Roadha Mihaaru
ޖުޕިޓަރާއި ސެޓާންގެ އާދަޔާ ހިލާފު ބައްދަލުވުން

ޖުޕިޓަރާއި ސެޓާންގެ އާދަޔާ ހިލާފު ބައްދަލުވުން

17 ޑިސެމްބަރ 2020

މިއީ ރޭގަނޑު އުޑުމަތީގެ މަންޒަރުތައް ތަސްވީރުކުރަން ޝައުގުވެރިވާ މީހުންނަށް ވަރަށް ރަނގަޅު މައްސަރެކެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން، ރޭގަނޑުގެ އުޑުމަތިން އެންމެ ގާތްގާތުގައި ފެންނަން ހުންނަ އަލިގަދަ ދެ ތަރި އަކީ ޖުޕިޓަރާއި ސެޓާން އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

މިއީ ރޭގަނޑު އުޑުމަތީގެ މަންޒަރުތައް ތަސްވީރުކުރަން ޝައުގުވެރިވާ މީހުންނަށް ވަރަށް ރަނގަޅު މައްސަރެކެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން، ރޭގަނޑުގެ އުޑުމަތިން އެންމެ ގާތްގާތުގައި ފެންނަން ހުންނަ އަލިގަދަ ދެ ތަރި އަކީ ޖުޕިޓަރާއި ސެޓާން އެވެ.

ޖުޕިޓަރަކީ އިރުގެ ނިޒާމުގައި ހިމެނޭ އެންމެ ބިޔަ ޕްލެނެޓެވެ. އަދި ހަނދަށް ފަހު ރޭގަނޑުގެ އުޑުމަތިން ފެންނާނެ، ދެ ވަނަ އަށް އެންމެ އަލިގަދަ ތަރި އެވެ. ސެޓާންއަކީ ދެ ވަނަ އަށް އެންމެ ބިޔަ ޕްލެނެޓެވެ. އަދި ހަނދަށް ފަހު، ރޭގަނޑުގެ އުޑުމަތިން ފެންނާނެ، ހަތް ވަނަ އަށް އެންމެ އަލިގަދަ ތަރި އެވެ. (މި ލިޔުމުގައި މި ދެ ޕްލެނެޓަށް "ތަރި" މި ލަފްޒު ބޭނުންކޮށްފައި އެވަނީ، ހަނދު ފިޔަވައި އުޑުމަތިން ރޭގަނޑު ފެންނަ، ގުދުރަތީ ކޮންމެ ދިއްލުމަކަށް، ދިވެހިންގެ ތެރޭގައި ތަރި ކިޔާ އުސޫލުންނެވެ.)

ސެޕްޓެމްބަރު މަހުގެ ތެރޭގައި، މިދެ ތަރި ފާޅުވާން ފަށަނީ، އިރުމަތީ ފަރާތުން، އިރު ދެކުނު މިސްރާބުންނެވެ. އޭރު ދެ ތަރީގެ ދެމެދުގައި އެކަށީގެންވާ ދުރުމިނެއް ހުއްޓެވެ. އޮކްޓޫބަރު މަސް ނިމި ނޮވެމްބަރު މަސް ފެށުނުއިރު، (މިބިމުގައި ތިބެ ބަލާ ބެލުމަށް) ޖުޕިޓަރާއި ސެޓާންއާ ދެމެދު ހުރީ ފަސް ޑިގްރީގެ ދުރުމިނެކެވެ. އެއީ އުޑާ ދިމާލަށް އަތް ދަމާލާފައި ބަލައިލުމުން އަތުގެ މެދު ތިން އިނގިލީގެ ފުޅާމިނެވެ. (އުޑުމަތީގައި ދަރަޖައިން މިންކުރަން ބޭނުންކުރެވިދާނެ އަނެއް މިންގަނޑަކީ ހަނދެވެ. ހަނދުގެ އެއް ފަރާތުން އަނެއް ފަރާތަށް ފެންނަން އެ ހުންނަ ފުޅާމިނަކީ، ގާތްގަނޑަކަށް ބައި ދަރަޖައެވެ.)

