23 ޖުލައި 2016
ފޮޓޯއިން ތިޔަ ފެންނަ ބިޔަ އިމާރަތަކީ ކޮން އިމާރާތެއްކަން ގިނަ ބަޔަކަށް ނޭނގިދާނެ އެވެ. އެކަމަކު އެއީ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ހުޅުމާލޭގައި ހަދަން ފެށި 250 އެނދުގެ ބޮޑު ސިޓީ ހޮޓަލެވެ.
ފޮޓޯއިން ތިޔަ ފެންނަ ބިޔަ އިމާރަތަކީ ކޮން އިމާރާތެއްކަން ގިނަ ބަޔަކަށް ނޭނގިދާނެ އެވެ. އެކަމަކު އެއީ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ހުޅުމާލޭގައި ހަދަން ފެށި 250 އެނދުގެ ބޮޑު ސިޓީ ހޮޓަލެވެ.
މިތަނަށް މިހާރު ބަލާލުމުން އެއްވެސް މަސައްކަތެއް ކުރިޔަށްދާ ތަނެެއް ނުފެ އެވެ. މިތަނުގެ ވަށައިގެން ޓިނު ފެންސެއް ޖަހައި ވަނީ ބަންދު ކޮށްފަ އެވެ. ވަންނަ ދޮރުމަތީގައި ހުންނަ ޗެކް ޕޯސްޓްގައި ތިބި ސެކިއުރިޓީ ގާޑުން ފިޔަވައި އިތުރު ބަޔަކު އެތަނަކުން ނުފެ އެވެ. އިރުއޮއްސެމުންދިޔަ ވަގުތު އެތެރެއިން ފަނޑު ދެތިން ބޮއްކެއް ދިއްލާފައިވެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ޖެހިގެން މޫދަށްވާ ގޮތަށް ހަދަން ފަށާފައިވާ މި ބޮޑު އިމާރާތަކީ، އެސްޓީއޯއަށް ބޭނުންވާ ބޭރު ފައިސާ ހޯދަން ބޮޑު ކުލީގައި ނެގި ބިމެއްގައި ހަދަން ފެށި ތަނެކެވެ. އެތަނުގެ މަސައްކަތްކުރުމަށް އެސްޓީއޯ އިން ވަނީ ތައިލެންޑް އެގްޒިމް ބޭންކުން 30 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ނަގައިފަ އެެވެ. އެކަމަކު އެތަނުގެ މަސައްކަތް ހުއްޓިފައިވާތާ މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސްވީ އެވެ.
ހުޅުމާލޭގައި ހަދާ އެސްޓީއޯ ހޮޓަލުގެ ޗެކް ޕޯސްޓް ކައިރީގައި ބަޔަކު މިދިޔަ ހުކުރު ދުވަހު މަޑުކޮށްލައިގެން. ފޮޓޯ: އަބްދުﷲ ޖަމީލު/ މިހާރު
އެސްޓީއޯގެ ހޮޓާ ޕްރޮޖެކްޓްގެ ހަގީގަށް އެނގިވަޑައިގަންނަވާ އެސްޓީއޯގެ ކުރީގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ހޮޓާ ހެދުމަށް ނިންމީ ރައީސް މައުމޫންގެ ދައުރުގައި އެޗްޑީސީން ބިޑަށް ހުޅުވާލުމުން ވާދަވެރި ބިޑެއްގެ ތެރެއިން ކަމަށެވެ.
"އޭރު އެސްޓީއޯ އިން އެކަން ކުރީ ބޭރު ފައިސާ ހޯދަން ދަތިތަކެއް ހުރުމުން ޓޫރިޒަމަށް ވަންނަން ވެގެން. އެކަމަކު ބިޑުކުރިއިރު ޖަހާފައި ކުއްޔަކީ ވަރަށް ބޮޑު ކުއްޔަކަށްވުމުން ވައިބަލް ނުވީ. އެތަނުގެ ކުއްޔަށް އޮތީ 1500 ޑޮލަރު އެނދަކަށް އަހަރަކު ދައްކަން ޖެހޭ ގޮތަށް. އެކަމަކު މެނޭޖްމަންޓް ބަދަލުވުމުން ފަހުން އެކި ގޮތްތަައް ބެލީ ކުލި ކުޑަކުރަން،" އޭނާ ވިދާޅުވި އެވެ.
