މި ފަހަރު އެސްޓީއޯ މާލޭ ލީގުގައި ކުޅުނު ފުރަތަމަ މެޗުތަކުގައި ޓީސީ ސްޕޯޓްސް ކްލަބްގެ ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ ފަރާތުން ފެނުނީ މިދިޔަ ސީޒަނާ ބަލާއިރު ދަށް ކުޅުމެކެވެ. ލީގުގައި މިދިޔަ ހޯމަ ދުވަހުގެރޭ ވެލެންސިއާ ކޮޅަށް ހެދި ހެޓްރިކާ އެކު ފޭދޫ އިއްބެ ފޯމަކަށް އެޅުނުއިރު، މިއީ މި އަހަރުގައި ކުރިއަށްދާން އޭނާ އަށް މުހިއްމު ފެށުމެއް ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގަބޫލުކުރެ އެވެ.
26 މެއި 2018
މި ފަހަރު އެސްޓީއޯ މާލޭ ލީގުގައި ކުޅުނު ފުރަތަމަ މެޗުތަކުގައި ޓީސީ ސްޕޯޓްސް ކްލަބްގެ ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ ފަރާތުން ފެނުނީ މިދިޔަ ސީޒަނާ ބަލާއިރު ދަށް ކުޅުމެކެވެ. ލީގުގައި މިދިޔަ ހޯމަ ދުވަހުގެރޭ ވެލެންސިއާ ކޮޅަށް ހެދި ހެޓްރިކާ އެކު ފޭދޫ އިއްބެ ފޯމަކަށް އެޅުނުއިރު، މިއީ މި އަހަރުގައި ކުރިއަށްދާން އޭނާ އަށް މުހިއްމު ފެށުމެއް ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގަބޫލުކުރެ އެވެ.
މިދިޔަ ސީޒަންގެ ފަހު ތިން މުބާރާތުގައި ވެސް ޓީސީން ދެ ވަނަ ހޯދިއިރު، މި ފަހަރު އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅެން ޖެހޭތީ އޮފް ސީޒަނުގައި މާ ބޮޑު ބްރޭކެއް ނުލިބި މި އަހަރަށް ވަރަށް އަވަހަށް ޓީސީން ސީޒަން ފެށި އެވެ. އޭގެ ސަބަބުން މާލޭ ލީގުގެ ފުރަތަމަ މެޗުތަކުގައި ޓީސީގެ ބައެއް ކުޅުންތެރިންގެ ކުޅުން ދަށްވި އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ ފޭދޫ އިއްބެ އެވެ. ފުރަތަމަ ބުރުގައި އަނިޔާގެ ސަބަބުން ވެސް ބައެއް މެޗުތައް ފޭދޫ އިއްބެ އަށް ގެއްލުނެވެ.
ވެލެންސިއާ ކޮޅަށް ދެ ވަނަ ހާފު ފަށައިގެން ފޭދޫ އިއްބެ ވަނީ ދެ ލަނޑު ޖަަހައިފަ އެވެ. އޭގެ ފަހުން ޓީސީ އަށް ލިބުނު ޕެނަލްޓީ ޖަހަން ފުރަތަމަ ދިޔައީ ބިދޭސީ ފޯވާްޑް ޑިއޯ ވިލިއަމްސް އެވެ. އެކަމު ނިޒާމްބެ ވަނީ އެ ޕެނަލްޓީ ޖަހަން ފޭދޫ އިއްބެއާ ހަވާލުކުރަން ބުނެފަ އެވެ. އެއީ އޭނާގެ ހެޓްރިކް ހަދަން ފުރުސަތު ދޭށެވެ.
"އިއްބެ އަސްލު ގޯލު ޖަހަން ފަށަން (މި އަހަރު) ލަސްވެއްޖެ. ދެން މި މެޗުގައި އޭނާ ދެ ގޯލު ޖަހާފައި އިނުމުން ފުރުސަތު ދިނީ ހެޓްރިކް ހަދަން. ވަރަށް މުހިއްމު ކަމެއް،" ވެލެންސިއާ މެޗަށް ފަހު ނިޒާމްބެ ބުންޏެވެ.