ނޮވެމްބަރު ނިމި ޑިސެމްބަރު މަސް ފެށުނުއިރު، ޖުޕިޓަރާއި ސެޓާންއާ ދެމެދު ހުރި ދުރުމިން ވަނީ ދެ ޑިގްރީއަށް ކުޑަވެފަ އެވެ. މިހާރު މި ދެ ތަރި ފެންނަން ހުންނާނީ، އެއް ތަރި އަނެއް ތަރިއާ ދާދި ގާތުގަ އެވެ. މިއީ މިދިއަ 800 އަހަރު ތެރޭގައި މިގޮތަށް ދިމާވާ ފުރަތަމަ ފަހަރެވެ.

މި މަހުގެ ކުރީކޮޅުން ފެށިގެން، ރޭގަނޑުގެ އަނދިރިކަން ޖައްވަށް ވެރިވާއިރު، މި ދެ ޕްލެނެޓް، ފާޅުވާން ފަށަނީ ހުޅަނގު ފަރާތު އުޑުމަތިންނެވެ.

މި މަހުގެ ތެރޭގައި، މި ދެ ތަރި ވެސް އަރާނީ ދުވާލުގެ ވަގުތުގަ އެވެ. ނަމަވެސް އަޅުގަނޑުމެންގެ ލޯތަކަށް މި ދެ ތަރި ފެންނަން ފަށާނީ، ރޭގަނޑުގެ އަނދިރިކަން އުޑުމައްޗަށް ވެރިވާން ފެށުމުންނެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ފާޅުވާން ފަށާނީ ޖުޕިޓަރެވެ. އޭގެ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓް ފަހުން، ޖުޕިޓަރަށް ވުރެ ކުޑަ ތަންކޮޅެއް މަތިން ސެޓާން ފެންނަން ފަށާނެ އެވެ.

އުޑުމަތީގެ މި ހަރަކާތްތަކުގެ އިތުރުން، މި މަހު ފެންނާނެ އެންމެ ރީތި މަންޒަރަކީ، މިއަދު އިރު އޮއްސި، ރޭގަނޑުގެ އަނދިރިކަން އުޑުމައްޗަށް ވެރިވާން ފެށުމާ އެކު، ހަނދާއި، ޖުޕިޓަރާއި، ސެޓާން ވަރަށް ރީތިކޮށް ގާތްގާތުގައި އެތުރިލައިގެން ތިބޭ މަންޒަރެވެ. މިރޭގެ ހަނދު ހުންނާނީ، ހުޅަނގު ފަރާތު އުދަރެހުން ފެށިގެން 34 ދަރަޖަ އުހުގަ އެވެ. އިރު އޮއްސޭތާ މާ ގިނަ އިރުތަކެއް ނުވެ، ހަނދަށް ވުރެ ގާތްގަނޑަކަށް ހަތަރު ދަރަޖަ ތިރިން (އުދަރެހުން ފެށިގެން 30 ދަރަޖަ އުހުން)، ޖުޕިޓަ ފާޅުވާން ފަށާނެ އެވެ. އަދި އޭގެ ފަސް ވަރަކަށް މިނެޓް ވެސް ނުވަނީސް، ޖުޕިޓަރަށް ވުރެ، ވަރަށް ކުޑަ ތަންކޮޅެއް މަތިން ސެޓާން ދައްކާލަނެ އެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނާނެ މަންޒަރެކެވެ.

