21 އެޕްރީލް 2018
އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓައި މުހައްމަދު އައްޒާމް ވައްދާލި ގޯލުން 2-1 އިން ޔުނައިޓެޑް ވިކްޓަރީ އަތުން އުނދަގޫ މޮޅެއް ޓީސީ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.
އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓައި މުހައްމަދު އައްޒާމް ވައްދާލި ގޯލުން 2-1 އިން ޔުނައިޓެޑް ވިކްޓަރީ އަތުން އުނދަގޫ މޮޅެއް ޓީސީ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.
މި މޮޅާ އެކު ޓީސީ ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމު ފުރަތަމަ ބުރު ނިންމާލީ ހަތް މެޗުން 13 ޕޮއިންޓާ އެކު އެވެ. އެއް މެޗުން މަދުން ކުޅެގެން އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. ލީގުގައި މިރޭ އީގަލްސް އާއި މާޒިޔާ ކުޅޭ މެޗުން ނަތީޖާ ނުކުންނަ ގޮތަކުން ޓީސީ އަށް ދެ ވަނަ ގެއްލުމުގެ ފުރުސަތު އެބައޮތެވެ.
މިއަދުގެ މެޗަށް ޓީސީން ނުކުތްއިރު އެ ޓީމުގެ ޔާމީން އިބްރާހިމް (ޔާމްބެ) ސަސްޕެންޑްވެފައި ހުރުމުން އޭނާގެ ބަދަލުގައި މެދަށް ކުޅެމުން ދިޔައީ ޒުވާން ކުޅުންތެރިޔާ މުހައްމަދު ސާދު ނިޒާރު އެވެ. ސަސްޕެންޝަނަށް ފަހު އެނބުރި އައިސް މިއަދުގެ މެޗުގައި ޓީސީގެ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭވް ވެސް ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. ޓީސީ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) މި މެޗުގައި ނުކުޅެ އެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު، ޓީސީން ލީޑު ނެގީ މެޗުގެ 22 ވަނަ މިނިޓްގައި އިޝާން އިބްރާހިމް (ސައްޓު) ޖެހި ގޯލުންނެވެ. އަރިމަތިން އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ލިބުނު ބޯޅަ އޭނާ ދިނީ އޭރިއާ ތެރޭގައި ހުސްކޮށްހުރި ސައްޓު އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މި ހާފުގައި ނަތީޖާ ހަމަހަަމަ ކުރަން ޔުނައިޓެޑް ވިކްޓަރީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެހެން ނަމަވެސް ޓީސީގެ ފަހަތުން ދިޔައީ ޔުނައިޓެޑް ވިކްޓަރީގެ އެޓޭކްތައް ހުއްޓުވުމުގައި ކުރި ހޯދަމުންނެވެ. ޓީސީ އަށް އުނދަގޫތަކެއް ކުރިމަތިވަނީ ޔުނައިޓެޑް ވިކްޓަރީގެ ކުރިއަށް ކުޅޭ ޓްރިންޑާޑް ފޯވާޑް ސެމިއުލް ކޯޑެލް އަށް ލިބޭ ބޯޅަ ތަކުގަ އެވެ.
ޔުނައިޓެޑް ވިކްޓަރީ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 70 ވަނަ މިނިޓްގައި ސެމިއުލް އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ސެމިއުލް ވަނީ ހަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭނާ އެ ބޯޅަ ގޯލަށް ވައްދާލީ ޓީސީގެ ޑިފެންޑަރެއް ކައިރިން ދެމިގަތުމަށް ފަހު އެވެ.