މިދިޔަ އަހަރު ވެސް ޓީސީގެ މޮޅު ކުޅުން ފެއްޓުނީ މާލޭ ލީގުގެ މެދުތެެރެއިންނެވެ. ފޭދޫ އިއްބެ ވެސް މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅުނު އެ ސީޒަނުގައި ފެށީ އެ ހިސާބުންނެވެ.
"މިދިޔަ އަހަރު ވެސް މިއީ އޭނަ ފެށި ހިސާބު. މި ހިސާބުން ފަށައިގެން އޭނަ ކުރިއަށްދާން ފެށީ. އުއްމީދުކުރަން މިއީ އޭނާގެ ފެށުމަކަށް ވެގެންދާނެ ކަމަށް." އުއްމީދުގައި ހުރެ ނިޒާމްބެ ބުންޏެވެ.
މިދިޔަ ސީޒަނުގައި ވެސް ފޭދޫ އިއްބެ ހެޓްރިކް ހެދީ ލީގުގެ ދެ ވަނަ ބުރުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މި އަހަރުގައި ވެސް އޭނާގެ ހެޓްރިކް މި ފެނުނީ ހަމަ ލީގުގެ ދެ ވަނަ ބުރުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
"ވަރަށް އުފާވެއްޖެ. މިހާ ދުވަސްކޮށްލާފައި ތިން ގޯލު ޖެހުނީމަ. މިއީ ފެށުމެއް ކަމަށް ބަލައިގެން ކުރިއަށްދާނީ،" އެ މެޗަށް ފަހު ފޭދޫ އިއްބެ ބުންޏެވެ.
މިދިޔަ ސީޒަނުގައި ވެސް މާލޭ ލީގުގެ ދެ ވަނަ ބުރާ ހަމައަށް އައިއިރު ފޭދޫ އިއްބެ އޮތީ ލަނޑު ލިސްޓުގެ މާ ކުރީގައެއް ނޫނެވެ. އެކަމު ފަހު މުބާރާތްތަކުގައި ތަފާތު ދައްކާ އޭނާ ސީޒަން ނިންމާލީ 17 ގޯލު ޖަހައިގެންނެވެ. ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ހާސިލްކުރި ނިއު ރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ)އާ އެންމެ ގާތުން ވާދަކުރީ ވެސް ފޭދޫ އިއްބެ އެވެ. މި އަހަރު މިހާތަނަށް އޭނާ ވަނީ ފަސް ގޯލު ޖަހައިފަ އެވެ.
"މިދިޔަ އަހަރު 17 ގޯލު ޖެހުނަސް މި އަހަރު އުނދަގޫވާނެ. ވީހާވެސް މަސައްކަތް މި ކުރަނީ މިދިޔަ އަހަރަށް ވުރެ ގިނައިން ޖަހަން މި އަހަރު. އެއީ އެންމެ ބޮޑު އުއްމީދަކީ،" ފޭދޫ އިއްބެ ބުންޏެވެ.
ލީގުގައި އެންމެ އަވަހަށް ޓީސީ ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހުގެރޭ ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.
ހަގީގަތަކަށްވީ ހުވަފެނާއި ނިޒާމްބެ ދިން ހިތްވަރު
ވިކްޓަރީއާ އެއްވަރުވެ ޓީސީ އަށް ހަތަރު ވަނަ
ދަގަނޑޭގެ ދެ ގޯލުން ނިއު އިން ޓީސީ ބަލިކޮށްފި
ޓީސީއާ އެއްވަރުވެ ޔޫވީ އަށް ފުރުސަތު ހަނިވެއްޖެ
ޓީސީ ބަލިކޮށް ގްރީން ޕްރިމިއާ ލީގާ ގާތަށް
ފޭދޫ އިއްބެގެ ހެޓްރިކާ އެކު ޓީސީ ތިން ވަނަ އަށް
ފަހު ވަގުތު ޓީސީން މާޒިޔާއާ އެއްވަރުކޮށްފި
ޓީސީ އާއި އީގަލްސް އަށް ޕޮއިންޓެއް
ވަރުގަދަ މެޗަކުން ފެށުމަކީ ރަނގަޅެއް: ނިޒާމްބެ
ޔޫވީ އަތުން ޓީސީ އަށް އުނދަގޫ މޮޅެއް