Roadha Mihaaru
ރާއްޖޭގެ ސްޕޭސް މިޝަންގެ ޓީމު އެކުލަވާލައިފި

ރާއްޖޭގެ ސްޕޭސް މިޝަންގެ ޓީމު އެކުލަވާލައިފި، ރާއްޖޭގެ ފުރަތަމަ ސެޓެލައިޓް ހަދަނީ!

02 ޖުލައި 2022

ދިވެހި އަމިއްލަ ޖަމިއްޔާއަކުން ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ "ސްޕޭސް މިޝަން" ގެ ޓީމު އެކުލަވާލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދިވެހި އަމިއްލަ ޖަމިއްޔާއަކުން ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ "ސްޕޭސް މިޝަން" ގެ ޓީމު އެކުލަވާލައިފި އެވެ.

އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން އެކުލަވައިލި ހަތް މެމްބަރުންގެ އެ ޓީމުގައި ހިމެނެނީ އުމުރުން 30 އަހަރުން ދަށުގެ ހަތް ޒުވާނެކެވެ. އެއީ ދެ އަންހެނަކާއި ފަސް ފިރިހެނެކެވެ.

އައިޖީއެސް އިން މިއަދު ބުނީ އެ ޓީމުގައި ހިމެނެނީ އެރޯސްޕޭސް އިންޖިނިއަރުންނާއި އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖިނިއަރުންގެ އިތުރުން ކޮމްޕިއުޓާ ސައިންސް ދާއިރާގެ ގްރެޖުއޭޓުން ކަމަށެވެ.

ޖައްވީ މިޝަންގެ ޓީމު:

ހުސައިން އައްސަދު، ރ. އަލިފުށި

ހުސެއިން ރިޒާމް، މާލެ

އަހުމަދު އީޖާޒް އަބްދުﷲ، އއ. ބޮޑުފުޅަދޫ

މަރިޔަމް މަހްރޫސާ އަބްދުއްރަހްމާން، މާލެ

މަރިޔަމް ޝިމާނަތު، ގދ. ރަތަފަންދޫ

މުހައްމަދު އަޝްހަމް މުޖުތަބާ، މާލެ

މުހައްމަދު ޖުނައިދު، ހއ. އިހަވަންދޫ

އެ ޓީމުން މިހާރު ވަނީ ނެނޯ ސެޓަލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯސް ފުރިހަމަ ކޮށްފައި ކަމަށް އައިޖީއެސް އިން ބުންޏެވެ. އެއީ ސެޓަލައިޓް ހަދައި ލޯންޗުކޮށް، ސައިންޓިފިކް ރިސާޗް ހަދަން ހަދަން ދަސްކޮށްދޭ ކޯހެކެވެ.

އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިއްފަތު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ތާވަލާ އެއްގޮތަށް ކުރިޔަށް ދާ ކަމަށެވެ.

އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ރާއްޖޭގައި ސެޓެލައިޓް ހަދައި ޓެސްޓު ކުރާނެ ޒުވާނުން ބިނާކުރަން ހާއްސަ އިސްކަމެއް ދެއްވާ.--- ފޮޓޯ:އައިޖީއެސް

އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ރާއްޖޭގައި ސެޓެލައިޓް ހަދައި ޓެސްޓު ކުރާނެ ޒުވާނުން ބިނާކުރަން ހާއްސަ އިސްކަމެއް ދެއްވާ.--- ފޮޓޯ:އައިޖީއެސް

"ޓީމު ތަމްރީނުކޮށް ނިންމައި، ސެޓަލައިޓް ޑިޒައިން ފައިނަލްކޮށް ހާޑުވެއާ އޯޑަރު ކުރެވިއްޖެ. ކޮވިޑުގެ ބަލިމަޑުކަމާއި އިގްތިސާދީ ދަތިތަކާއި ލޮކްޑައުންގެ ގޮންޖެހުމާއެކު ވެސް އަޅުގަނޑުމެންނަށް ކާމިޔާބު މަސައްކަތްތައް ކުރެވިއްޖެ،" އޭނާ ވިދާޅުވި އެވެ.

އައިޖީއެސް އިން ބުނާގޮތުގައި މި ސްޕޭސް މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ "ޕްރޮޓައިޕް ސެޓެލައިޓް" ހަދައި ޓެސްޓު ކުރުމެވެ.

"މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަ ބެލުމުގެ ގޮތުން ހަދާ ސެޓެލައިޓެކެވެ،" އެ ޖަމިއްޔާގެ ބަޔާނުގަިއ ވެ އެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ ޑައިރެކްޓަރަށް އައްޔަން ކޮށްފައި ވަނީ އިންޑިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ސްރިމަތީ ކޭސަން އެވެ. އޭނާއަކީ 2017 ވަނަ އަހަރު ނާސާއިން ލޯންޗު ކުރި ދުނިޔޭގެ އެންމެ ކުޑަ ސެޓެލައިޓްގެ މިޝަންގެ ވެސް ޑައިރެކްޓަރެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ މެއިން ޕާޓްނަރަކީ އެޗްޑީސީ އެވެ.