"އޭރު އެސްޓީއޯ އިން އެކަން ކުރީ ބޭރު ފައިސާ ހޯދަން ދަތިތަކެއް ހުރުމުން ޓޫރިޒަމަށް ވަންނަން ވެގެން. އެކަމަކު ބިޑުކުރިއިރު ޖަހާފައި ކުއްޔަކީ ވަރަށް ބޮޑު ކުއްޔަކަށްވުމުން ވައިބަލް ނުވީ. އެތަނުގެ ކުއްޔަށް އޮތީ 1500 ޑޮލަރު އެނދަކަށް އަހަރަކު ދައްކަން ޖެހޭ ގޮތަށް. ކުރީގެ އިސް އޮފިޝަލެއް
އޭނާ ވިދާޅުވީ 2011 ވަނަ އަހަރު ފުވައްމުލަކު އެއާޕޯޓް ހަދަން ސަރުކާރުން ހަވާލުކުރުމުން ހުޅުމާލޭ ހޮޓަލުގެ ކުލި ޓޫރިޒަމް ގާނޫނަށް ފެއްތުމަށް ހުށަހެޅި ކަމަށެވެ. އަދި އެގޮތަށް ހުށަހެޅުމުން ސަރުކާރުން އެއްބަސްވެގެން ކުލި ކުޑަކުރުމުން އެ ޕްރޮޖެކްޓް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދަން ނިންމި ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުލި ކުޑަކުރަން ސަރުކާރުން ނިންމުމުން އަޅުގަނޑުމެން ތައިލެންޑްގެ އެގްޒިމް ބޭންކުން ލޯނު ނެގީ ޕްރޮޖެކްޓް ނިންމަން. އޭރު ލަފާކުރީ އެ ވަރުން ނިންމޭނެ ކަމަށް. އެ ލޯނު ނެގިއިރު އިންޖިނިއަރިން އާއި ސްޓްރަކްޗަރަލް އެސްޓިމޭޓް ވެސް ހެދި،" އެ އޮފިޝަލް ވިދާޅުވި އެވެ.
ތައި އެގްޒިމް ބޭންކުން އެ ލޯނު އެސްޓީއޯ އިން ނެގި އިރު އެތަނުގެ ކޮންކްރީޓް މަސައްކަތް މުޅިން ނުނިމެ އެވެ. އަދި 2014 ވަނަ އަހަރުގެ ތެރޭގައި އެ މަސައްކަތް މަޑު ޖެހުނުއިރު ސްޓްރަކްޗަރަލް މަސައްކަތް ނިމި އިމާރާތް ނިންމުމުގެ މަސައްކަތް އޮތީ ފަށައިފަ އެވެ. ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަނީ 2014 ވަނަ އަހަރު އެ މަސައްކަތް މެދުކަނޑާލިފަހުން އޮތް ގޮތެވެ.
ހުޅުމާލޭގައި އެސްޓީއިން ހަދަން ފެށި ހޮޓަލުގެ ބޭރުން ބަޔަކު މިދިޔަ ހުކުރު ދުވަހު ހިނގާފައި ދަނީ. ފޮޓޯ: އަބްދުﷲ ޖަމީލު/ މިހާރު
"އަަޅުގަނޑުމެން ވަކިވިއިރު މަސައްކަތް ކުރިއަށް ދިޔަ. އެކަމަކު ސަރުކާރު ބަދަލުވެ 2014 ގެ ތެރޭގައި މަޑުޖެހުނީ. އޭރު ލޯނުގެ އިތުރުން އެސްޓީއޯ އިން ވެސް ވަނީ އަށް މިލިއަން ޑޮލަރު ހޭދަކޮށްފައި،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހޮޓަލަކީ އެސްޓީއޯ އަށް ބޮޑު ފައިދާއެއް ލިބޭނެ ގޮތަށް ބައްޓަންކުރެވިގެން ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓެއް ކަމަށެވެ.
އެސްޓީއޯ އިން އޭރު ނިންމާފައި އޮތީ 2014 ވަނަ އަހަރުގެ ފަހުކޮޅު އެ ހޮޓަލުގެ މަސައްކަތް ނިންމުމަށްފަހު އެމެރިކާގެ މަޝްހޫރު ކާލްސަން ގްރޫޕާ ހަވާލުކޮށްގެން އެ ކުންފުނީގެ "ރެޑިސަން ބްލޫ" ބްރޭންޑްގެ ފަސްތަރީގެ ހޮޓަލެއް ހިންގާ ގޮތަށެވެ.