މިރޭ ހަނދާއި ޖުޕިޓަރާއި ސެޓާން މިހާ ކައިރީގައި އެތުރިލާއިރު، ސެޓާން ހުންނާނީ، މި މަސް ފެށުނު އިރު ހުރި ވަރަށްވުރެ ޖުޕިޓަރާ ކައިރިއަށް ޖެހިފަ އެވެ. ޑިސެމްބަރު މަސް ނިމެން ދާވަރަކަށް، ސެޓާން މަޑުމަޑުން ތިރިއަށް ޖެހި ޖުޕިޓަރާ ކައިރިވަމުން އަންނާނެ އެވެ.

ހަޤީޤަތުގައި މި ދެ ޕްލެނެޓް، އޭގެ ޒާތުގައި އެކަތި އަނެކައްޗާ ކައިރިއަށް ޖެހެނީކީ ނޫނެވެ. އިރުގެ ވަށައިގެން ޕްލެނެޓްތައް ބުރުޖަހަމުން ދާ ދިއުމުގައި، ރޭގަނޑަށް އުޑުމަތީގައި ޕްލެނެޓްތައް އެތުރިފައި ހުންނަ ގޮތް ބިމަށް ފެންނަ އިރު، އެކަތި އަނެކައްޗާ ކައިރިވާ ގޮތަށް ފެންނަނީ އެވެ. މި ގޮތުގެ މަތިން މި ދެ ޕްލެނެޓް އެންމެ ބޮޑަށް ގާތްވެފައި ހުއްޓާ ފެންނާނީ، މިޑިސެމްބަރު 21 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 11:21ގަ އެވެ. އޭރު އެ ދެ ޕްލެނެޓްގެ ދުރުމިނުގައި ހުންނާނީ 0.1 ދަރަޖަ (ދަރަޖައެއްގެ ދިހަ ބައިކުޅަ އެއްބައި)ގެ މިންވަރެވެ. އެހެންކަމުން، ބިމުގައި ތިބެ ބަލައިލާއިރު، މިދެ ޕްލެނެޓް އެކަތި އަނެކައްޗާ އެކުވެފައިވާހެން ވެސް ހީވެދާނެ އެވެ. ނަމަވެސް އެރޭގެ 8:15 ހާއިރު ރާއްޖެއަށް މި ދެ ޕްލެނެޓް ވެސް އޮއްސޭނެތީ އެ މަންޒަރު ރާއްޖޭގައި ތިބޭ ބަޔަކަށް ނުފެންނާނެ އެވެ.

މި ބިމުގެ ނިސްބަތުން ބަލާއިރު، ބިމާ އެކު އެހެން ދެ ގުރަހައެއް ނުވަތަ ގުދުރަތީ ދެ ޖިސްމެއް، އެކަތި އަނެކައްޗާ އެއް މިސްރާބަކަށް އަންނަ ހާލަތަށް ކިޔައި އުޅެނީ، މާރަހަ (conjunction) ވުމެވެ. އެގޮތުން ހަނދު މަސް ފެށެނީ، މި ބިމާއި އިރާއި ހަނދު އެއް މިސްރާބަކަށް ސީދާވާ ވަގުތު ކަމަށްވާއިރު، އެ ހާލަތަށް ވެސް މާރަހަވުމޭ ނުވަތަ އެއްއުއި ވުމޭ ކިޔަ އެވެ. މިއީ އަހަރަކު 12 ފަހަރު މެދުވެރިވާ ހާލަތެކެވެ. އެއީ ކޮންމެ ހަނދު މަހެއް ނިމި އަނެއް މަސް ފެށޭ ވަގުތެވެ.

