Roadha Mihaaru
ރޯމާ އަށް ކުރެވޭނެ ކަން އޮތީ ސާބިތުކޮށްދީފައި: ކޯޗު

ރޯމާ އަށް ކުރެވޭނެ ކަން އޮތީ ސާބިތުކޮށްދީފައި: ކޯޗު

02 މެއި 2018

ރޯމް، އިޓަލީ (މެއި 2) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު، ރޯމާ އަށް ބޭނުންވާ ކަމެއް ހާސިލްކުރަން ކުރަން ޖެހޭ މަސައްކަތެއް ކުރެވޭނެ ކަން އޮތީ ސާބިތުކޮށްދީފައިކަމަށް އެ ޓީމުގެ ކޯޗު އުސޭބިއާ ޑި ފްރަންސެސްކޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރޯމް، އިޓަލީ (މެއި 2) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު، ރޯމާ އަށް ބޭނުންވާ ކަމެއް ހާސިލްކުރަން ކުރަން ޖެހޭ މަސައްކަތެއް ކުރެވޭނެ ކަން އޮތީ ސާބިތުކޮށްދީފައިކަމަށް އެ ޓީމުގެ ކޯޗު އުސޭބިއާ ޑި ފްރަންސެސްކޯ ބުނެފި އެވެ.

ރޯމާ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސެލޯނާ އަތުން 4-1 އިން ބަލިވި ނަމަވެސް މުބާރާތުގެ ދެ ވަނަ ލެގުގައި ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. އެއީ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގައި 3-0 އިން ބާސެލޯނާ ބަލިކޮށްގެންނެވެ.

ލިވަޕޫލް އަތުން ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގައި 5-2 އިން ބަލިވިއިރު، ފައިނަލުން ރޯމާ އަށް ފުރުސަތު ލިބޭނީ ތިން ގޯލުގެ ތަފާތަކުން ލިވަޕޫލް ބަލިކޮށްގެންނެވެ. ރޯމާގެ ކޯޗު ޑި ފްރަންސެސްކޯ ހުރީ އެކަން ކުރެވޭނެ ކަމުގެ އުއްމީދުގަ އެވެ.

"އަހަރެން ބޭނުންވަނީ ބާސެލޯނާ މެޗު ކޮޕީ ކޮށްލާފައި ޕޭސްޓް ކޮށްލަން. އެކަމަކު އެހެނެއް ނުވާނެ. ކުރަން ޖެހޭ މަސައްކަތް ބޮޑު. އެކަމަކު އޮތް ހިތްހަމަ ޖެހުމަކީ އަމިއްލަ ދަނޑުގައި އަހަރެމެންނަށް ކުރެވޭނެކަން އޮތީ ސާބިތުކޮށްދީފައި،" އޭނާ ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު ރޯމާ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ނުޖެހުމަކީ އެ ޓީމުގެ މެދުތެރެއަށް ކުޅޭ ކެވިން ސްޓްރޫޓްމަން އާއި ޑިއޭގޯ ޕެރޯޓީ އަށް އަނިޔާވެފައިވުމެވެ. މިރޭގެ މެޗުގައި ރޯމާގެ މެދުތެރޭގައި އެންމެ މުހިއްމު ދައުރެއް އަދާކުރާނެ އެއް ކުޅުންތެރިޔަކީ ބެލްޖިއަމްގެ ރަޖާ ނައިންގޫލާން އެވެ.

ނައިންގޫލާން ބުނީ ޓީމެއްގެ ގޮތުގައި ލިވަޕޫލް އޮތީ ބާސެލޯނާ އަށް ވުރެ ވަރުގަދަކޮށް ކަމަށާއި އެ ޓީމުގެ އެޓޭކުގެ ނުރައްކާ ހުރިހާ ވަގުތަކު އޮންނާނެ ކަމަށެވެ.

ލިވަޕޫލް މި މެޗަށް ކުރިމަތިލާއިރު އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕްގެ އެސިސްޓަންޓް ކޯޗު ޒެލްކޯ ބުވަޗް ވަނީ އަމިއްލަ ސަބަބެއްގައި ޓީމާ ދުރުވެފަ އެވެ. އެކަމު ސަބަބުން ލިވަޕޫލަށް އެއްވެސް ގޯސް އަސަރެއް ނުކުރާނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

ކްލޮޕް ބުނީ ގިނަ ބަޔަކު ދައްކަނީ ފައިނަލަށްދާން ރޯމާ އަށް ކުރެވޭނެ ކަންތައްތަކުގެ ވާހަކަ އެކަނި ކަމަށާއި ލިވަޕޫލަށް ކުރެވޭނެ ކަމެއްގެ ވާހަކަ ނުދައްކާ ކަމަށެވެ.

"ގިނަ ބަޔަކު ބުނޭ ރޯމާ ޖެހެނީ 3-0 އިން މޮޅުވާށޭ ފައިނަލަށްދާން. އެކަމު އަހަރެމެން ވެސް އެ މެޗު ކުޅެން އެބަތިބި. އަހަރެމެން މިއައީ ހުވަފެންތައް ހާސިލްކުރަން. ފައިނަލަށްދާން އަހަރެމެންނަށް އެބައޮތް ވަރަށް ރަނގަޅު ފުރުސަތެއް،" ކްލޮޕް ބުންޏެވެ.

ފުރަތަމަ ލެގުގައި ރޯމާ ކޮޅަށް ލިވަޕޫލުން ޖެހި ފަސް ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ކުރިން ރޯމާ އަށް ކުޅުނު މުހައްމަދު ސަލާހު އެވެ. ދެ ލަނޑު ޖެހުމުގެ އިތުރުން ސަލާހު ވަނީ އެ މެޗުގައި ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ކްލޮޕް ބުނީ މި މެޗަކީ ސަލާހަށް ހާއްސަ މެޗަކަށްވާނެ ކަމަށާއި ފަހަކަށް އައިސް އޭނާ ދައްކަމުން އަންނަ ކުޅުން ފެށުނީ ރޯމާގެ ދަނޑުން ކަމަށެވެ.

ލިވަޕޫލާއި ރޯމާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 23:45 ގަ އެވެ.