Roadha Mihaaru
ޔުވެންޓަސް އަށް ޖެހިޖެހިގެން ހަތަރު ވަނަ ތަށި، ހިގުއައިން އަށް ރެކޯޑެއް

ޔުވެންޓަސް އަށް ޖެހިޖެހިގެން ހަތަރު ވަނަ ތަށި، ހިގުއައިން އަށް ރެކޯޑެއް

15 މެއި 2016

ޓިއުރިން (މޭ 15) - އިޓަލީ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ ސަމްޑޯރިއާ އަތުން 5-0 އިން މޮޅުވެ ޔުވެންޓަސް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން (މޭ 15) - އިޓަލީ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ ސަމްޑޯރިއާ އަތުން 5-0 އިން މޮޅުވެ ޔުވެންޓަސް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ.

މެޗުގެ ބޮޑުބައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ސަމްޑޯރިއާ ކޮޅަށް ޔުވެންޓަސްގެ ލަނޑުތައް ކާމިޔާބުކުރީ ޕެކްޓްރިސް އެވްރާ އާއި ޕައޮލޯ ޑީބަލާ ދެ ލަނޑާއި ޖިއޮޖިއޯ ޗިއެލީނީ އަދި ލިއަނާޑޯ ބޮނޫޗީ އެވެ.

މިފަހަރުގެ ސީޒަންގެ ފެށުން ޔުވެންޓަސް އަށް ދިޔައީ ދަށްކޮށެވެ. ކްލަބް ދޫކޮށް ދިޔަ މުހިއްމު ކުޅުންތެރިން ކަމަށްވާ ކާލޯސް ޓެވޭޒާއި އާޓޫރޯ ވިޑާލްގެ ބަދަލުގައި ޓީމާ އަލަށް ގުޅުނު ކުޅުންތެރިންގެ ފަރާތުން ފުރަތަމަ މެޗުތަކުގައި ރަނގަޅު ކުޅުމެއް ނުފެނުނުއިރު، ފުރަތަމަ ހަތް މެޗު ނިމުނުއިރު އެޓީމު އޮތީ ލީގުގެ 12 ވަނައިގައި 11 ޕޮއިންޓާ އެކު އެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ލީގުގެ ފަހު ބުރުގައި ދެއްކި ތަފާތު މޮޅުކުޅުމާ އެކު އެވެ.

މިފަހަރުގެ ސީޒަނުގައި ޔުވެންޓަސްގެ އުސްއަލިތައް:

ޔުވެންޓަސްގެ ތަޖުރިބާކާރު ކީޕަރު ބުފޮން: ޔުވެންޓަސް މިފަހަރު ލީގު ހޯދުމުގައި ބުފޮންގެ ދައުރު ވަރަށް ބޮޑު.-- ފޮޓޯ: ޔުވެންޓަސް

ޔުވެންޓަސްގެ ތަޖުރިބާކާރު ކީޕަރު ބުފޮން: ޔުވެންޓަސް މިފަހަރު ލީގު ހޯދުމުގައި ބުފޮންގެ ދައުރު ވަރަށް ބޮޑު.-- ފޮޓޯ: ޔުވެންޓަސް

- 39 މެޗު 29 މެޗުން މޮޅު، 5 މެޗުން އެއްވަރު، 4 މެޗުން ބަލި

- މޮޅު ކުޅުންތެރިން: ޖިއަންލުއިޖީ ބުފޮން (ލީގުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ 974 ހަމަކުރި)، ޕައޮލޯ ޑީބަލާ (ލީގުގައި 28 މެޗުން 19 ލަނޑު)، އަލްވާރޯ މޮރާޓާ (ލީގުގައި 26 މެޗުން 16 ލަނޑު)

ހިގުއައިން އަށް ތާރީހީ ރެކޯޑެއް

އިޓަލީ ލީގުގައި މި ސީޒަނުގައި ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އާޖެންޓީނާގެ ގޮންޒާލޯ ހިގުއައިން އެވެ. ލީގުގައި ރޭ ފްރޮސިނޯނޭ ކޮޅަށް ހިގުއައިން ހެދި ހެޓްރިކާ އެކު އޭނާ ވަނީ ލީގުގައި 36 ލަނޑު ހަމަކޮށްފަ އެވެ. މި ލަނޑުތަކާ އެކު ހިގުއައިން ވެފައިވަނީ އިޓަލީ ލީގުގެ ތާރީހުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ.

އިޓަލީ ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ކުރިން އޮތީ 1950 ވަނަ އަހަރު އޭސީ މިލާނަން ކުޅުނު ސްވިޑަންގެ ފޯވަޑް ނިލްސް ގުނާ ނޮޑާލް އަތުގަ އެވެ. އޭނާ އަކީ އިޓަލީ ލީގުގެ ތާރީހުގައި ހިމެނޭ އެންމެ ހުނަރުވެރި އެއް ފޯވަޑެވެ.

ނަޕޯލީ އަކީ މިފަހަރު ލީގަށް ވާދަކުރި ޓީމެކެވެ. އެ ޓީމު ލީގު ނިންމާލީ 38 މެޗުން 82 ޕޮއިންޓާ އެކު ޗެމްޕިއަން ޔުވެންޓަސް އަށް ވުރެން 12 ޕޮއިންޓް ފަހަތު އޮވެގެންނެވެ. ނަޕޯލީ ލީގުގެ ރޭހުގައި ބޭއްވުމުގައި އެންމެ މުހިއްމު ދަައުރެއް އަދާކުރީ ހިގުއައިން އެވެ. އޭނާ ހޯދުމަށް ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ ފާރަލަމުންނެވެ. އޭގެ ތެރޭގައި އޭނާގެ ކުރީގެ ކްލަބް ރެއާލް މެޑްރިޑް ހިމެނެ އެވެ.