Roadha Mihaaru

އިޒްރޭލުގެ ހަމަލާތަކާ ހެދި ހާލަތު އޮޅުންބޮޅުންވެއްޖެ: ސީރިއާގެ ލީޑަރު

އިޒްރޭލުން ސީރިއާއަށް ދިން ހަމަލާތަކުގެ ސަަބަބުން ހާލަތު އޮޅުންބޮޅުންވެ ނާމާންވެފައިވާ ކަމަށާއި އެކަމަކު އެމެރިކާ އާއި އަރަބިންނާއި ތުރުކީން މިކަމުގެ ތެރެއަށް ވަދެ ސަރަހައްދީ ބޮޑު މުސީބާތަކުން ސަލާމަތްކޮށްދީފި ކަމަށް ސީރިއާގެ ލީޑަރު އަހްމަދު އަލް ޝަރާ މިއަދު ވިދާޅުވެއްޖެ އެވެ.

އިޒްރޭލާހެދި ހާލަތު އޮޅުންބޮޅުންވެއްޖެ: ސީރިއާގެ ލީޑަރު

އިޒްރޭލުން ސީރިއާއަށް ދިން ހަމަލާތަކުގެ ސަަބަބުން ހާލަތު އޮޅުންބޮޅުންވެ ނާމާންވެފައިވާ ކަމަށާއި އެކަމަކު އެމެރިކާ އާއި އަރަބިންނާއި ތުރުކީން މިކަމުގެ ތެރެއަށް ވަދެ ސަރަހައްދީ ބޮޑު މުސީބާތަކުން ސަލާމަތްކޮށްދީފި ކަމަށް ސީރިއާގެ ލީޑަރު އަހްމަދު އަލް ޝަރާ މިއަދު ވިދާޅުވެއްޖެ އެވެ.

ސީރިއާގައި ދްރޫޒް ދީނުގެ މީހުން އުޅޭ ސްވައިދާ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުން ހުއްޓުވަން ސީރިއާ ސިފައިން ވަނުމާ އެކު އެކަން ހުއްޓާލަން އިންޒާރުދީ އިޒްރޭލުން އިއްޔެ ވަނީ ސީރިއާ ސިފައިންގެ މަރުކަޒާއި ޑިފެންސް މިނިސްޓްރީ އާއި މުހިންމު އެކި ތަންތަނަށް ބޮން އަޅައި ބޮޑެތި ގެއްލުންތައް ދީފަ އެވެ.

މިދިޔަ އަހަރު ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލި ހަނގުރާމަވެރިންގެ ލީޑަރު ޝަރާ ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބުކުރައްވަމުން ވިދާޅުވީ އާންމުންނާއި ސަރުކާރުގެ އިމާރާތްތަކަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާތަކުން ނުކުމެދާނެ ނަތީޖާ ބުނަން ވެސް ނޭނގޭ ކަމަށެވެ.

އިޒްރޭލުގެ އަމަލުތައް ކުށްވެރިކުރައްވަމުން އޭނާ ވިދާޅުވީ ލަފާކުރަން ވެސް ނޭނގޭ ހާލަތަކުން ސަލާމަތްކުރުމަށް އެމެރިކާ އާއި އަރަބިންނާއި ތުރުކީން މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވާ ކަމަށާއި އެކަމަށްޓަކައި އެ ގައުމުތަކަށް ޝުކުރު ހައްގު ކަމަށެވެ.

އިޒްރޭލުން ހިފާފައިވާ ގޯލާންގެ ބޯޑަރު ފެންސް ކައިރިއަށް ދްރޫޒް ކޮމިއުނިޓީގެ ބަޔަކު ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ހިފާފައިވާ ގޯލާންގެ ބޯޑަރު ފެންސް ކައިރިއަށް ދްރޫޒް ކޮމިއުނިޓީގެ ބަޔަކު ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ

އޭނާ ވިދާޅުވީ "މިކަމުގެ ސަބަބުން ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މައްސަލަ އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެގެން ދިޔަ" ކަމަށެވެ. އެކަމަކު "އެމެރިކާ، އަރަބި އަދި ތުރުކީން އެކަށީގެންވާ ގޮތުގައި ނުފޫޒު ބޭނުންކޮށް، މި ސަރަހައްދަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުން ސަލާމަތްކޮށްފި" ކަމަށް ވިދާޅުވި އެވެ.

ސީރިއާގެ ސުންނީ ބަދަވީންގެ ގަބީލާތަކާއި ދުރޫޒުންގެ ހަނގުރާމަވެރިންނާ ދެމެދު ފެށިގެން އުޅޭ ކުރިމަތިލުންތައް ހުއްޓުވަން ސީރިއާ ސިފައިން ސްވައިދާއަށް ވަނުމާ އެކު އިޒްރޭލުން ހަމަލާ ދިނީ ދްރޫޒުންނާ "ނުބެހި ދޫކޮށްލަން" އިންޒާރު ދިނުމަށް ފަހުގަ އެވެ. ހަމަނުޖެހުން ހުއްޓުވުމުގެ ނަމުގައި ސީރިއާ ސިފައިން ދްރޫޒުން މަރަމުންދާ ކަމަށް އިޒްރޭލުން ބުނެ އެވެ.

ދުރޫޒުންނަކީ ހުޅަނގު އޭޝިއާގެ ބައެއް ގައުމުތަކުގައި ދިރުއުޅޭ މައިނޯރިޓީ ވަކި ދީނެއްގެ ބައެކެވެ. ޝިޔާއީންގެ އިސްމާއީލީން މަޒުހަބާ ވަކިވެގަނެގެން އުފެއްދި މި ދީން ބިނާކުރީ މުސްލިމުންގެ ފިކުރާއި ކްރިސްޓިއަނުންގެ ފިކުރު މަސްހުނިކޮށްގެންނެވެ. މި ދީނަށް އުޅޭ މީހުން އާބާދީ ދެ މިލިއަނަށް އަރައެވެ. ދުރޫޒުން އެންމެ ގިނައީ ސީރިއާ އާއި ލުބްނާން އަދި އިޒްރޭލުގަ އެވެ.

ސީރިއާ ސަރުކާރުން ބުނި ގޮތުގައި ދްރޫޒުންގެ ސަރަހައްދުން ސިފައިން ބާލަން ނިންމައި އެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. މިއީ އެމެރިކާގެ އެދުމުގެ މަތިން ނިންމި ނިންމުމެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

މި ދެތިން ދުވަހުގެ ހަމަނުޖެހުންތަކުގައި ސްވައިދާއިން 350 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެކި ރިޕޯޓްތައް ބުނެ އެވެ.