ނަމަވެސް މި ބިމާއި ޖުޕިޓަރާއި ސެޓާން، މާރަހަވަނީ ވަރަށް ދިގު މުއްދަތަކުންނެވެ. އެއީ ގާތްގަނޑަކަށް ކޮންމެ 20 އަހަރަކުން އެއް ފަހަރު އެވެ. މިތިން ޕްލެނެޓް އެއްއުއި ވުމަށް (great conjunction)އޭ ކިޔަ އެވެ. މި އަހަރުގެ ތެރޭގައި މި ތިން ޕްލެނެޓްގެ އެއްއުއިވުން ފުރިހަމަވާނީ ނުވަތަ (great conjunction)ގެ ޙާލަތު މެދުވެރިވާނީ، މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 11:21ގަ އެވެ. އެކަމަކު މިއީ، މީލާދީން 1623 ވަނަ އަހަރަށް ފަހު، މި ބިމުގެ ނިސްބަތުން، ޖުޕިޓަރާއި ސެޓާން މިހާ ކައިރިއަށް އަންނާނެ ފުރަތަމަ ފަހަރެވެ. އެ އަހަރު ވެސް މި ދެ ޕްލެނެޓް ދުނިޔޭގެ ނިސްބަތުން މިހާ ކައިރިވެފައި ވިޔަސް، އެ އަހަރުގެ ތެރޭގައި ދެ ޕްލެނެޓް މާރަހަވި ވަގުތު، ދެ ޕްލެނެޓް ވެސް ހުރީ، މިބިމުގެ ނިސްބަތުން ބަލާއިރު، އިރާ 13 ދަރަޖަ ކައިރީގައި ކަމަށް ވާތީ، އެ އެއްއުއިވި މަންޒަރު، މި ބަމަށް މާރަނގަޅަށް ފެނިފައި ނުވާނެ ކަމަށް، ސެންޓަ ފޯ އެސްޓްރޯފިޒިކްސް، ހާވާޑް އެންޑް ސްމިތުސޯނިއަންގެ ތަރުޖަމާނު އެމީ ސީ. އޮލިވާ ވިދާޅުވި އެވެ. ސަބަބަކީ، އެވަގުތު ދެ ޕްލެނެޓް ވެސް ހުންނާނީ އިރުގެ ދަޅަގަނޑުގެ ތެރޭގައި ކަމަށް ވާތީ އެވެ.

އެހެންކަމުން، މި އަހަރުގެ އެއްއުއިވުމަކީ، މީލާދީން 1226 ވަނަ އަހަރަށް ފަހު، މި ދެ ޕްލެނެޓް މިހާ ގާތުގައި ވަނިކޮށް، މި ބިމަށް ފެންނާނެ ފުރަތަމަ ފަހަރެވެ. މާޗު 4، 1226ގެ ފަޖުރު ލުމުގެ ކުޑަތަންކޮޅެއް ކުރިން، މި ދެ ޕްލެނެޓް، އެކަތި އަނެކައްޗާ ވަރަށް ގާތުގައި ވަނިކޮށް އޭރުގެ މީހުންނަށް ފެނިފައި ހުންނާނެ އެވެ. މި މަހުގެ 21 ވަނަ ދުވަހަށް ފަހު، ދެން މި ދެ ޕްލެނެޓް މިހާ ގާތުގައި ވަނިކޮށް ފެންނާނީ، 2080 ގަ އެވެ. ސުވާލަކީ، ޖުޕިޓަރާއި ސެޓާންގެ އެއްއުއިވުން، މިހާ ނާދިރު ކަމަކަށް ވަނީ ކީއްވެ ހެއްޔެވެ؟

އިރުގެ ވަށައިގެން ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވަވާފައި ހުރިހާ ޕްލެނެޓްތަކެއް ވެސް، ދަރުތުކުރަމުން ދަނީ، އެއިން ކޮންމެ ޕްލެނެޓަކަށް އެކަލާނގެ ކަނޑައަޅުއްވާފައިވާ ވަކި ފަލަކެއް (އޯބިޓެއް)ގަ އެވެ. މިބިން ދަތުރުކުރަނީ އިރުން ފެށިގެން 149 މިލިއަން ކިލޯމީޓަރު ދުރުގައިވާ، ވަށަމިނުގައި ގާތްގަނޑަކަށް 584 މިލިއަން މޭލު ހުންނަ، ކުކުޅުބިސް ބުރުގެ ފަލަކެއްގަ އެވެ. މި ބިން އެ ފަލަކުގައި، ބަރާބަރު ބުރެއް ފުރިހަމަކުރަނީ، 365 ދުވަހާއި ހަ ގަޑިއިރާއި ނުވަ މިނެޓާއި 10 ސިކުންތުންނެވެ. އެއީ މީލާދީ އެއް އަހަރެވެ.

ޖުޕިޓަރު ދަތުރުކުރަނީ އިރުން ފެށިގެން 778 މިލިއަން ކިލޯމީޓަރު ދުރުގައިވާ، ވަށަމިނުގައި ގާތްގަނޑަކަށް 3.37 ބިލިއަން މޭލު ހުންނަ، ކުކުޅުބިސް ބުރުގެ ފަލަކެއްގަ އެވެ. އެ ފަލަކުގައި، ޖުޕިޓަރު ބަރާބަރު ބުރެއް ފުރިހަމަކުރަނީ، މި ބިމުގެ 11.86 އަހަރު (142 މަސް)ގެ ތެރޭގަ އެވެ. މާނައަކީ، ޖުޕިޓަރުގެ އެއް އަހަރުގެ ދިގުމިނަކީ، މިބިމުގެ 11.86 އަހަރު ކަމެވެ.

ސެޓާން ދަތުރުކުރަމުން ދަނީ އިރުން ފެށިގެން 1.43 ބިލިއަން ކިލޯމީޓަރު ދުރުގައިވާ، ވަށަމިނުގައި ގާތްގަނޑަކަށް 5.5 ބިލިއަން މޭލު ހުންނަ، ކުކުޅުބިސް ބުރުގެ ފަލަކެއްގަ އެވެ. އެ ފަލަކުގައި، ސެޓާން ބަރާބަރު ބުރެއް ފުރިހަމަކުރަނީ، މިބިމުގެ 29.46 އަހަރުގެ (354 މަސް)ގެ ތެރޭގަ އެވެ. މާނައަކީ، ސެޓާންގެ އެއް އަހަރުގެ ދިގުމިނަކީ، ދުނިޔެއަށް 29.46 އަހަރެވެ.

މި ތިން ޕްލެނެޓް، އިރުގެ ވަށައިގެން ދައުރުކުރާ ބާރުމިން ވެސް، އެކަތި އަނެކައްޗާ އެހާމެ ތަފާތެވެ. މިބިން، އިރުގެ ވަށައިގެން ދައުރުކުރާ ބާރުމިނަކީ ސިކުންތަކު، 29.8 ކިލޯމީޓަރެވެ. ޖުޕިޓަރގެ ބާރުމިނަކީ، ސިކުންތަކު 13.1 ކިލޯމީޓަރެވެ. އަދި ސެޓާންގެ ބާރުމިން އުޅެނީ ސިކުންތަކު 9.7 ކިލޯމީޓަރުގަ އެވެ. މިއިން އެނގެނީ، އެ ޕްލެނެޓަކާއި އިރާ ދެމެދު ހުންނަ ދުރުމިން ބޮޑުވި ވަރަކަށް، އޭގެ ދުވެލި މަޑުކަމެވެ. އެހެންކަމުން، މި ބިމާއި ޖުޕިޓަރާއި ސެޓާން، އިރުގެ ވަށައިގެން ދަތުރުކުރާ ބާރުމިނާއި، އެއިން ކޮންމެ ޕްލެނެޓެއްގެ ފަލަކުގެ ބޮޑުމިނުގެ ތަފާތުގެ ސަބަބުން، މި ތިން ޕްލެނެޓް އެއް މިސްރާބަކަށް ސީދާވާ (މާރަހަވާ ނުވަތަ އެއްއުއިވާ) މުއްދަތު އެހާ ބޮޑަށް ތަފާތުވަނީ އެވެ. އެއީ ކޮންމެ 19.86 އަހަރަކުން (19 އަހަރާއި 10 މަސްދުވަހުން) އެއް ފަހަރު އެވެ.

