Roadha Mihaaru
25 ޓަނުގެ ކަރާ މާލެ އަށް ފޮނުވަން: ތޮއްޑޫ

ދެ ދުވަހުން އެއް ދުވަހު 25 ޓަނު ކަރާ މާލެ ފޮނުވަން: ތޮއްޑޫ

22 މެއި 2018

މާލޭގެ ބާޒާރުގައި ކަރާގެ އަގު އުފުލެނީ ތޮއްޑޫން ކަރާ ފޮނުވާ ވަރު މަދުވުމުން ކަމަށް ބައެއް ވިޔަފާރިވެރިން ބުނި ނަމަވެސް އެއީ ދޮގެއް ކަމަށާއި، ދެ ދުވަހުން އެއް ދުވަހު 25 ޓަނުގެ ކަރާ މާލެ ފޮނުވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

މާލޭގެ ބާޒާރުގައި ކަރާގެ އަގު އުފުލެނީ ތޮއްޑޫން ކަރާ ފޮނުވާ ވަރު މަދުވުމުން ކަމަށް ބައެއް ވިޔަފާރިވެރިން ބުނި ނަމަވެސް އެއީ ދޮގެއް ކަމަށާއި، ދެ ދުވަހުން އެއް ދުވަހު 25 ޓަނުގެ ކަރާ މާލެ ފޮނުވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ތޮއްޑޫ ކައުންސިލްގެ މެމްބަަރު ހަސަން އަބްދުﷲ ވިދާޅުވީ، ކަރާގެ އިތުރުން އެ ރަށުން ފޮނުވާ ތަރުކާރީ އާއި މޭވާ އަދި ފަތްޕިލާވެލީގެ ބާވަތްތައް ވެސް ގިނަ އަދަދަކަށް މާލެ ފޮނުވާ ކަމަށެވެ.

"އަގު ކޮންޓްރޯލް ކުރަން މުދާ ނުފޮނުވާ ނުތިބޭނެ. އެހެން ނުވެސް ތިބެވޭނެ، ނުވިކި މިކޮޅުގަ ބަހައްޓައިފިއްޔާ އެ އެއްޗެހި ހަލާކުވާނީ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މާލެ އަށް މުދާ ފޮނުވާއިރު ބަލަނީ މާރުކޭޓުން ޖާގަ ލިބޭ ވަރަށް ކަމަށެވެ. އަދި ޖަގާ ލިބޭ ވަރަކުން، އިތުރަށް ފޮނުވަން ޖެހޭ ނަމަ، އިތުރަށް މުދާ ފޮނުވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"ދެ ދުވަހުން އެއް ދުވަހު ކަރާ ފޮނުވި ނަމަވެސް ޖާގަ ލިބޭ ވަރަކުން އިތުރަށް ވެސް ފޮނުވަން. ފަޅޯ، ޗައިނީސް ކެބެޖް، ކުއްޅަފިލާާފަތް ކަހަލަ އެއްޗެހި ހަމަ ކޮންމެ ދުވަހަކު ވެސް ގެންދޭ،" ހަސަން ވިދާޅުވި އެވެ.

ތޮއްޑޫން ގިނަ އަދަދަކަށް މާލޭ ބާޒާރަށް ކަރަ އާއި އެހެނިހެން ބާވަތްތައް ފޮނުވާކަމަށް ބުނި އިރު، މާލޭ ބާޒާރަށް އެންމެ ގިނައިން މުދާ ގެންނަ ރަށްރަށުގެ ތެރޭގައި ހިމެނޭ ކ. ކާށިދު އާއި ލ. އަތޮޅުގެ ރަށްރަށުގެ ދަނޑުތަކަށް ވަނީ، ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ވިއްސާރައިގެ ސަބަބުން ދަނޑުތަކަށް ގެއްލުން ވުމުން އެ ރަށްރަށުން މާލެ އަށް ގެންނަ ބާވަތްތައް އެހެން އަހަރުތަކާ އަޅާ ބަލާއިރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. މޫސުން ގޯސްވެ، ކާށިދޫ އާއި ލ. އަތޮޅުގެ ދަނޑުތައް ހަލާކުވި ނަމަވެސް އޭގެ އަސަރު ތޮއްޑު އަށް ނުކުރާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.

މާލޭގެ ބާޒާރުގައި ރޯދަ ފެށުމުގެ ކުރިން ކަލާ ކިލޯއެއް އުޅުނީ 15ރ. އަށެވެ. ރޯދަ ފެށުމާ އެކު އެ އަގު 45ރ. އަށް ބޮޑުވެގެން ދިޔަ އެވެ. ނަމަވެސް މިހާރު އެ އަގު ވަނީ 16-25ރ. އަށް ވެއްޓިފަ އެވެ.

ކަރާގެ އަގު ވެއްޓުނު ނަމަވެސް އަނެއްކާ ވެސް އަގު އުފުލުމުގެ ފުރުސަތު ބޮޑު ކަމަށް "މިހާރު" އަށް ވާހަކަ ދެއްކި، މާރުކޭޓުގެ ގޮޅިތަކުގައި ތިިބި ބައެއް ވިޔަފާރިވެރިން ވަނީ ބުނެފަ އެވެ. އެ މީހުންގެ ބުނަމުން ދަނީ ކަރާ ލިބުން އަދިވެސް ވަރަށް ދަތި ކަމަށެވެ.