Roadha Mihaaru

މީގެ 43 އަހަރު ކުރިން ގެއްލުނު އިޒްރޭލު ސިފައިންގެ މީހެއްގެ ހަށިގަނޑު ސީރިއާއިން ހޯދައިގެން ގެންގޮސްފި

މީގެ 43 އަހަރު ކުރިން ގެއްލުނު އިޒްރޭލު ސިފައިންގެ މީހެއްގެ ހަށިގަނޑު ސީރިއާގެ އެންމެ މެދުތެރޭ ސަރަހައްދަކުން ފެނި، އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑްގެ ހާއްސަ އޮޕަރޭޝަނެއްގައި އެ ހަށިގަނޑު މިހާރު އިޒްރޭލަށް ގެންގޮސްފައިވާކަން ހާމަކޮށްފި އެވެ.

އިޒްރޭލު މީހެއްގެ ހަށިގަނޑު 43 އަހަރުފަހުން ފެނިއްޖެ

މީގެ 43 އަހަރު ކުރިން ގެއްލުނު އިޒްރޭލު ސިފައިންގެ މީހެއްގެ ހަށިގަނޑު ސީރިއާގެ އެންމެ މެދުތެރޭ ސަރަހައްދަކުން ފެނި، އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑްގެ ހާއްސަ އޮޕަރޭޝަނެއްގައި އެ ހަށިގަނޑު މިހާރު އިޒްރޭލަށް ގެންގޮސްފައިވާކަން ހާމަކޮށްފި އެވެ.

އެއީ 1982 ވަނަ އަހަރު އިޒްރޭލާއި ލުބްނާނާ ދެމެދު ކުރި ހަނގުރާމައިގެ ތެރެއިން އިޒްރޭލާއި ސީރިއާ ސިފައިން ކުރި ހަނގުރާމާގައި ގެއްލުނު އިޒްރޭލު ސިފައިންގެ ތިން މީހުންގެ ތެރޭގައި ހިމެނޭ ޓްޒްވިކާ ފެލްޑްމަންގެ ހަށިގަނޑެވެ.

އޭގެ ތެރެއިން އެކަކު މީގެ ހަ އަހަރު ކުރިން އިޒްރޭލަށް އަނބުރާ ގެންގޮސްފައި ވަނިކޮށް ފެލްޑްމަންގެ ހަށިގަނޑުގެ ބައިތައް ވެސް ފެނުމުން މިހާރު ވަނީ ތިން ވަނަ މީހާ ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ބުނެފަ އެވެ.

"އައިޑީއެފް (އަސްކަރިއްޔާ) އާއި މޮސާޑް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ސާޖަންޓް ފަސްޓް ކްލާސް ޓްޒްވިކާ ފެލްޑްމަންގެ ހަށިގަނޑު ސީރިއާގެ މެދުތެރެއިން ފެނި، އަނބުރާ އިޒްރޭލަށް ވަނީ ގެނެސްފައި،" އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަކިން ނެރުނު ބަޔާނެއްގައި ވަނީ ފެލްޑްމަންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތަށް ތައުރީފުކޮށްފަ އެވެ. އަދި ފެލްޑްމަން އާއި އޭނާގެ ބައިވެރިން ކަމަށްވާ ޒަކަރިއްޔާ ބައުމެލް އާއި ޔަހުދާ ކާޓްޒް ހޯދުމުގެ މަސައްކަތް ކުރިއަށް ދާތާ އެތައް ޒަމާނެއް ވެފައިވާ މަސައްކަތެއް ކަމަށް ބުނެފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ފެލްޑްމަންގެ ހަށިގަނޑު ދެނެގަތީ، ހަނގުރާމަތަކުގައި މަރުވާ ސިފައިން ދެނެގަތުމުގެ މަސައްކަތްކުރާ "ރަބީނޭޓްގެ ޖީނޯމިކް އައިޑެންޓިފިކޭޝަން ސެންޓަ ފޯ ފޯލެން ސޯލްޖާސް" އިން ކަމަށެވެ. ނަމަވެސް ސީރިއާގެ އެންމެ އެތެރެއިން އެ ހަށިގަނޑު ދެނެގަތް ގޮތުގެ އެއްވެސް ތަފްސީލެއް ނުދެ އެވެ.