Roadha Mihaaru

ދުރޫޒުންގެ ހިމާޔަތަށް ކަމަށް ބުނެ އިޒްރޭލުން ސީރިއާ ސިފައިންގެ މައި މަރުކަޒަށް ބޮން އަޅައިފި

ސީރިއާގެ ސްވެއިދާގައި އުޅޭ ދްރޫޒް ދީނުގެ މީހުންނަށް ސީރިއާ ސަރުކާރުން ގޯނާކުރާ ކަމަށް ބުނެ އިޒްރޭލުން ދިން އިންޒާރަށް ފަހު ވެރިރަށް ދިމިޝްގުގައި ހުންނަ ސިފައިންގެ މައި މަރުކަޒަށް މިއަދު އިޒްރޭލުން ބޮން އަޅައިފި އެވެ.

އިޒްރޭލުން ސީރިއާ ސިފައިންގެ މަރުކަޒަށް ބޮން އަޅައިފި

ސީރިއާގެ ސްވެއިދާގައި އުޅޭ ދްރޫޒް ދީނުގެ މީހުންނަށް ސީރިއާ ސަރުކާރުން ގޯނާކުރާ ކަމަށް ބުނެ އިޒްރޭލުން ދިން އިންޒާރަށް ފަހު ވެރިރަށް ދިމިޝްގުގައި ހުންނަ ސިފައިންގެ މައި މަރުކަޒަށް މިއަދު އިޒްރޭލުން ބޮން އަޅައިފި އެވެ.

ސީރިއާގެ ސުންނީ ބަދަވީންގެ ގަބީލާތަކާއި ދުރޫޒުންގެ ހަނގުރާމަވެރިންނާ ދެމެދު ފެށިގެން އުޅޭ ކުރިމަތިލުންތައް ހުއްޓުވަން ސީރިއާ ސިފައިން ސްވެއިދާއަށް ވަނުމާ އެކު އިޒްރޭލުން އޮތީ ދްރޫޒުންނާ "ނުބެހި ދޫކޮށްލަން" އިންޒާރު ދީފަ އެވެ. އަދި މި އިންޒާރަށް ނުބަލައި ސިފައިންގެ ހަރަކާތްތައް ކުރިއަށް ގެންދާ ނަމަ މިހާރު ވެސް ސީރިއަށް ހަމަލާދޭ އިޒްރޭލުން ހަމަލާތައް ފުޅާކޮށް ވަރުގަދަކުރާނެ ކަމަށް އިންޒާރު ދިނެވެ.

ދުރޫޒުންނަކީ ހުޅަނގު އޭޝިއާގެ ބައެއް ގައުމުތަކުގައި ދިރުއުޅޭ މައިނޯރިޓީ ވަކި ދީނެއްގެ ބައެކެވެ. ޝިޔާއީންގެ އިސްމާއީލީން މަޒުހަބާ ވަކިވެގަނެގެން އުފެއްދި މި ދީން ބިނާކުރީ މުސްލިމުންގެ ފިކުރާއި ކްރިސްޓިއަނުންގެ ފިކުރު މަސްހުނިކޮށްގެންނެވެ. މި ދީނަށް އުޅޭ މީހުން އާބާދީ ދެ މިލިއަނަށް އަރައެވެ. ދުރޫޒުން އެންމެ ގިނައީ ސީރިއާ އާއި ލުބްނާން އަދި އިޒްރޭލުގަ އެވެ. އިޒްރޭލުން ވަނީ ދްރޫޒުންގެ ހިމާޔަތުގައި އޮންނާނެ ކަމަށް ބުނެފަ އެވެ.

ސީރިއާ ސިފައިން އެ ގައުމުގެ ދެކުނުގައި ދްރޫޒްގެ މީހުން ގިނައިން ސިޓީއެއް ކަމަށްވާ ސްވެއިދާ އަށް އިއްޔެ ވަނީ ދްރޫޒުންގެ ލީޑަރުންނާ އެކު އެއްބަސްވި ގޮތަށް ހަމަލާތައް ހުއްޓާލުމުގެ ކަންކަން މޮނިޓާކުރަން ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު މަންޒަރު ދުށް މީހުން ބުނެފައިވާ ގޮތުގައި ސިފައިން ވަނީ ބަދަވީންނާ ގުޅިގެން ދްރޫޒް ހަނގުރާމަވެރިންނާއި އާންމުންނަށް ހަމަލާދީ އެތައް ބަޔަކު މަރާލައިފަ އެވެ.

މިދިޔަ އޭޕްރީލް އަދި މެއި މަހު ވެސް ސިފައިންނާއި ދްރޫޒުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި ދްރޫޒުންގެ 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އިޒްރޭލުން ދްރޫޒުންގެ ހިމާޔަތުގައި ކަމަށް ބުނެ ހަމަލާދެނީ އިޒްރޭލުގެ ބޯޑަރާ ވީހާ ވެސް ދުރަކަށް ސީރިއާ ސިފައިން ޖެއްސުމަށް އަމިއްލަ އަސްކަރީ މަގުސަދެއް ހާސިލްކުރުމަށެވެ.

ސީރިއާގެ ދައުލަތުގެ ޓީވީން ބުނި ގޮތުގައި ސިފައިންގެ މައި މަރުކަޒާއި ޑިފެންސް މިނިސްޓްރީ ކައިރިއަށް އިޒްރޭލުން އެތައް ހަމަލާއެއް މިއަދު ދިނެވެ. އިޒްރޭލުން ބުނީ ހަމަލާ ދިނީ ސީރިއާ ސިފައިންގެ މަރުކަޒަށް ވަންނަ މަގުތަކަށް އަމާޒުކޮށްގެން ކަމަށެވެ.

ސީރިއާގެ ހެލްތު މިނިސްޓްރީން ބުނީ ހަމަލާތަކުގައި އަށް މީހަކު ޒަހަމްވި ކަމަށް މިހާތަނަށް އެނގިފައިވާ ކަމަށެވެ. -- އޭއެފްޕީ