Roadha Mihaaru
ރަޝިއާ އިން މިލިޓަރީ ސެޓެލައިޓެއް ޓެސްޓްކޮށްފި

ރަޝިއާ އިން މިލިޓަރީ ސެޓެލައިޓެއް ޓެސްޓްކޮށްފި

28 ޖުލައި 2020

ރަޝިއާ އިން މިލިޓަރީ ސެޓެލައިޓެއް ޓެސްޓްކުރުމަކީ، އެމެރިކާ ދެކޭ ގޮތުގައި، ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ އެމެރިކާ އާއި ބައިވެރިން ޖައްވުގައި ބަހައްޓާފައި ހުރި މުދާތަކަށް ބޮޑު ނުރައްކަލެއް ކަމަށް އެމެރިކާ ބުނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ރަޝިއާ އިން މިލިޓަރީ ސެޓެލައިޓެއް ޓެސްޓްކުރުމަކީ، އެމެރިކާ ދެކޭ ގޮތުގައި، ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ އެމެރިކާ އާއި ބައިވެރިން ޖައްވުގައި ބަހައްޓާފައި ހުރި މުދާތަކަށް ބޮޑު ނުރައްކަލެއް ކަމަށް އެމެރިކާ ބުނެ އެވެ.

ރަޝިއާ އިން ލިބިގަންނަ ޖައްވީ ބާރުވެރިކަމާ މެދު އެމެރިކާއިން ކަންބޮޑުވަނީ، އެމެރިކާގެ ސެޓެލައިޓްތަކަށް ހަމަލާދީ ވައްޓާލަފާނެތީ އެވެ. އެމެރިކާ ގަބޫލުކުރާ ގޮތުގައި ރަޝިއާ އިން ޖައްވުގައި ހެދި ޓެސްޓްތަކުން އެ މަންޒަރު ސިފަކުރެވެ އެވެ.

ޖައްވުގައި މިލިޓަރީ ބާރެއް އެކުލަވާލުމަށް އެމެރިކާއިން ވަރަށް ބުރަކޮށް މަސައްކަތް އެބަ ކުރެ އެވެ. އެ މީހުންގެ ވިސްނުން ހުރީ "ސްޕޭސް ފޯސް"ގެ ނަމުގައި ޖައްވުގައި މިލިޓަރީ ބާރުވެރިކަމެއް އުފެއްދުމަށެވެ. މިއީ އެމެރިކާ ގަބޫލުކުރާ ގޮތުގައި އެއްވެސް ބަަޔަކަށް ނުރައްކަލަކަށް ނުވާނެ އެވެ. މިއީ އެމެރިކާއިން ގައުމުގެ ދިފާއުގައި ކުރަންޖެހިފައި އޮތް ކަމެކެވެ.

ރަޝިއާ އިން ދައްކައިދޭން ބޭނުންވަނީ، އެމެރިކާ ބުނާ ގޮތުގައި، މިލިޓަރީ ސެޓެލައިޓް ދަތުރުކޮށްފައި ދާ މަގުމަތީގައި އެހެން ސެޓެލައިޓެއް އޮތް ނަމަ އެތިފަހަރަކުން ޖަހައި ވައްޓައިލެވިދާނެ ކަމެވެ. ނަމަވެސް، ރަޝިޔާއިން މި މަންޒަރު މުޅިން ސިފަކޮށެއް ނުދެ އެވެ. އަދި ކުރަން އުޅޭ ކަމެއް ވެސް ނުބުނެ އެވެ. އެމެރިކާގެ އޮފިޝަލުން މިކަން ސިފަކޮށް ބުނަނީ "ގޮތް ދައްކަނީ" ކަމަށެވެ.

ރަޝިޔާގެ ބޭނުމަކީ ޖައްވުގައި ހުރި ކުނިތައް ހަލާކުކޮށްލެވޭ ފެންވަރަށް ސެޓެލައިޓެއް ތަރައްގީކުރުން ކަމަށް ވެސް ވެދާނެ އެވެ. މިލިޓަރީ މަސައްކަތްތަކެއް ގޮތަށް ދައްކުވައި، އެހެން މީހުން ލައްވައި ބާރުވެރިކަން ވަޒަންކުރުމަކީ ވެސް ފިނިހަނގުރާމައިގެ އުކުޅެކެވެ. ދުނިޔޭގައި ނަގާކިޔާ ބާރުވެރި ގައުމުތަކުގެ މެދުގައި ޖައްވީ ވާދަވެރިކަން އިހުނަށް ވުރެ ބޮޑުވެފައި ވާއިރު، ގޮތްފޮތް ދައްކާލަން ކަމެއް ކުރުމަކީ ވެސް އަނެކުން ހުން އަންނަ ވަރުގެ ކަމަކަށް ވާ ފަހަރު ވެސް އާދެ އެވެ.