Roadha Mihaaru
ލިވަޕޫލުން ވަކިވާން އުޅޭ ވާހަކަތަކަށް ކްލޮޕް ރައްދުދީފި

ލިވަޕޫލުން ވަކިވާން އުޅޭ ވާހަކަތަކަށް ކްލޮޕް ރައްދުދީފި

16 ފެބުރުއަރީ 2021

ބުޑަޕެސްޓް، ހަންގޭރީ (ފެބްރުއަރީ 16) - ފަހަކަށް އައިސް ލިވަޕޫލް ކުޅުނު މެޗުތަކުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ޓީމުގެ ކޯޗުކަމުން ޔާގެން ކްލޮޕް ވަކިވާން އުޅޭ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކަށް އޭނާ ރައްދުދީފި އެވެ.

ބުޑަޕެސްޓް، ހަންގޭރީ (ފެބްރުއަރީ 16) - ފަހަކަށް އައިސް ލިވަޕޫލް ކުޅުނު މެޗުތަކުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ޓީމުގެ ކޯޗުކަމުން ޔާގެން ކްލޮޕް ވަކިވާން އުޅޭ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކަށް އޭނާ ރައްދުދީފި އެވެ.

ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުތަކުން އެ ޓީމު ވަނީ ލެސްޓާ ސިޓީ އަތުން ބަލިވެފަ އެވެ. އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ވަނީ އެ ޓީމަށް ލީގު ތަށި ދިފާއުނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އެ ވާހަކަތަކާ އެކު އިނގިރޭސި މީޑިއާގައި އަޑުފެތުރުނީ ކްލޮޕް ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އެކަމަކު އޭނާ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"އަހަރެން ވަކިކުރަނީތަ؟ ނޫނީ ޓީމު ދޫކޮށްލާފައި ދަނީތަ؟ އަހަރެން ބްރޭކެއް ބޭނުމެއް ނޫން. އަހަރެން މިހެން ނުރަ ޖަހާފައި ހުއްޓައި ފެނުނަސް ހަގީގަތަކީ އަހަރެން އަދިވެސް މި ހުރީ ޗެލެންޖްތަކާ ކެރިގެން ކުރިމަތިލާން. އަހަރެން އަދިވެސް މިހުރީ މި ޕްރޮޖެކްޓް ކުރިއަށްގެންދަން،" ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި މިރޭ ޖަރުމަނުގެ އާރްބީ ލައިޕްޒިގާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުންޏެވެ.

ލިވަޕޫލަށް މި ސީޒަނުގައި ލީގު ފިޔަވައި ދެން އޮތް މުބާރާތަކީ ޗެމްޕިއަންސް ލީގެވެ. ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ ޖަރުމަނު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ލައިޕްޒިގުގެ ދަނޑުގައި ކުޅެން އޮތް މެޗު ކުރިއަށްގެންދާނީ ހަންގޭރީގެ ޕުސްކަން އެރީނާގަ އެވެ. ކްލޮޕް ބުނީ ނިއުޓްރަލް ދަނޑެއްގައި މި މެޗު ކުޅެން ޖެހުމަކީ ލިވަޕޫލަށް އެޑްވާންޓޭޖް އޮތް ކަމެއްގެ ގޮތުގައި ނުދެކޭނެ ކަމަށެވެ.

ލައިޕްޒިގުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާތައް ދަށްވި ނަމަވެސް ޗެމްޕިއަންސް ލީގު ކަހަލަ ބޮޑު މުބާރާތެއްގެ ނޮކައުޓް މެޗަކަށް ނުކުންނައިރު ލިވަޕޫލުން ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ.

"އެ މީހުންގެ ނަތީޖާތައް ގޯސްކޮށް އޮތީ ޕްރިމިއާ ލީގުގައި. އަހަންނަށް އެ މީހުން ފެންނަނީ ޗެމްޕިއަންސް ލީގުގައި ވަރަށް ވަރުގަދަކޮށް. ފަހަރުގައި މި ވަގުތު ލިވަޕޫލަށް ލީގުގެ ރޭހުގައި ފުރުސަތު ހަނިވެފައި އޮތުމުން ލިބިފައި އޮތް ހުރިހާ އެއްޗެއް ހިފައިގެން ނުކުންނާނީ މި މުބާރާތަށް،" ލައިޕްޒިގު ގޮވައިގެން މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ވާދަކުރި ނާގަލްސްމަން ބުންަޏެވެ.

ލައިޕްޒިގާއި ލިވަޕޫލް ކުޅޭ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.