Roadha Mihaaru
ރެކޯޑް އަގަކަށް ހިގައިން ޔުވެންޓަސްއާ ގާތަށް

ރެކޯޑް އަގަކަށް ހިގައިން ޔުވެންޓަސްއާ ގާތަށް

24 ޖުލައި 2016

މެޑްރިޑް (ޖުލައި 24) - މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގައި ރެކޯޑް އަދަދަކަށް ލަނޑު ޖެހި ނަޕޯލީގެ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގައިން ރެކޯޑް އަގަކަށް ޔުވެންޓަސް އަށް ބަދަލުވުމާ ގާތަށް ގޮސްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (ޖުލައި 24) - މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގައި ރެކޯޑް އަދަދަކަށް ލަނޑު ޖެހި ނަޕޯލީގެ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގައިން ރެކޯޑް އަގަކަށް ޔުވެންޓަސް އަށް ބަދަލުވުމާ ގާތަށް ގޮސްފި އެވެ.

ނަޕޯލީން ހިގުއައިން ވިއްކާލަން އެއްބަސްނުުވުމުން ޔުވެންޓަސް އިން މިހާރު ވަނީ އޭނާގެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ އަދަދު ކަމަށްވާ 94 މިލިއަން ޔޫރޯ ދައްކަން ތައްޔާރުވެފަ އެވެ. ސްކައި ސްޕޯޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހިގައިން ވަނީ އިއްޔެގެ ވަގުތެއްގައި މެޑްރިޑުގައި ޔުވެންޓަސްގެ މެޑިކަލް ޓެސްޓް ވެސް ފުރިހަމަކޮށްފަ އެވެ.

ރެއާލް މެޑްރިޑުން 2013 ވަނަ އަހަރު ނަޕޯލީ އަށް ބަދަލުވި ހިގުއައިން ވަނީ މިދިޔަ ސީޒަނުގައި 42 މެޗުން 38 ގޯލް ޖަހައިފަ އެވެ.

ބެލެވޭ ގޮތުގައި ދެ ދުވަހެއްގެ ތެރޭގައި ހިގުއައިން ރަސްމީކޮށް ޔުވެންޓަސް އަށް ސޮއިކުރާނެ އެވެ. އެއާ އެކު މި ޓްރާންސްފާ ވެގެންދާނީ އިޓާލިއަން ލީގުގެ ތާރީހުގެ އެންމެ އަގުބޮޑު ޓްރާންސްފާ އަށެވެ. އިޓަލީގެ ދެ ކްލަބެއްގެ މެދުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ޓްރާންސްފާ އަކީ 2000 ވަނަ އަހަރު ޕާމާ އިން ލާޒިއޯ އަށް އާޖެންޓީނާގެ ހެނާން ކްރެސްޕޯ ވިއްކާލި ޓްރާންސްފާ އެވެ. އަގަކީ 56.5 މިލިއަން ޔޫރޯ އެވެ.

ޔުވެންޓަސް އިން ޓީމު ވަރުގަދަކުރަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ޓާގެޓްކޮށްގެންނެވެ. އެ ޓީމުން ވަނީ ރޯމާގެ މިރެލަމް ޔަނިޗާއި ބާސެލޯނާގެ ޑެނިއަލް އަލްވެސް އާއި ބަޔާން މިއުނިކުގެ މެހްދީ ބެނާޝިއާ އަދި ޑައިނަމޯ ޒެގްރެބުގެ މާކޯ ޔަކާ ގެނެސްފަ އެވެ.

ޔުވެންޓަސް އިން ރެކޯޑް ޓްރާންސްފާއެއް ހަދަން ތައްޔާރުވާއިރު މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ ޔުވެންޓަސްގެ ޕައުލް ޕޮގްބާ ދުނިޔޭގެ ރެކޯޑް އަގަކަށް ގަންނަން ތައްޔާރުވަމުންނެވެ. ޔުނައިޓެޑުން އޭނާ ގަންނަން 100 މިލިއަން ޔޫރޯ ހުށަހަޅާފައިވާއިރު ޔުވެންޓަސް އިން އެއްބަސްވާނީ މަދުވެގެން 124 މިލިއަން ޔޫރޯ އަށެވެ.