Roadha Mihaaru
އަސަދު ވެރިކަމުން ދުރުކޮށްފާނެކަމުގެ އިންޒާރު އިޒްރޭލުން ދީފި

އަސަދު ވެރިކަމުން ދުރުކޮށްފާނެކަމުގެ އިންޒާރު އިޒްރޭލުން ދީފި

08 މެއި 2018

ތެލް އަވީވް (މެއި 8) - ސީރިއާގެ ތެރޭން އިޒްރޭލަށް ހަމަލާ ދިނުމަށް އީރާނަށް ފުރުސަތު ދޭނަމަ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު އިޒްރޭލުގެ މިނިސްޓަރަކު ދެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެލް އަވީވް (މެއި 8) - ސީރިއާގެ ތެރޭން އިޒްރޭލަށް ހަމަލާ ދިނުމަށް އީރާނަށް ފުރުސަތު ދޭނަމަ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު އިޒްރޭލުގެ މިނިސްޓަރަކު ދެއްވައިފި އެވެ.

ނޭޝަނަލް އިންފްރާސްޓްރަކްޗާ، އެނާޖީ އެންޑް ވޯޓާ ރިސޯސަސް މިނިސްޓަރު ޔުވާލް ސްޓެއިނިޒް ވިދާޅުވީ ސީރިއާގެ ތެރޭން އިޒްރޭލަށް ހަމަލާތައް އަންނަ ނަމަ އެއީ އަސަދުގެ ވެރިކަމުގެ ނިމުން ކަމަށް އޭނާ ގަބޫލް ކުރަންޖެހޭނެ ކަމަށެވެ.

އޭނާ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ އީރާނަށް ނުވަތަ އެ ގައުމާ ކައިރި ހިސާބުތަކަށް އިޒްރޭލުން މިސައިލް ހަމަލާ ދިނުމަށް ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތަކެއް އާއްމުވެފައި ވަނިކޮށެވެ. ސީރިއާގައިވާ އީރާނުގެ އަސްކަރީ ބައެއް ތަންތަނަށް ދާދި ފަހުން ދިން މިސައިލް ހަމަލާގެ ބަދަލު ހިފާނެ ކަމަށް އީރާނުން ވަނީ އިންޒާރު ދީފަ އެވެ. އީރާނުގެ އަމާޒުތަކަށް ހަމަލާދީފައި ވަނީ އިޒްރޭލުންނެވެ. އެކަމަކު އެ ހަމަލާތައް ދިން ކަމަށް އިޒްރޭލުން އެއްބަސްވެފައެއް ނުވެ އެވެ.

ސީރިއާގެ ހަތް އަހަރުވީ ދާޚިލީ ހަނގުރާމައިގައި އީރާނުން ދަނީ ބައްޝާރުލް އަސަދަށް ތާއީދު ކުރަމުންނެވެ. އީރާނުގެ އެތައް ސަތޭކަ އަސްކަރީ މުޝީރުންނާއި އެތައް ސިފައިންނެއް ސީރިއާގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ސްޓެއިނިޒް ވިދާޅުވީ ސީރިއާގެ ދާޚިލީ ހަނގުރާމައިގައި އަސަދު އެތައް ޖަރީމާއެއް ހިންގި ނަމަވެސް އިޒްރޭލުން އެކަމުގެ ތެރެއަށް ވަދެފައި ނުވާނެ ކަމަށެވެ.

"އެކަމަކު އީރާނުން އިޒްރޭލަށް ހަމަލާ ދިނުމަށް ސީރިއާގެ ސަރަހައްދު ބޭނުން ކުރާ ނަމަ އެއީ އަސަދުގެ ވެރިކަން ނިމުމުގެ ސިއްކަ،" އިޒްރޭލުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ސްޓެއިނިޒް ވިދާޅުވި އެވެ.