Roadha Mihaaru
ކަރާ ކިލޯއެއްގެ އަގު 40ރ. އުފުލިއްޖެ

ކަރާ ކިލޯއެއްގެ އަގު 40ރ. އުފުލިއްޖެ، އެހެން ބާވަތްތަކުގެ އަގު ހިފެހެއްޓިފައި

18 މެއި 2018

ކަރާ ހެއްދުމަށް މަޝްހޫރު އއ. ތޮއްޑޫން ކަރާ ގެންނަ އަދަދު މަދުވުމުން، މާލޭގެ ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު 40ރ. އަށް އުފުލިއްޖެ އެވެ.

ކަރާ ހެއްދުމަށް މަޝްހޫރު އއ. ތޮއްޑޫން ކަރާ ގެންނަ އަދަދު މަދުވުމުން، މާލޭގެ ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު 40ރ. އަށް އުފުލިއްޖެ އެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިއެއް ހިންގާ މީހަކު މިއަދު ބުނީ މިއަދުން ފެށިގެން ކަރާ ކިލޯއެއްގެ އަގު 40ރ. އަށް އުފުލިފައިވާ ކަމަށެވެ. މާލޭގެ ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު 35ރ. އިން 40ރ. އަށް އުފުލުނުއިރު ހުޅުމާލޭގައި ހުންނަ މާރުކޭޓުގައި މިހާރު ކަރާ ކިލޯއެއްގެ އަގު ވަނީ 45ރ. އަށް ބޮޑުވެފަ އެވެ. އަދި މާލެއިން އެހެން ރަށްރަށަށް ގެންދާ ކަރާގެ އަގު ވަނީ 50ރ. އަށް އުފުލިފަ އެވެ.

"ތޮއްޑޫން ކަރާ މިފަހަރު ގެންނަ އަދަދު މަދުވީމަ އެހާ ބޮޑަށް އަގު އުފުލެނީ. ރޯދަ މަސް ފެށުނު ފަހުން ވެސް ވަރަށް މަދުމަދުން ކަރާ ގެންނަނީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ތޮއްޑޫގެ އިތުރުން އެހެން ރަށްރަށުން ވެސް ކަރާ ގެންނަ އަދަދު މިފަހަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން ވެސް ގެންނަ އަދަދު މަދުވުމުން ކަރާގެ އަގު ބޮޑުވާން ޖެހުނު ސަބަބެއް ކަމަށް ވިޔަފާރިވެރިން ބުންޏެވެ.

މުލަ ރޯދަ ދުވަހު ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި މޭވާތަކެއް މީހަކު ބަލަނީ: ގިނަ ބާވަތްތަކުގެ އަގު މިހާރު ވަނީ ކޮންޓްރޯލްވެފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

މުލަ ރޯދަ ދުވަހު ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި މޭވާތަކެއް މީހަކު ބަލަނީ: ގިނަ ބާވަތްތަކުގެ އަގު މިހާރު ވަނީ ކޮންޓްރޯލްވެފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ތޮއްޑޫގައި ކަރާ އެބަހުރި ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ. އެކަމަކު ނުގެންނަނީ ކީއްވެގެން ކަމެއް ނޭނގެ. މިތަނަށް ގެންނައިރަށް އޮންނަނީ ވިކި ހުސްވެފައި،" އެ މީހާ ބުންޏެވެ.

ރޯދައާ ދިމާކޮށް އަގު އުފުލުނު އެހެން ބާވަތްތަކުގެ އަގުތައް މިހާރު ވަނީ ހިފެހެއްޓިފަ އެވެ. ކަރާގެ އަގު އުފުލެމުންދިޔަ ނަމަވެސް ކުރުނބާ، ގަބުޅި، ދޮންކެޔޮ، މިރުސް ފަދަ ބާވަތްތަކުގެ އަގުތައް ހުރީ ކޮންޓްރޯލްވެފަ އެވެ.

"ކަރާ ފިޔަވައި އެހެން ބާވަތްތައް ބާޒާރުގައި އެކަށީގެންވާ މިންވަރަށް މިވަގުތު ލިބެން އެބަހުރި. ނަމަވެސް އަންނަ ހަފުތާގައި މޫސުމް ގޯސްވެއްޖެ ނަމަ އަގު އުފުލުން އެކަށީގެންވޭ،" މާރުކޭޓުގެ ގޮޅިއެއްގައި ހުރި މީހަކު ބުންޏެވެ.

ބާޒާރުގައި ދޮންކެޔޮ ވަކެއްގެ އަގު މިހާރު ވަނީ ފަސް ރުފިޔާއަށް ދަށްވެފަ އެވެ. ހެޔޮވަރު ސައިޒުގެ ދޮންކެޔޮގަނޑެއް މިހާރު ލިބެނީ 200ރ. އާއި 500ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ބާޒާރުގައި މިހާރު އެވްރެޖްކޮށް މިރުހުގެ އަގު އުޅެނީ ކިލޯއެއް 150 އާއި 450ރ. އަށެވެ. އަދި ފުވައްމުލަކު އަނބެއްގެ އަގު އުޅެނީ 20ރ. އަށެވެ.