06 މެއި 2018
އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުން މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުން މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު ޓީސީ ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ އަށް މެޗުން 14 ޕޮއިންޓް ހަމަކޮށްގެންނެވެ. އެހެން ނަމަވެސް މިރޭ ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުން މާޒިޔާ ބަލިނުވެއްޖެނަމަ އެ ޓީމަށް އަލުން ދެ ވަނަ ލިބޭނެ އެވެ. އީގަލްސް އަށް އަށް މެޗުން ލިބުނު 12 ޕޮއިންޓާ އެކު އެ ޓީމު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. ފަސް ވަނައިގައި އޮތް ވިކްޓަރީ އަށް ވެސް 12 ޕޮއިންޓް ވަނީ ލިބިފަ އެވެ. އީގަލްސް އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު މެޗުގެ 16 ވަނަ މިނިޓްގައި އީގަލްސް އިން ރަނގަޅު ފުރުސަތެއް ތަނަަވަސްކުރި އެވެ. އޭރިއާ ތެރެއަށް އިބްރާހިމް މުބީން (މުއްކި) ހުރަސްކޮށްލި ބޯޅަ ބްރެޒިލްގެ ފޯވާޑް އެޑުއާޑޯ ޕުރްޗީނޯ ފައިގައި ލައްވާލާ ގޮތްނުވިއިރު، އަލުން އެ ބޯޅަ އީގަލްސްގެ ހަސަން ރާއިފް (ހަންނަ) އަށް ލިބުމުގެ ކުރިން ޓީސީގެ ކީޕަރު އިބްރާހިމް ނަދީމް (ރިކޫ) ވަނީ އެ ބޯޅަ ބޭރުކޮށްލައިފަ އެވެ.
އޭގެ ފަހުން މެޗުގެ 20 ވަނަ މިނިޓްގައި އޭރިއާ ބޭރުން އީގަލްސްގެ މުހައްމަދު އާރިފް (ބަކާ) ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލާ ސީދާވާގޮތަކަށް ނޫނެވެ.
މެޗުގެ ފުރަތަމަ 30 މިނިޓްގައި ޓީސީގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް އެޓޭކިންގައި ނުފެނެ އެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އިޝާން އިބްރާހިމް (ސައްޓު) އަދި ކިރްގިސްތާނުގެ މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭވް އަށް ލިބޭ ބޯޅަތަކުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
އީގަލްސް އަށް މެޗުގެ 31 ވަނަ މިނިޓްގައި ލީޑުނަަގައިދިނުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ތެރެއިން އަހުމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ބޯޅަ ކީޕަރު ރިކޫ ބޯމަތިން ގޮސް ޖެހުނީ ހުރަސް ދަނޑީގަ އެވެ. އެ ބޯޅަ ދެ ވަނަ ފަހަރަށް ކުޅުމުގެ ތެރެއަށް އެނބުރި ވަގުތު މުއްކި ދިނީ ރިޒޭ އަށެވެ. އޭނާ މި ފަހަރު ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ފުރަތަމަ ހާފުގެ 37 ވަނަ މިނިޓްގައި އީގަލްސްގެ މުއްކި އާއި ޓީސީގެ ޔާމީން އިބްރާހިމް (ޔާމްބެ) ދެމެދު ބޯޅަ ނެތިސް ހިނގި ހަމަނުޖެހުމެއްގައި ދެ ކުޅުންތެރިންނަށް މެޗުގެ ރެފްރީ ޒައީމް އަލީ ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ޔާމްބެ އާއި މުއްކިއާ ދެމެދު އިތުރު ހަމަނުޖެހުމެއް ހިނގިއިރު، ރެފްރީ ވަނީ ޔާމްބެ އަށް ރަތް ކާޑު ދައްކައިފަ އެވެ. ޔާމްބެ އަށް ރަތް ކާޑު ދެއްކުމުގެ ކުރިން ރެފްރީ ޒައީމްވަނީ ހަތަރު ވަނަ އޮފިޝަލަކަށް ހުރި އަހުމަދު ޝަކީލްގެ ލަފާ ހޯދައިފަ އެވެ. ރެފްރީގެ މި ނިންމުމާ ދެކޮޅަށް ޓީސީގެ އޮފިޝަލުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި އެޕީލްކުރި އެވެ.
ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ޓީސީން ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ދެ ވަނަ ހާފް ފެށިގެން ފަސް ވަނަ މިނިޓްގައި އެ ޓީމުން ރަނގަޅު ފުރުސަތެއް ތަނަވަސްކުރި އެވެ. ފޭދޫ އިއްބެ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ އީގަލްސް ގޯލްކީޕަރު ލަންކާގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ސައިޑް ކިކަކުން ފޭދޫ އިއްބެ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ވެސް ސުޖަން އެވެ.
