Roadha Mihaaru
އޭލިއަނުން އިންސާނުންނަށް ފާރަލަނީ؟

އޭލިއަނުން އިންސާނުންނަށް ފާރަލަނީ؟

08 ނޮވެމްބަރ 2019

އޭލިއަނުން އުޅޭ ކަމަށް ގަބޫލުކުރާ މީހުން އެކި ދުވަސްވަރު އެކި ފާޑުގެ ވާހަކަ ދައްކަ އެވެ. މިފަހަރު ވެސް އެކަހަލަ ވާހަކައެކެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އޭލިއަނުން އުޅޭ ކަމަށް ގަބޫލުކުރާ މީހުން އެކި ދުވަސްވަރު އެކި ފާޑުގެ ވާހަކަ ދައްކަ އެވެ. މިފަހަރު ވެސް އެކަހަލަ ވާހަކައެކެވެ.

އޭލިއަނުން އުޅޭކަން ކަށަވަރުކުރުމަށް ސައިންސްވެރިންގެ ބަޔަކު ކުރި މަސައްކަތުން، ޖައްވުގެ ތެރެއިން ބިމަށް ފައިބައިގެން އައި އެތިގަނޑެއް ފެނުނެވެ. އެ ހިސާބުން، އޭތިގަނޑު އޭލިއަން ސެޓެލައިޓެއް ކަމަށް ބުނަންފެށި އެވެ. އިންސާނުން އުޅޭ ނޫޅޭ ގޮތް ބަލައި ފާރަލުމަށް، ދުނިޔެ ވަށައި އެނބުރެނީއޭ ބުންޏެވެ. އޭގެ ދުވަސްތަކެއް ފަހުން، އެއްކަލަ "ސެޓެލައިޓް" ދުނިޔޭގެ ވައިގެ ފަށަލަ އަށް ވަދެ އަނދައި ހުލިވި އެވެ. އެއީ ޖައްވުގެ ތެރެއިން އައި ކުނިގަނޑެއްކަން އެނގުނީ އެ ހިސާބުންނެވެ.

ޖައްވުގެ ތެރެއިން އިވޭ ކަމަށް ބުނާ އަޑުފައްގަނޑަށް ވީ ވެސް މިހަކަ ގޮތެކެވެ. އޭލިއަނުން އުޅޭކަން ސާބިތުކުރުމަށް "ރޭޑިއޯ ޓެލެސްކޯޕް" ބަހައްޓައިގެން ސައިންސްވެރިން ކުރި މަސައްކަތުގައި، ބަޔަކު ވާހަކަދައްކާ އަޑު ޖައްވުގެ ތެރެއިން ބިމަށް އަންނަކަން ފާހަގަކުރެވުނެވެ.

އެއީ އޭލިއަނުން ވާހަކަދައްކާ އަޑު ކަމަށް އެއްބަޔަކު ގަބޫލުކުރި އެވެ. ކިޔާ އެއްޗެއް ސާފެއް ނުވެ އެވެ. ސަބަބަކީ، އޭލިއަނުންގެ ބަހުރުވަ އިންސާނުންގެ ބަހުރުވަ އަށް ވުރެ ބާރުގަދަވުން ކަމަށް ބަލައިގެން ތިބީ އެވެ. ނަމަވެސް، ރޭޑިއޯ ޓެލެސްކޯޕްތައް ބާރުގަދަވެ، ކޮމްޕިއުޓަރުގެ އެހީގައި އަޑުތައް ފުރާނާލެވޭ ފެންވަރަށް ޒަމާން ތަރައްގީވުމުން އެނގުނީ، އެއީ ދުނިޔެއިން ފޮނުވާ މުވާސަލާތީ ސިގްނަލްތަކުން ބައެއް އެނބުރި ބިމަށް އަންނާތީ ވާ ގޮތެއް ކަމެވެ.

އޭލިއަންއާ ބެހޭ ގޮތުން ދައްކާ ވާހަކަތައް، މިކަން ގަބޫލުކުރާ މީހުންނަށް ވަރަށް ސީރިއަސް އެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި އޭލިއަނުންގެ ވިސްނުން އަހަރެމެންގެ އިންސާނުންނަށް ވުރެ މާ ވަރުގަދަ އެވެ. ނުވަތަ އޭލިއަނުން ވަނީ އިންސާނުންނަށް ވުރެ މާބޮޑަށް ކުރިއަރައިފަ އެވެ. އެހެންވެ އެސޮރުމެން ކުރާ ދަތުރުތަކާއި ދޭ ހަމަލާތައް އިންސާނުންނަށް ދެނެގަންނަން ވެސް ނޭނގެނީ އެވެ.