Roadha Mihaaru
އާދަޔާ ޚިލާފަށް ދުވެލި ބާރު ތަރިއެއް ހޯދިއްޖެ

އާދަޔާ ޚިލާފަށް ދުވެލި ބާރު ތަރިއެއް ހޯދިއްޖެ

25 ޑިސެމްބަރ 2017

ޖައްވުގެ ތެރޭގައި ދަތުރު ކުރަމުންދާ އެތައް މިލިއަން ތަރިތަކާއި ޕްލެނެޓްތަކުގެ ތެރެއިން މިހާތަނަށް ފެނުނު އެންމެ ދުވެލި ބާރު ސައެންސްވެރިން ހޯދައިފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ޖައްވުގެ ތެރޭގައި ދަތުރު ކުރަމުންދާ އެތައް މިލިއަން ތަރިތަކާއި ޕްލެނެޓްތަކުގެ ތެރެއިން މިހާތަނަށް ފެނުނު އެންމެ ދުވެލި ބާރު ސައެންސްވެރިން ހޯދައިފި އެވެ.

އެ ތަރީގެ ދުވެލީގެ ބާރުމިނަށް ބަލާއިރު، މިދުނިޔެ އިން ހަނދަށް އެންމެ މިނެޓަކަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޖައްސައިލެވޭނެ އެވެ. ރާާއްޖޭން ފުރައިގެން އެންމެ ދެ ސިކުންތުގެ ތެރޭގައި އެމެރިކާގެ މިސޫރީ އަށް ޖައްސައިލެވޭނެ އެވެ. ޖައްވީ ދިރާސާތައް ކުރާ ސައެންސްވެރިން ބުނާ ގޮތުގައި މިއީ މިހާތަނަށް ހޯދިފައިވާ އެންމެ ދުވެލި ބާރު ތަރި އެވެ.

ޗިލީގައި ގާއިމުކޮށްފައިވާ ޖައްވީ ދިރާސާތަކާ ބެހޭ މަރުކަޒެއްގައި މަސައްކަތް ކުރާ ސައެންސްވެރިން ބުނާ ގޮތުގައި، "އެސް ޓޫ"ގެ ނަން ދީފައިވާ މި ތަރި ދަތުރު ކުރަމުންދަނީ މިލްކީ ވޭގެ ތެރޭގައި ވާ ބްލެކް ހޯލެއްގެ ވަށައިގެން ގަޑިއަކު 18 މިލިއަން ކިލޯމީޓަރުގެ ބާރުމިނުގަ އެވެ.

ކުކުޅު ބިސް ބުރުގެ އޯބިޓެއްގައި ދަތުރުކުރަމުންދާ އެ ތަރި، މި ބިމުގެ އިރަށް ވުރެ 15 ގުނަ ބޮޑެވެ. މި ތަރި ދަތުރުކުރަމުންދާ އިރު ބްލެކް ހޯލްއާ ކައިރިވާ ވަރަކަށް، ބްލެކް ހޯލްގައިވާ ދަމާ ބާރުގެ ސަބަބުން ތަރީގެ ދުވެލި ބާރުވާ ކަމަށް ސައެންސްވެރިން ބުނެ އެވެ.

މި ތަރި އެހާ ބާރު ދުވެއްޔެއްގައި ދަތުރުކުރާ އިރު ވެސް، އޭގެ އޯބިޓްގެ މެދުގައިވާ ބްލެކް ހޯލްގެ ވަށައިގެން ބުރެއް ފުރިހަމަ ވަނީ، މި ބިމުގެ ނިސްބަތުން ގުނާއިރު 15 އަހަރާއި ދެ މަސްދުވަހުންނެވެ. އެހެންކަމުން މި ތަރީގެ ބިޔަ ކަމާއި ތަރީގެ އޯބިޓްގެ ބޮޑުކަން ވަޒަން ކުރެވެ އެވެ.

މި ތަރީގެ ތަފްސީލުތައް ސައެންސްވެރިން ހޯދީ، ޗިލީގެ އިޓަކާމާ ފަރުބަދައިގެ މަތީގައި ގާއިމުކޮށްފައި ހުރި، ޔޫރަޕިއަން ސްޕޭސް އޭޖެންސީގެ ބިޔަ ޖައްވީ ދުރުމިން ބަލައިގެން ކުރި ދިރާސާތަކުންނެވެ. އެ ދުރުމި ހަރުކޮށްފައި ހުރީ ކަނޑުގެ ސަތަހަ އަށް ވުރެ 2563 މީޓަރު އުހުގަ އެވެ.