16 މެއި 2018
ކަރާ، މިރުސް އަދި ދޮންކެޔޮ ލިބުން ދަތިވެ، ރޯދަ މަހު ދިވެހިން އާއްމުކޮށް ބޭނުން ކުރާ ތަކެތީގެ އަގުތައް އުފުލެން ފަށައިފި އެވެ.
ކަރާ، މިރުސް އަދި ދޮންކެޔޮ ލިބުން ދަތިވެ، ރޯދަ މަހު ދިވެހިން އާއްމުކޮށް ބޭނުން ކުރާ ތަކެތީގެ އަގުތައް އުފުލެން ފަށައިފި އެވެ.
ރޯދަ ވީއްލާ ގަޑީގައި ކަރާ ފަނި ތައްޓެއް ބޯލުމަކީ ދިވެހިން ލޯބިކުރާ ކަމަކަށް ވީ ނަމަވެސް މި އަހަރުގެ ރޯދަ މަސް މިއަދު ފެށި އިރު ބާޒާރުގައި ކަރާ ހުރީ ވަރަށް މަދުންނެވެ. ދިވެހި ކަރާ ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. ވިއްކަން ހުރި މަދު ކަރާކޮޅުގެ ތެރޭގައި ގިނައީ އިންޑިއާ އިން އެތެރެކޮށްފައިވާ ކަރާ ކަމަށް މާރުކޭޓުގެ ގޮޅިތަކުން ބުންޏެވެ.
ކަރާ ކިލޯއެއް މިހާރު ހުރީ 30-35ރ. އަށެވެ. އެއީ މީގެ ދެ ދުވަސް ކުރިން ކަރާ ކިލޯއެއް ވިއްކި އަގާ އަޅާ ބަލާއިރު ދެ ގުނަ އަށް ވުރެ ބޮޑު އަގެކެވެ.
"ރޯދަ މަހުގެ ތެރޭގައި ދިވެހި ކަރާ ލިބެން ފަށާނެ ކަމަށް މި ބަލަނީ. މިހާރު ވެސް ވަރަށް މަދުން އެބަ ލިބެމުން ދޭ،" މާރުކޭޓުގެ ގޮޅިއެއްގައި އިން ވިޔަފާރިވެރިއަކު ބުންޏެވެ.
ރަށްރަށުން މި އަހަރު ދޮންކެޔޮ ގެންނަ ވަރު ވަނީ ވަރަށް ބޮޑުތަން މަދުވެފަ އެވެ. އެގޮތުން މާރުކޭޓުގައި ހުރި މަދު ދޮންކެޔޮކޮޅުގެ ތެރޭގައި، ގާތްގަނޑަކަށް މުޅިން ވެސް ހުރީ ލަންކާ އިން ގެނެސްފައިވާ ދޮންކޭލެވެ.
ދޮންކޭލުގެ އަގުތައް އުޅެނީ، ކުރިން 200-300ރ. އަށް ވިއްކި ސައިޒުގެ ދޮންކެޔޮގަނޑެއް 600-700ރ. އަށް ވުރެ މަތީގަ އެވެ. ވަކިން ދޮންކެޔޮ ވަކެއްގެ އަގަށް ބަލާ ނަމަ، މާޅޮސްކެޔޮ ވަކެއް 7-12ރ. އާ ދެމެދުގައި އުޅޭއިރު އާދައިގެ ކެޔޮވަކެއް 7-10ރ. އާ ދެމެދުގަ އެވެ.
މާރުކޭޓު ގޮޅިއެއްގައި، ރާއްޖޭން ބޭރުން ގެނެސްގެން ވިއްކަން ބަހައްޓާފައި ހުރި މިރުސްތަކެއް.
ރާއްޖޭގަައި ހައްދާފައިވާ މިރުސް މި އަހަރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެގޮތުން މިރުސް ލިބުން ތާށިވުމުން، މިރުހުގެ އަގުތައް ވެސް ވަނީ ކުރިން 250ރ. އަށް ވިއްކި މިރުސް ކިލޯއެއްގެ އަގު 700-800ރ. އާ ދެމެދުގެ އަގުތަކަށް އުފުލިފަ އެވެ.
މާރުކޭޓުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން "މިހާރު"ން ވާހަކަ ދެއްކި ގިނަ މީހުން ބުނީ، ބައެއް އެއްޗެހި ލިބުން ދަތިވެގެން އުޅެނީ ރާއްޖޭގެ ރަށްރަށަށް މާ ބޮޑަށް ވިއްސާރަ ކުރުމުން ދަނޑުވެރިންނަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވާތީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އެ މީހުން ބުނީ ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް އެއްޗެހީގެ އަގު ބޮޑުވާ ކަމަށެވެ. އެގޮތުން އާންމު ގޮތެއްގައި ހުރިހާ އެއްޗަކުން ވެސް މި އަހަރު 5ރ. ވަރު ބޮޑުވާނެ ކަމަށް ވެސް އެ މީހުން ބުންޏެވެ.
ކަރާ، މިރުސް އަދި ދޮންކޭލުގެ އިތުރުން އާންމުކޮށް ދިވެހިން ބޭނުންކުރާ އެހެން ކާބޯތަކެތި، މާ ބޮޑު ދަތިތަކެއް ނެތި ބާޒާރުގައި ލިބެން ހުރިއިރު، އެ އެއްޗެހީގެ އަގުތައް ވެސް ވަނީ މަޑުމަޑުން އުފުލެން ފަށައިފަ އެވެ.
ބާރު ބޮޑު، އަގު ބޮޑު، ބާޒާރެއް!
ކަރާގެ އަގު އަނެއްކާ ވެސް 35ރ. އަށް އުފުލިއްޖެ
ކާށިދޫ ދަނޑުވެރިންނަށް ބޮޑު ގެއްލުމެއް
25 ޓަނުގެ ކަރާ މާލެ އަށް ފޮނުވަން: ތޮއްޑޫ
ކަރާ ކިލޯއެއްގެ އަގު 20ރ. އަށް ވެއްޓިއްޖެ
ކަރާ ކިލޯއެއްގެ އަގު 25ރ. އަށް ވެއްޓިއްޖެ
ކަރާ ކިލޯއެއްގެ އަގު 40ރ. އުފުލިއްޖެ
ދަތިކަމެއް ނެތި ކަރާ ލިބޭނެ: ދަނޑުވެރިން
ކަރާގެ އަގު ދެ ގުނަ ބޮޑުވެ ކިލޯއެއް 30ރ. އަށް
ކުރުނބާ އެބަހުރި، އެކަމަކު އަގު ވަރަށް ބޮޑު