Roadha Mihaaru
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހައްތަހާ ފަހަތަށް

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހައްތަހާ ފަހަތަށް

03 މެއި 2018

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ މި ފަހަރު ވެސް ދިޔައީ ފަހަތަށެވެ. މިދިޔަ ހަފްތާގައި ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރުނު މި އަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސް ދައްކާ ގޮތުން މިދިޔަ އަހަރަށް ވުރެ ތިން ދަރަޖަ ދަށަށް ގޮސް، ރާއްޖެ މިހާރު ވަނީ 120 ވަނަ އަށް ވެއްޓިފަ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ މި ފަހަރު ވެސް ދިޔައީ ފަހަތަށެވެ. މިދިޔަ ހަފްތާގައި ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރުނު މި އަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސް ދައްކާ ގޮތުން މިދިޔަ އަހަރަށް ވުރެ ތިން ދަރަޖަ ދަށަށް ގޮސް، ރާއްޖެ މިހާރު ވަނީ 120 ވަނަ އަށް ވެއްޓިފަ އެވެ.

ދުނިޔޭގެ 180 ގައުމެއް ހިމެނޭ އިންޑެކްސްގައި 2016 ވަނަ އަހަރު 112 ވަނައިގައި އޮތް ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް މި ފަހުން ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ އެ އަހަރުގެ އޮގަސްޓް މަހު އަބުރުގެ ގާނޫނަކަށް އަމަލުކުރަން ފެށުމެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް އިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ވަކިވަކި ނޫސްވެރިންނަށް ވެސް ހަމަލާތަކާއި އިންޒާރުތައް ވަނީ ކުރިމަތިވެފަ އެވެ. ބްލޮގަރު ޔާމީން ރަޝީދު މަރާލީ ވެސް މިދިޔަ އަހަރު އެވެ.

ރާއްޖޭގައި އޮތް، ނޫސްވެރިންނަށް ހަމަލާދިނުމާއި އެފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ފިޔަވަޅު ނޭޅުމުގެ "ވިހަ މާހައުލު"ގެ ސަބަބުން ނޫސްވެރިންނަށް މިނިވަންކަން އަމިއްލަ އަށް ދޫކޮށްލަން މަޖުބޫރުވާ ކަން ވެސް އެ ޖަމްއިއްޔާ އިން ފާހަގަކުރެ އެވެ.

މި އަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން ހާލަތު އިތުރަށް ގޯސްވެގެންދިޔަ ކަމަށް ވެސް ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބުނެފައިވެ އެވެ.

ދެކުނު އޭޝިއާ ސަރަހައްދަށް ބަލާ އިރު ރާއްޖެ އުޅެނީ ބޫޓާނާއި ނޭޕާލާއި އަފްޣާނިސްތާނަށް ފަހު ހަތަރު ވަނައިގަ އެވެ. ރާއްޖެ އަށް ވުރެ ފަހަތުގައި ސްރީ ލަންކާ 131 ވަނައިގައި އޮތް އިރު ދެން ހުރި ގައުމުތަކަށް ލިބިފައިވާ ދަރަޖަތަކަކީ އިންޑިއާ އަށް 138، ޕާކިސްތާނަށް 139 އަދި ބަންގްލަދޭޝް އަށް 146 ވަނަ އެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި ވޭތުވެދިޔަ ހަ އަހަރު ރާއްޖެ

1. 2013 - 103

2. 2014 - 108

3. 2015 - 112

4. 2016 - 112

5. 2017 - 117

6. 2018 - 120

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސްގެ އެއްވަނަ މަގާމް ވެސް ހޯދީ ނޯވޭ އެވެ. އެއަށް ފަހު ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ބޮޑު ގައުމުތަކަކީ ސްވިޑްން، ނެދަލެންޑްސް، ފިންލެންޑް އަދި ސްވިޓްޒަލެންޑެވެ. އާދައިގެ މަތިން އިންޑެކްސްގެ އެންމެ ފުލަށް ދިޔައީ ނޯތު ކޮރެއާ އެވެ.