ދެ ވަނަ ހާފުގައި އީގަލްސްގެ ފުރަތަމަ ހަމަލާ މެޗުގެ 35 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ލުއިޒް އެޑުއާޑޯ ފޮނުވާލި ބޯޅަ ކީޕަރު ރިކޫ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ފަހު 20 މިނިޓް ތެރޭގައި ޓީސީން ވަނީ އިބްރާހިމް ވަހީދު (އިއްބެ) އާއި މުހައްމަދު އައްޒާމް ކުޅެން އަރުވައިފަ އެވެ. ކުޅެން އެރިތާ ފަސް މިނިޓް ފަހުން އޭރިއާ ތެރޭގައި އިއްބެ ފޮނުވާލި ހަމަލާ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
އީގަލްސް އިން މެޗުގެ ފަހު ވަގުތު ކުރިއަށް ޖެހިގެން ގިނަ ވަގުތު ކުޅުނު ނަމަވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާނުލެވޭ ގޮތެއްނުވި އެވެ. މެޗުގެ ފަހު މިނިޓްގައި އޭރިއާ ބޭރުން ރިޒޭ ފޮނުވާލި ބޯޅައެއް ޓީސީ ކުޅުންތެރިން ބްލޮކްކުރިއިރު، އެ ބޯޅަ ޖެހުނީ ޓީސީ ކުޅުންތެރިއެއް އަތުގައި ކަމަށް ބުނެ އީގަލްސް ބެންޗުން ޕެނަލްޓީއެއް ހޯދަން ވަރަށް ބޮޑަށް އެޕީލްކުރި އެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗުގެ ތެރެއަށް ކުޅުންތެރިންނަށް ވަދެވުނުލެއް ލަސްވި ކަމަށާއި އެހެން ނަމަވެސް މެޗު ދިޔަ ގޮތާ ބަލާ އެއް ޕޮއިންޓުން ވެސް ހިތްހަމަ ޖެހޭ ކަމަށެވެ.
"މިކަހަލަ އުނދަގޫ މެޗެއްގައި އެއް ޕޮއިންޓާ އެކު ނިންމާލަން ޖެހުނަސް ރަނގަޅު. ފަހުން ހަމަ ބޮޑަށް ވިސްނީ ކޮޅަށް ލަނޑެއް ނުވަދެ ކައުންޓަ އެޓޭކުގައި ލަނޑެއް ޖަހަން. ފުރުސަތު ވެސް ލިބުނު އެކަމަކު ބޭނުން ނުހިފި ދިޔައީ. އޯވަރޯލްކޮށް (ޖުމްލަކޮށް) ރަނގަޅަށް ދިޔައީ،" އޭނާ ބުންޏެވެ.
ހުރިހާ ކުޅުންތެރިން ހަމަކޮށް މެޗު ކުޅެވުނު ނަމަ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އޭނާ ބުންޏެވެ. އަދި ރެފްރީންގެ ނިންމުންތަކާ ފާޑުކިޔުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި ހިނގާދިޔަ ކަމެއް ވިއްޔާ ވީޑިއޯ ބެލުމަށް ފަހު ދިރާސާކުރާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މުހިއްމު ކުޅުންތެރިންތަކެއް ނުލައި ކުޅުނު މެޗެއްކަމަށް ވުމުން ކޮޅަށް ލަނޑެއް ނުވަދެ ނިންމާލުމަކީ ހިތްހަމަ ޖެހުމެއް ކަމަށާއި ހާލަތަށް ބަލާއިރު ނަތީޖާ ވެސް ރަނގަޅު ކަމަށެވެ.
"ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ވަރަށް ބޮޑެތި ބަދަލުތަކެއް އެބައުޅޭ ހާއްސަކޮށް ފަހަތުގައި. ވަރަށް މުހިއްމު ތިން ކުޅުންތެރިން ނުލައި ކުޅުނުއިރު އެތަނެއް އެއްގޮތަކަށް ވެސް ނުދެއްކި. މިއަދު އަލަށް އެރި ކުޅުންތެރިން ވަރަށް ރަނގަޅަށް ޕާފޯމްކުރި. ކޮޅަށް ގޯލެއް ނުވަނުމަކީ ދެ ވަނަ ބުރު ފެށުނުއިރު ފެނުނު ރަނގަޅު ފާލެއް،" މޯހަން ބުންޏެވެ.
އޭނާ ބުނީ ދާން ބޭނުންވާ ޓާގެޓަށް ބަލާއިރު މި މެޗަކީ އެއް ޕޮއިންޓުން ވެސް ފުއްދާލެވޭނެ މެޗެއް ކަމަށާއި އެއް ކުޅުންތެރިއަކު މަދުކޮށް ޓީސީން ގިނަ ވަގުތު ކުޅުނުއިރު ވެސް މޮޅެއް ނުލިބި ފޭބުމަކީ އީގަލްސް އަށް އޮތް މާޔޫސްކަމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.
އީގަލްސް އަތުން ޓީސީން މުހިއްމު ތިން ޕޮއިންޓް ހޯދައިފި
"އީގަލްސްއާ މެދު ޓީސީ ހުރިހާ ވަގުތަކު ސަމާލުވާނެ"
ވިކްޓަރީއާ އެއްވަރުވެ ޓީސީ އަށް ހަތަރު ވަނަ
ގްރީން ބަލިކޮށް އީގަލްސް ދެ ވަނަ އަށް
ޔޫވީ އެއްވަރުވުމުން ގްރީނަށް ގަދަ ހަޔެއް ކަށަވަރުވެއްޖެ
ދަގަނޑޭގެ ދެ ގޯލުން ނިއު އިން ޓީސީ ބަލިކޮށްފި
ވިކްޓަރީ ބަލިކޮށް އީގަލްސް ތިން ވަނަ އަށް
ޓީސީއާ އެއްވަރުވެ ޔޫވީ އަށް ފުރުސަތު ހަނިވެއްޖެ
ޓީސީ ބަލިކޮށް ގްރީން ޕްރިމިއާ ލީގާ ގާތަށް
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް