26 އެޕްރީލް 2018
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވަކީލުން މިއަދު ހުށަހަޅައިފި އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވަކީލުން މިއަދު ހުށަހަޅައިފި އެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ތެރެއިން، ލިޔެކިޔުން ބަދަލު ކުރުމަށް ސަރުކާރުން ގާއިމު ކޮށްފައިވާ ނިޒާމު، ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެ މަނިކުފާނާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި ވަނީ ދެ ފަރާތުން ބޭނުންވާ ހުށަހެޅުންތައް، ހުށަހެޅުމުގެ ފުރުސަތު ދީފަ އެވެ. އެގޮތުން ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުން ގިނަ ކަންތައްތަކެއް ހުށަހަޅާފައިވެ އެވެ.
ދައުލަތުން ވަނީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުށް ސާބިތުކުރަން ސިއްރު ތިން ހެއްކަކާއި ސިއްރު ލިޔެކިޔުންތައް ހުށަހަޅުއްވައިފަ އެވެ. ދައުލަތުގެ ވަކީލު ޝަމްލާ ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާއާތުގެ ގާނޫނު އޮތީ ހެކި ބަސް ދޭ މީހާ އަށް ހިމާޔަތް ދިނުމާއި އެ މީހާ ސިއްރުކޮށް ދެވިދާނެ ކަމަށެވެ. އެހެންވެ، އެފަދަ އަމުރެއް ނެރެ ދިނުމަށް ދައުލަތުގެ ވަކީލު ވަނީ އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން ހެކި ބަސް ދޭ މީހާ ސިއްރު ނުކުރާ ނަމަ، ހެކި ނައްތާލުމުގެ ބިރު އޮތުމުން ހެކިންނާ ގުޅޭ މައުލޫމާތު ސިއްރު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެމީހުންގެ މައުލޫމާތު ހާމަކޮށްފިނަމަ، ޖިސްމާނީ ގޮތުން އެމީހުންނަށް އަނިޔާއެއް ދީފާނެ ކަމަށް ވެސް ޝަމްލާ ވިދާޅުވި އެވެ.
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ޓީމުން ވަނީ 11 ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ގާނޫނުތަކުގެ ދަށުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނާ ހުއްޖަތްތަކެކެވެ. އެގޮތުން އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ދައުވާ އުފުލީ ފުރިހަމަ ނުވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި ޖިނާއީ އިޖުރާއާތުގެ ގާނޫނާ މުޅިން ހިލާފަށް ކަމަށް ވަކީލު ނޫރުއްސަލާމް ވިދާޅުވި އެވެ.
މީގެ އިތުރުން، މި މައްސަލައިގައި ދައުވާ ކުރި އިރު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ހުއްދަ ލިޔުމަކުން ދިން ކަން އެނގެން ނެތް ކަމަށާއި ދައުވާ އަށް ނަން ދީފައި އޮތީ ވެސް ގާނޫނާ ހިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކުށުގެ އަމަލު ހިނގި ވަގުތެއް ބަޔާންކޮށްފައި ނެތުމާއި ދައުލަތުން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތު ކުރަން ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް ވެސް ނޫރުއްސަލާމް ވިދާޅުވި އެވެ.
ނޫރުއްސަލާމް ވިދާޅުވި ގޮތުގައި ދައުލަތުން ހުށަހެޅި ވީޑިއޯ/އޯޑިއޯ ރިކޯޑިންތައް ދިފާއީ ވަކީލުންނާ ހިއްސާ ކޮށްފައެއް ނުވެ އެވެ. ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން މި ތަކެއްޗަކީ ދިފާއީ ވަކީލުންނަށް ލިބެން ޖެހޭ އެއްޗެއް ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވި އެވެ. އެހެންވެ، އޭނާ އެދިވަޑައިގަތީ އެ ތަކެތި ދިފާއީ ވަކީލުންނަށް ހާމަކޮށް ދިނުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށެވެ.
މި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ އަންނަ ހޯމަ ދުވަހު ބާއްވާ އަޑުއެހުމެއްގައި ރައްދު ދިނުމުގެ ފުރުސަތު ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުންނަށް އޮންނާނެ ކަމަށެވެ.
އެކަމާ ގުޅިގެން، އުއްތަމަ ފަނޑިޔާރުގެ ވަކީލު ހިސާން ހުސައިން ވަނީ އެ ދުވަހު ތަފްސީލްކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭނެތޯ ސުވާލު ކުރައްވައިފަ އެވެ. އޭގެ ޖަވާބުގައި ގާޒީ ވިދާޅުވީ "އިރު އޮއްސެންދެން" ވެސް ތަފްސީލްކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާ ކުރަނީ، ޖެމްސްގެ ހިދުމަތް، މިދިޔަ ފެބްރުއަރީ 4 އަދި 5 ގައި ސުޕްރީމް ކޯޓުގައި ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެވެ.
މި މައްސަލަ އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މިއަދު ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.
ދެ ފަނޑިޔާރުންގެ ހުކުމް: ދިރިތިބީންނަށް އިބްރަތެއް
އުއްތަމަ ފަނޑިޔާރު ހަތަރުމަހަށް ޖަލަށްލާން ހުކުމްކޮށްފި
ދެ ފަނޑިޔާރުން 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގެ ހުކުމް މާދަމާ
އުއްތަމަ ފަނޑިޔާރު ގާޒީއަށް: ގިޔާމަތް ދުވަސް އެބައޮތް
ކުށްވެރިއަކަށް ނުހެދޭނެ، ކޯޓަށް ވަނީ ވަގަކަށް ނޫން
ޖެމްސް ހުއްޓުވި މައްސަލައިގެ ހުކުމް މާދަމާ
އަލީ ހަމީދާއި ހަސަން ސައީދުގެ ހެކި ބަހެއް ނުނެގި!
އަމުރުތައް ނެރުނީ ދެ ފަނޑިޔާރުން އަންގާ ގޮތަށް!
އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ސިއްރު 16 ހެކިވެރިން