ގާތްގަނޑަކަށް 580 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެތަނަށް ހަރަދުކުރުމަށްފަހު، އެސްޓީއޯގެ ވިސްނުން މިހާރު އެ ވަނީ ބަދަލުވެފަ އެވެ. މިދިޔަ ޖޫން މަހު ބޭއްްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ހުޅުމާލޭގައި ހަދަން ފަށާފައިވާ ހޮޓާ ވިއްކާލަން ބަޔަކާ ވާހަކަދައްކަވަމުން ގެންދަވާ ކަމަށެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ޖަލްސާގައި ހިއްސާދާރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީރު ވިދާޅުވީ ހޮޓާ ވިއްކާލުމުގެ ހުރިހާ ކަމެއް ނިންމުމުގެ މަރުހަލާގައިވާ ކަމަށެވެ. އަދި ގާތްގަނޑަކަށް 60 ޕަސެންޓް ނިމިފައިވާ ހޮޓާ ވިއްކާލުމުގެ ކަންތައް ނިންމައި ވަރަށް އަވަހަށް އާއްމު ހިއްސާދާރުންނަށް އެކަން އަންގާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ހޮޓާ ވިއްކާލަނީ ކޮން ބަޔަކަށް ކަމެއް، ކިހާ އަގެއްގައި ކަމެއް ޝަހީރު ވިދާޅެއް ނުވެ އެވެ.
"ހޮޓާ ވިއްކާލަން އިއުލާންކުރުމުން ޝައުގުވެރިކަން ފާޅުކުރި ޕާޓީތަކާ އެކު މިދަނީ މަޝްވަރާ ކުރަމުން،" އެ ޖަލްސާގައި އޭނާ ވިދާޅުވި އެވެ.
އެސްޓީއޯގެ ޗެއާމަން އަހުމަދު ނިޔާޒް (މ)އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި އެހެން ބޯޑު މެމްބަރުން އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
ހިއްސާދާރުން ކަންބޮޑުވުން ފާޅުކުރުމުން އެސްޓީއޯގެ ޗެއާމަން އަހުމަދު ނިޔާޒް އެ ޖަލްސާގައި ވިދާޅުވީ ހޮޓާ ވިއްކާލަނީ އެސްޓީއޯއަށް ވަރަށް ބޮޑު ފައިދާއެއް ލިބޭ ގޮތަށް ކަމަށެވެ.
އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކު 2008 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން 2012 ވަނަ އަހަރު އިމާރާތްކުރަން ފެށި ހޮޓަލުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ވަނީ ނުނިމިފަ އެވެ.
އެސްޓީއޯ އިން މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ކުރި އިއުލާނެއްގައި ވަނީ ހުޅުމާލޭގައި އިމާރާތްކުރާ ރެޑިސަން ބްލޫ ހޮޓެލް އެސްޓީއޯއާ ގުޅިގެން ތަރައްގީކޮށް ހިންގާނެ ބަޔަކު ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ހޮޓާ ވިއްކާލާ ސަބަބެއް އޭރު ވެސް އެ ކުންފުނިން ނުބުނެ އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި އެސްޓީއޯ އިން ދަނީ އެ ހޮޓާ ވިއްކާލުމަށް ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓް ހިންގާ ތައިލެންޑްގެ މައިނާ ގްރޫޕާ ވާހަކަދައްކަމުންނެވެ. މައިނާ ގްރޫޕުން ދަނީ "އަނަންތާރާ" ބްރޭންޑްގެ ދަށުން ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓް ހިންގަމުންނެވެ.
ޓޫރިޒަމް ދާއިރާއަށް އެސްޓީއޯ އިން ވަނީ ވަރަށް ބޮޑު އުއްމީދަކާއެކު އެވެ. ރާއްޖޭގައި އެންމެ ބޮޑު ވިޔަފާރި ކުންފުނިން ރިސޯޓް އަދި ހޮޓާ ހިންގަން ވަނުމުގެ މައިގަނޑު ބޭނުމަކަށްވީ އެ ކުންފުންޏަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށެވެ. އެހެންވެ އެ ކުންފުނިން ވަނީ ޓޫރިޒަމް ދާއިރާއަށް ވަނުމަށް މީގެ ކުރިން ބ. މުތާފުށި ވެސް ހޯދައިފަ އެވެ.