ޖުޕިޓަރުގެ އަހަރަކީ، މި ބިމުގެ 11.86 އަހަރު ކަމަށް ވާތީ، މި ތިން ޕްލެނެޓް އެއްއުއިވާ މުއްދަތު ކަމަށްވާ 19.86 އަހަރުގެ ތެރޭގައި، ޖުޕިޓަރަށް ފުރިހަމަކުރެވޭނީ، އެ ޕްލެނެޓްގެ އެއް އަހަރާއި، އަހަރެއްގެ ތިން ބައިކުޅަ ދެބަ އެވެ. އަދި ސެޓާންގެ އަހަރަކީ، މި ބިމުގެ 29.6 އަހަރު ކަމަށް ވާތީ، މިދެންނެވި 19.86 އަހަރުގެ ތެރޭގައި، ސެޓާން އަށް ކަޑައްތުކުރެވިފައިވާނީ، ސެޓާންގެ އަހަރެއްގެ ގާތްގަނޑަކަށް ތިން ބައިކުޅަ ދެ ބައެވެ. މާނައަކީ، ސެޓާންގެ އަހަރެއް ފުރިހަމަ ނުވެ، ނުވަތަ ފަލަކުގެ ބުރު ފުރިހަމަނުވެ ބާކީ، މިބިމުގެ ގާތްގަނޑަކަށް 10 އަހަރު އޮންނާނެ ކަމެވެ.

މި ޙަޤީޤަތްތަކަށް ބަލާއިރު، އިރުގެ ވަށައިގެން މި ބިން ދައުރުކުރާ ބާރުމިނަށް ވުރެ، ޖުޕިޓަރު ދަތުރުކުރާ ދުވެލި މަޑެވެ. އަދި މި ބިމާއި ޖުޕިޓަރަށް ވުރެ ސެޓާންގެ ދުވެލި މަޑެވެ. ހަމައެފަދައިން ބިމުގެ ފަލަކަށް ވުރެ ޖުޕިޓަރުގެ ފަލަކު ބޮޑެވެ. އަދި މިބިމުގެ ފަލަކާއި ޖުޕިޓަރުގެ ފަލަކަށް ވުރެ، ސެޓާންގެ ފަލަކު ބޮޑެވެ. އެކަތި އަނެކައްޗާ އެހާ ދުރުމިނުގައިވާ، އަދި ދަތުރުކުރާ ދުވެލި އެހާ ތަފާތު މި ތިން ޕްލެނެޓް، އެއް މިސްރާބަކަށް ސީދާވުމަށް، އެހާ ދިގު މުއްދަތެއް (20 އަހަރު) ނަގަނީ މި ސަބަބުތަކަށްޓަކަ އެވެ.

މި އަހަރަށް ފަހު، މި ބިމާއި ޖުޕިޓަރާއި ސެޓާން ދެން އެއްއުއިވާނީ، ނޮވެމްބަރު 2، 2040ގަ އެވެ. އޭގެ ފަހުން، އޭޕްރީލް 7، 2060ގަ އެވެ. އެ ދެ ފަހަރު ވެސް، ދެ ޕްލެނެޓްގެ ދެމެދުގައި ހުންނާނީ ގާތްގަނޑަކަށް 1.1 ދަރަޖައިގެ ދުރުމިނެކެވެ. މާނައަކީ މި އަހަރުގެ ތެރޭގައި މާރަހަވާ އިރު ދެ ޕްލެނެޓްގެ ދެމެދުގައި ހުންނަ ދުރުމިނަށް ވުރެ، 11 ގުނަ ބޮޑު ދުރުމިނެއް ހުންނާނެ ކަމެވެ.

މި އަހަރުގެ ތެރޭގައި ތިން ޕްލެނެޓް މާރަހަވާ މަންޒަރު، ހެޔޮވަރުގެ ޓެލެސްކޯޕަކުން ވަރަށް ރީތިކޮށް ބަލައިލެވޭނެ އެވެ. ނަމަވެސް، ޓެލެސްކޯޕުން ފެންނާނީ ޖުޕިޓަރާއި ސެޓާން އެކަންޏެވެ. ސަބަބަކީ، އެ ދެ ޕްލެނެޓަށް ބަލަން ޓެލެސްކޯޕުގައި ލޯ ޖަހައިގެން ހުންނަ މީހާ، ހުއްޓި އެހުރީ ތިން ވަނަ ޕްލެނެޓް ކަމަށްވާ، މި ބިންމަތީގަ އެވެ.

ހަމަ ލޮލަށް ވެސް މިދެންނެވި ދެ ޕްލެނެޓް ފެންނާނެ އެވެ. ނަމަވެސް ހަމަ ލޮލުން ބަލާއިރު، ޖުޕިޓަރާއި ސެޓާން ވަކިވަކިން ފާހަގަކުރަން ދަތިވެދާނެ އެވެ. ސަބަބަކީ، އެއް ޕްލެނެޓާއި އަނެއް ޕްލެނެޓާ ދެމެދު ހުންނަ ދުރުމިން ކުޑަކަމުންނެވެ. ނަމަވެސް ޓެލެސްކޯޕަކުން ބަލާއިރު، ވަރަށް ސާފުކޮށް މި ދެ ޕްލެނެޓް ވަކިވާނެ އެވެ.

މި މަހުގެ 21 ވަނަ ދުވަހުގެ އިރު އޮއްސޭތާ ނުވަ ވަރަކަށް މިނެޓްގެ ތެރޭގައި، ހުޅަނގު މިސްރާބަށް ވުރެ ކުޑަތަންކޮޅެއް ދެކުނުން، 27 ދަރަޖަ އުހުން ޖުޕިޓަރާއި ސެޓާން ފާޅުވާން ފަށާނެ އެވެ. ހަމަލޮލަށް ބަލާއިރު، އެއީ އެއް ތަރިކަމަށް ހީވެދާނެ އެވެ. ނަމަވެސް މި ތަރި ހުޅަނގު ފަރާތު އުދަރެހާ މާ ކައިރިނުވަނީސް، ރަނގަޅު ޓެލެސްކޯޕަކުން ބަލައިލުމުން، ދެ ތަރީގެ ތަފްޞީލްތައް ފެންނާނެ އެވެ. އެ ގޮތުން ޖުޕިޓަރުގެ ވަށައިގެން ދައުރުކުރާ 79 ހަނދުގެ ތެރެއިން އެންމެ ބޮޑު ހަތަރު ހަނދު (ގަލީލިއަން މޫންސް)، ވަރަށް ސާފުކޮށް ޓެލެސްކޯޕަށް އަރާނެ އެވެ. އަދި ސެޓާންގެ ރިންގު ވެސް އެހާމެ ސާފުކޮށް ފެންނާނެ އެވެ. މިއީ ޖައްވީ ހަރަކާތްތަކަށް ޝައުގުވެރިވާ މީހުންނަށް ހިތްގައިމު މަންޒަރުތަކެވެ.

އެޑިޓަރުގެ ނޯޓު

އަހުމަދު އަބްދުﷲ ސައީދަކީ، "ހަވީރު" އާއި "މިހާރު"ގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ލިއުންތެރިއެކެވެ. އޭނާ މިހާރު މަސައްކަތްކުރައްވަނީ ރައީސް އޮފީހުގަ އެވެ. އެކަމަކު ދީނީ އަދި ފަލަކީ ބައެއް މައުލޫއުތަކަށް "މިހާރު"އަށް ދޭތެރެދޭތެރެއިން ލިއެދެއްވަ އެވެ. މިއީ ލިއުންތެރިކަމުގައި އޭނާގެ ވަރަށް ހާއްސަ ދެ ދާއިރާ އެވެ.