Roadha Mihaaru
ދަނޑުތަކަށް ގެއްލުންވެ، ކަރާ ލިބުން ދަތިވެއްޖެ

ވިއްސާރައިގައި ދަނޑުތަކަށް ގެއްލުންވެ، ކަރާ ލިބުން ދަތިވެއްޖެ

14 މެއި 2018

މޫސުން ގޯސްވެ ބައެއް ރަށްރަށުގެ ކަރާ ދަނޑުތަކަށް ގެއްލުންވުމާ ގުޅިގެން، މި އަހަރުގެ ރޯދަ މަހަށް ކަރާ ލިބުން ދަތިވާނެ ކަމަށް، ބައެއް ރަށްރަށުގެ ކައުންސިލުން މިއަދު ބުނެފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

މޫސުން ގޯސްވެ ބައެއް ރަށްރަށުގެ ކަރާ ދަނޑުތަކަށް ގެއްލުންވުމާ ގުޅިގެން، މި އަހަރުގެ ރޯދަ މަހަށް ކަރާ ލިބުން ދަތިވާނެ ކަމަށް، ބައެއް ރަށްރަށުގެ ކައުންސިލުން މިއަދު ބުނެފި އެވެ.

ބާޒާރުގައި ކަރާގެ އަގު މިހާރު ވެސް ދަނީ އުފުލެމުންނެވެ. ބާޒާރުމަތީގެ މަދު ތަނެއްގައި ވިއްކަމުން މިހާރު އަންނަނީ އިންޑިއާ ކަރަ އެވެ.

އިއްޔެ 15ރ. އަށް ވިއްކި ކަރާ ކިލޯއެއް މިއަދު އުޅެނީ ދެ ގުނަ ބޮޑުކޮށް، 30ރ. ގަ އެވެ.

ވިއްސާރައިގެ ސަބަބުން ދަނޑުތަކަށް ގެއްލުން ލިބުނު ރަށްރަށުގެ ތެރޭގައި މިހާރު މާލެ އަށް އެންމެ ގިނަ އަދަދަކަށް ކަރާ ގެންނަ ކާށިދު އާއި ލ. އަތޮޅުގެ ބައެއް ރަށްރަށް ހިމެނެ އެވެ.

ކާށިދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ މާ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކަރާ ވެޔޮތައް ހަލާކުވި ކަމަށެވެ.

"މާ އަޅާފައި ކަރަޔަށް ނުވެ ހުރެއްޖެއްޔާ މާތައް ވެސް ހަލާކުވެގެން ދަނީ. ވިއްސާރަވީމަ ގޯސްވަނީ އެހެންވެ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހާ ދިމާކޮށް ލޯކަލް މާރުކޭޓުގައި މީހަކު ކަރާ ކިރަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

މިދިޔަ އަހަރުގެ ރޯދަ މަހާ ދިމާކޮށް ލޯކަލް މާރުކޭޓުގައި މީހަކު ކަރާ ކިރަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ލ. އަތޮޅު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ މޫސުން ގޯސްވުމުން، އެ އަތޮޅުގެ ދަނޑުވެރިންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ކުރީ އަހަރުތަކާ އަޅާބަލާއިރު އެ އަތޮޅުގެ ދަނޑުތަކުން ލިބޭ ކަރާގެ މިންވަރު 50 ޕަސެންޓް ދަށްވާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިވީ ގޮތަކީ މޫސުން ގޯސްވީމަ ބައެއް މީހުން ކަރާ އިންދުން ވެސް މަޑުޖައްސާލީ. އެ ހުރިހާ ކަމަކާ އެކު ޝޯޓޭޖެއް އައިސްގެން މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.

ކަރާ ހައްދަން މަޝްހޫރު ތޮއްޑޫން މި ރޯދައަށް ލިބޭނެ ކަރާގެ އަދަދު ވެސް މަދުވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ރަށު ކައުންސިލުން ބުނާ ގޮތުގައި އެގޮތަށް ދިމާވާނީ ރޯދައިގެ ފުރަތަމަ ހަފުތާގަ އެވެ.

ތޮއްޑޫ ކައުންސިލް މެމްބަރު ހަދީޖާ ނިއުޝާ ވިދާޅުވީ ދަނޑުވެރިން މި އަހަރު ކަރާ ހައްދަން ފެށީ އެހެން އަހަރުތަކަށް ވުރެ ފަހުން ކަމަށެވެ.

"މިހާރު ވެސް ކޮންމެވެސް ވަރަކަށް ކަރާ އެބަހުރި. ނަމަވެސް އާންމުކޮށް މާލޭ ބާޒާރަށް ގެންދެވެން ފެށޭނީ ރޯދަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި،" ހަދީޖާ ވިދާޅުވި އެވެ.

ކަރާގެ އިތުރުން ރޯދަމަހަށް ދޮންކެޔޮ ލިބުން ވެސް ވަނީ ދަތިވެފަ އެވެ. އެ ގޮތުން ދޮންކޭލުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ކުރިން 200-300ރ. އަށް ވިއްކި ސައިޒުގެ ދޮންކެޔޮގަނޑެއް މިހާރު ލިބެން ހުރީ 600-700ރ. އަށެވެ.

މިރުހާއި، ފިޔާ، އަލުވި އަދި އާންމުކޮށް ބޭނުންކުރާ ތަރުކާރީގެ ބާވަތްތައް ލިިބުން ދަތި ނޫން ކަމަށް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކުން ބުނެ އެވެ. އެގޮތުން އެތަކެތީގެ އަގުތައް އަދި ހުރީ ކުރިއެކޭ އެއް ވަރެއްގައި ހިފެހެއްޓިފަ އެވެ.