ޓީސީން މެޗުގެ ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު އައްޒާމް ކާމިޔާބުކުރީ ޔޫވީ އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުންނެވެ. މެޗުގެ 85 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން އަވަސްކޮށްލުމަށް ފަހު އަނަޓޯލީ އޭރިއާ ތެރެއިން މަތިން ހުރަސްކޮށްލި ބޯޅަ ހޯދުމަށް ފަހު އައްޒާމް ވަނީ އެ ބޯޅަ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
މި މެޗުން ބަލިވުމުން ޔުނައިޓެޑް ވިކްޓަރީ ފުރަތަމަ ބުރު ނިންމާލަން ޖެހުނީ ހަތް ވަނައިގައި އޮވެ އެވެ. އެ ޓީމަށް ހަތް މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.
"ފުރަތަމަ ކޮޅު ބޭނުންވި ގޮތަށް ދިޔައީ ޓެމްޕޯ އާއި ހުރިހާ ކަމެއް ދިޔައީ ފަހު 20 މިނިޓާ ހަމައަށް. އެ ވަން ގޯލު ނުލައި ވަރަށް ރަނގަޅު މަންޒަރެއް ފެނުނީ. ކުރިން ދިޔަ ގޮތަށް (ފައުލް ވެފައި އޮއްވައި) މެޗު އަވަހަށް ފަށަން މި ދިނީ. ކުޅުންތެރިންވީ ކުޅެން، އޮފިޝަލްކަންކުރާކަށް ނޫން. ފްރީ ކިކް ލިބުނު ހިސާބުން ކުޅުންތެރިން ރެފްރީ ވަށާލައިގެން އުޅެނިކޮށް އެ ގޯލު ޖަހައިފި،" މެޗާ ބެހޭގޮތުން ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުންޏެވެ.
އޭނާ ވަނީ އެ ޓީމުގެ ބެންޗުން ހުތުރު ބަހުން ރެފްރީންނާ ދިމާ އަށް އެއްޗެހި ގޮވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ އަނިޔާގެ މައްސަލަތަކާއި ސަސްޕެންޝަންގެ މައްސަލަ ދިމާވެފައިވުމުން މެޗަށް އައިރު އުނދަގޫތަކެއް ހުރި ނަމަވެސް މޮޅެއް ލިބުމުން އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
"އެވްރެޖްކޮށް ވަރަށް މުހިއްމު ވަރަށް ރަނގަޅު ތިން ޕޮއިންޓް މިއީ. މެޗަށް ނުކުތްއިރު ވެސް އެނގޭ ފަސޭހަ ނުވާނެކަން. ތަން ކޮޅެއް ފަސޭހަކޮށް ޑިފެންސް ތެރެއިން ވެސް ފެނުނު ދުވަހެއް. ކްލީން ޝީޓެއްގައި ނިންމަން ޖެހޭ ދުވަހެއް. ތިން ޕޮއިންޓް މުހިއްމީ އެ ލިބުނީމަ ވަރަށް ހިތްހަމަ ޖެހޭ،" ނިޒާމްބެ ބުންޏެވެ.
ޓީސީއާ އެއްވަރުވެ ޔޫވީ އަށް ފުރުސަތު ހަނިވެއްޖެ
ވިކްޓަރީއާ އެއްވަރުވެ ޓީސީ އަށް ހަތަރު ވަނަ
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ހިތްހަަމަޖެހުމެއް
ޔޫވީ އެއްވަރުވުމުން ގްރީނަށް ގަދަ ހަޔެއް ކަށަވަރުވެއްޖެ
ދަގަނޑޭގެ ދެ ގޯލުން ނިއު އިން ޓީސީ ބަލިކޮށްފި
ޓީސީ ބަލިކޮށް ގްރީން ޕްރިމިއާ ލީގާ ގާތަށް
ޔޫވީ މި އޮތީ ހިމަ ނަރެއްގެ މަތީގައި: ނަޒީހު
ޔޫވީ ބަލިކޮށް މާޒިޔާ ދިވެހި ޕްރިމިއާ ލީގަށް
ފޭދޫ އިއްބެގެ ހެޓްރިކާ އެކު ޓީސީ ތިން ވަނަ އަށް
ފަހު ވަގުތާ ޖެހެންދެން ޔޫވީ ހިތްވަރުކުރާނެ: ތޮލާލް