަކަށް ފޮނުވި ޕާސިވިއަރެންސްގެ ކުރެހުމެއް

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ، ނާސާގެ މި ކާމިޔާބަށް މަރުހަބާ ވިދާޅުވެ، ޓްވީޓް ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި "މިއަދު އަނެއްކާވެސް ސާބިތުކޮށްދިނީ ސައިންސްގެ ބާރާއި އެމެރިކާގެ ހުނަރާ އެކު އެއްވެސް ކަމެއް ވަނީ ހާސިލްނުކުރެވޭނެ ހިސާބެއްގައި ނޫން ކަމެވެ."

ޕާސިވިއަރެންސް ޖައްސަން ޖެޒޭރޯ ކަނޑައަޅައި، ސީދާ އެ ތަނަށް އުޅަނދު މިސްރާބުކުރުމަކީ ވެސް ބުރަ މަސައްކަތެކެވެ. ސައިންސްވެރިން ބުނާ ގޮތުގައި އެ އުޅަނދުގައި ހިމެނޭ ފަދަ ސޮފިސްޓިކޭޓެޑް އާލާތްތައް ހުރި އުޅަނދެއް މާސްއަށް މިހާތަނަށް ފޮނުވާފައެއް ނުވެ އެވެ. ހަމައެހެން ދުނިޔެއިން ބޭރުގެ އެއްވެސް ތަނެއްގައި ދިރުމެއް ވޭތޯ ބަލަން ސައިންސްވެރިން ކުރަމުން އަންނަ މަސައްކަތުގައި ޖެޒޭރޯ ކަހަލަ އުއްމީދު ބޮޑު ސަރަހައްދެއް ވެސް ކަނޑައަޅާފައެއް ނުވެ އެވެ.

މިދިއަ އަހަރުގެ ޖުލައި މަހު ދުނިޔެއިން އުދުއްސާލި، ހަ ފުރޮޅު ލީ އަދި 2.7 ބިލިއަން ޑޮލަރުގެ އުޅަނދު، 470 މިލިއަން ކިލޯމީޓަރުގެ ދިގު ދަތުރަކަށް ފަހު މާސްގެ އެޓްމޮސްފިއާގެ ތެރެއަށް ވަދެ ވަރަށް ބާރު ސްޕީޑްގައި ތިރިއަށް މިސްރާބު ޖެހި އެވެ. އެކަމަކު ގަޑިއަކު 20،000 ކިލޯމީޓަރުގެ ބާރު މިނުގައި ތިރިއަށް ފައިބައިގެން ދިޔަދިއުން، އޮޓަމެޓިކް ވަރުގަދަ ވައިކުޑައަކުން ކޮންޓްރޯލްކުރި އެވެ. އަދި ބިމާ ހަމައަށް ފޯރުމުގެ ތިން މިނިޓް ކުރިން، އުޅަނދުގައި ހިމެނޭ "އިންޖީނުތައް" ހިންގާލި އެވެ. މާސްގެ ބިމުގައި މަޑުމަޑުން ޕާސިވިއަރެންސް ބަހައްޓައިދިނީ، އެ ތިރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ހުރި "ސްކައި ކްރޭނުން"ނެވެ.

ޕާސިވިއަރެންސްގައި ޖުމްލަ 20 ކެމެރާ ހިމެނެ އެވެ. އޭގެ ތެރެއިން ހަތަރު ކެމެރާ ހަރުކޮށްފައި ހުރީ އެ ބިމަށް ތިރިކުރި "ކްރޭންގަ" އެވެ. އެކަމަކު އުޅަނދު ބިމަށް ޖެއްސުމާ އެކު "ކްރޭން" ހިމެނޭ ބައި އޭގެ ޒާތުގައި މާ ދުރަށް ގޮސް ވެއްޓުނީ އެވެ.