ފުވައްމުލަކު އެއާޕޯޓް ތަރައްގީކުރަން ސަރުކާރުން ހަވާލުކުރުމަށް ފަހު ސަބްސިޑީގެ ގޮތުގައި ދިން އެ ރަށް އެސްޓީއޯއިން ތަރައްގީކުރުމަށް ބިޑަށް ހުޅުވާލި އެވެ. އެކަމަކު އެ ރަށް ތަރައްގީކުރާނެ ބަޔަކު ނުވެގެން އެ ރަށް ވަނީ ދޫކޮށްލައިފަ އެވެ.
އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެނޭޖިން ޑިރެކްޓަރު ޝަހީރު ވިދާޅުވީ ފުވައްމުލަކު އެއާޕޯޓް ތަރައްގީކުރުމާ ގުޅިގެން ސަރުކާރުން ދިން ބ. މުތާފުށި އެކަށީގެންވާ ވަރަށް ވުރެ ކުޑަވުމުން ދޫކޮށްލުމަށް ފަހު އެއަށް ވުރެ ބޮޑު އަދި ކައިރި ރަށެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ސަރުކާރުން ދާދިފަހުން ވަނީ ކުރިން އެމްޓީޑީސީއަށް ދޫކޮށްފައިވާ ނ. އެކުޅިވަރު އެ ކުންފުންޏަށް ކުއްޔަށްދޫކޮށްފަ އެވެ. އެ ރަށް ދިނީ މުތާފުށީގެ ބަދަލުގަ އެވެ.
ހުޅުމާލޭގައި އެސްޓީއޯއިން ހަދަން ފެށި ހޮޓާ: މިތަނުގެ މަސައްކަތް ހުއްޓާލި ސަބަބެއް އެ ކުންފުނިން ހާމައެއް ނުކުރޭ. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުންޏަށް ޓޫރިޒަމް ދާއިރާގައި ކާމިޔާބަކާ ހަމަޔަށް ނުދެވެނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ކުންފުނީގެ މެނޭޖްމަންޓްގައި އެވަރުގެ ގާބިލްކަމެއް ނެތީ ހެއްޔެވެ؟ ނުވަތަ އެސްޓީއޯގެ ވިސްނުން ބަދަލުވީ ހެއްޔެވެ؟
މި ސުވާލުތަކަށް ޖަވާބު ހޯދުމަށް އެކި ފަހަރުމަތިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރާ ފޯނުން ގުޅުމުން ވެސް ވަނީ އެކަށީގެންވާ ޖަވާބެއް ލިބޭ ގޮތްނުވެފަ އެވެ.
ހަމައެކަނި ތެލަށް ބަރޯސާވެގެން ހިންގާ ކުންފުނިން މިހާތަނަށް ފެށި ޓޫރިޒަމްގެ އެއްވެސް ޕްރޮޖެކްޓެއް ކާމިޔާބުވެފައެއްނުވެ އެވެ. އޭގެ ހެއްކަކަށް މުތާފުށީގެ އިތުރުން މިހިރަ ބޮޑު އިމާރާތް ވެސް ފުދެ އެވެ.
"ލެޝާ އިންވެސްޓްމެންޓްތައް އެންމެ ރަނގަޅީ ރާއްޖޭގައި"
ހޮޓާތަކުން އެންމެ ގިނައިން ވަގަށް ނަގަނީ ތުވާލި
ޓޫރިޒަމް އޮކިއުޕަންސީ 63 ޕަސަންޓުގައި
މަތީ ފެންވަރުގެ 52 ކޮޓަރީގެ މާގިރި ހޮޓެލް ހުޅުވައިފި
އެސްޓީއޯގެ ހުޅުމާލޭ ހޮޓާ ވިއްކާލަން ނިންމައިފި
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ޑަބްލިއުޓީއެމްގައި ރާއްޖޭގެ 217 ބައިވެރިން
އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ގެއްލުމަކީ ޝަންގްރިއްލާ ނުހުޅުވި ލަސްވުން