މި އުޅަނދުގައި ހިމެނޭ އެންމެ ޝައުގުވެރިވާނެ އާދަޔާ ހިލާފު އެއްޗަކީ ކުޑަކުޑަ ހެލިކޮޕްޓަރެކެވެ. މިއީ ދުނިޔެއިން ބޭރުގެ އެހެން ބިމަކަށް ފުރަތަމަ ފޮނުވި ހެލިކޮޕްޓަރެވެ. ކެލިފޯނިއާގައި ގާއިމްކޮށްފައިވާ ޖެޓް ޕްރޮޕުލްސަން ލެބޯރަޓަރީގައި ތިބެގެން ސައިންސްވެރިން އެ ހެލިކޮޕްޓަރު ދުއްވައި، މާސްގެ ފޮޓޯ އާއި ވީޑިއޯ ނަގާނެ އެވެ. މިހާތަނަށް ރާވާފައި ވަނީ މަދުވެގެން ފަސް ފަހަރު ހެލިކޮޕްޓަރު އުދުއްސާލާށެވެ.

މާސްގެ ދަތުރުތައް

- 50 ޕަސެންޓް: މާސްގެ ބިމަށް ތިރިކުރުމުގައި ފެއިލްވި މިޝަންތަކުގެ ނިސްބަތް

- 15: މާސްގެ ބިމަށް ޖައްސަން ފޮނުވި އުޅަނދުތަކުގެ އަދަދު

- 9: ކާމިޔާބުކަމާ އެކު ޖެއްސި އުޅަނދުތައް (ހުސް އެމެރިކާގެ އުފެއްދުންތައް)

- 1: މާސްގެ ބިމަށް ޖެއްސުމުގައި ނާސާއަށް ކާމިޔާބުނުވި ހަމައެކަނި އުޅަނދު

އުޅަނދުން މާސްއަށް ގެންދިޔަ ހެލިކޮޕްޓަރު ފެންނަ ގޮތް ދައްކައިދޭ ކުރެހުމެއް

އުޅަނދުން މާސްއަށް ގެންދިޔަ ހެލިކޮޕްޓަރު ފެންނަ ގޮތް ދައްކައިދޭ ކުރެހުމެއް

މި ޕްރޮޖެކްޓްގެ ސައިންސްވެރިން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ މާސްގެ ބިމުގައި އެއްވެސް އިރަކު ދިރުމެއް ވިތޯ ކުރާ ދިރާސާތަކަށެވެ. ނާސާއަށް މިހާރު ލިބިފައިވާ ފަންޑުން މާސްގެ އެއް އަހަރަށް (ދުނިޔޭގެ 687 ދުވަސް) އުޅަނދުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.

ބިން ތޮރުފައިގެން ތަފާތު ސާމްޕަލްތައް ނަގައި، ކުދިކުދި ޓިއުބުތަކުގައި ރައްކާކޮށް ބިމަށް ދޫކޮށްލާނެ އެވެ. އެ އެއްޗެހި ބަލައި، ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) ގުޅިގެން ހިންގާ އެތައް ބިލިއަން ޑޮލަރެއްގެ މަޝްރޫއުއެއްގެ ދަށުން އެހެން އުޅަނދެއް މާސްއަށް ފޮނުވަން ވަނީ ނިންމައިފަ އެވެ. އެކަމަކު އެ އުޅަނދު އުދުއްސާލެވޭނެ ކަމަށް ބެލެވެނީ 2026 ގަ އެވެ. އަދި ޕާސިވިއަރެންސްއިން މާސްގެ ބިމަށް ދޫކޮށްލި ސާމްޕަލްތައް ދުނިޔެއަށް ގެނެވޭވަރު ވާނެ ކަމަށް ލަފާކުރަނީ 2031 ގަ އެވެ.

ދުނިޔެއަށް އެ ސާމްޕަލްތައް ގެނެސް ތަހުލީލްކުރަން ޖެހެނީ ހޯދުންތައް ކަށަވަރުކުރާށެވެ. މާސްގެ ބިމުން ދުނިޔެއަށް ފޮނުވާ މައުލޫމާތުތަކާއި ފޮޓޯތަކުން ހޯދޭ އެއްޗަކާ މެދު އަބަދުވެސް ސުވާލު އުފެއްދުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު އަސްލު ސާމްޕަލްތައް ދުނިޔެއަށް ގެނެސް ކުރާ ތަހުލީލުތަކުން ހޯދޭ ސިއްރުތަކުގެ ކަށަވަރުކަން ބޮޑުވެ އެވެ.