08 މެއި 2018
ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން ކަނޑާލަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެންގެވި މައްސަލާގައި ކުރި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން ކަނޑާލަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެންގެވި މައްސަލާގައި ކުރި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މިއީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.
އުއްތަމަ ފަނޑިޔާރަށް ދައުވާ ކުރީ ލިޔެކިޔުން ބަދަލު ކުރުމަށް ސުޕްރީމް ކޯޓުގައި ސަރުކާރުން ގާއިމް ކޮށްފައިވާ ޖެމްސް ސިސްޓަމް މިދިޔަ ފެބްރުއަރީ 4 އަދި 5 ގައި ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓުން ކޮންމެހެން ފޮނުވަން ޖެހޭ ލިޔުމެއް ސަރުކާރަށް ފޮނުވުމަށް، ޖެމްސްގެ ޚިދުމަތް އަލުން ގުޅާފައި، ލިޔެކިޔުންތައް ފޮނުވާ ނިމުމުން، އަލުން އެ ޚިދުމަތް މެދުކަނޑާލަން އެންގެވި ކަމަށް ބުނެ، އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ހުކުމް އިއްވަމުން، ފަނޑިޔާރު އިބްރާހިމް އަލީ ވިދާޅުވީ ޝަރީއަތަށް ހުށަހެޅި ހެއްކާއި ގާރީނާތަކަށް ބަލާއިރު، ފެބްރުއަރީ 4 އަދި 5 ގައި ޖެމްސްގެ ޚިދުމަތް އެކިއެކި ވަގުތުތަކުގައި މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އަންގަވާފައިވާ ކަން އެނގެން އޮންނަ ކަމަށެވެ. އެހެންވެ، މި މައްސަލަ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ހުކުމުގައި ވެ އެވެ.
މިއީ ގާނޫނުއަސާސީގައި ބުނާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ މައްސަލައެއް ކަމުން ގާނޫނުއުގޫބާތުގެ ދަށުން، އުއްތަމަ ފަނޑިޔާރު ކުށްވެރިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމަކީ އުއްތަމަ ފަނޑިޔާރަށް ތުހުމަތު ކުރާ ކުށުގެ އެންމެ އަސާސީ މިންވަރެވެ.
އެކަމަކު، އުއްތަމަ ފަނޑިޔާރުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ޖެމްސްގެ ޚިދުމަތް ކަނޑާލަން އެންގުމަކީ ކުށެއް ކަން އެއްވެސް ގާނޫނެއްގައި ކަނޑައަޅާފައި ނުވާ ކަމަށެވެ.
ޖެމްސްގެ ޚިދުމަތުގެ އިތުރުން، އެހެން ގޮތްގޮތަށް ވެސް ލިޔެކިޔުންތައް ކޯޓަށް ހުށަހެޅޭނެ ކަން ހެކިންގެ ހެކި ބަހުންނާއި ގާޒީ މައްސަލަ ނިންމެވި ގޮތުގެ ރިޕޯޓުން އެނގެން އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ނޫރުއްސަލާމް އެދިވަޑައިގަތީ އުއްތަމަ ފަނޑިޔާރު އެންމެ ކުޑަމިނުން ޖޫރިމަނާ ކުރަން ނުވަތަ ގޭބަންދަށް ބަދަލުކޮށް ދިނުމަށެވެ.
ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އެހެންވެ، އަދަބު ކަނޑައެޅުމުގައި މަތި އަދި ދަށްވާން ޖެހޭ ސަބަބެއް އޮތް ކަމަކަށް ނުފެންނާތީ ދައުލަތުން އެދުނު ގޮތަށް ހަތަރު މަހާއި 24 ދުވަހަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޖަލަށްލާން ހުކުމް ކުރާ ކަމަށް ގާޒީ އިބްރާހިމް އަލީ ކަނޑައެޅުއްވި އެވެ.
ސިޔާސީ އިދިކޮޅު ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހުރި ކަންތައް އިތުރަށް މުރާޖައާ ކޮށްދިނުމަށް އެ ކޯޓުގައި އެދުމަށް ޖެމްސް މެދުވެރިކޮށް، ސަރުކާރުން ފޮނުވި ސިޓީތައް ވެސް އެ ކޯޓުން ބަލައިނުގަންނަ ކަމަށް ސަރުކާރުން ބުނެ އެވެ. ސިޓީތައް ބަލައިނުގަތުމަށް ފެބްރުއަރީ 4، 5 ގައި، އުއްތަމަ ފަނޑިޔާރު ކުރެއްވި އަމުރަށް އެ ކޯޓުގެ ޖެމްސް ސިސްޓަމް ހުރީ ނިއްވާލާފައި ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
މި މައްސަލަތައް ހިނގަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހުން ވަނީ، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އިސްތިއުނާފުގެ މަރުހަލާ ނިމުމާ އެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހުކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރަށް ކުރި ތުހުމަތުގެ މައްސަލާގައި އިއްޔެ ބޭއްވި ހުލާސާ ބަޔާން އިއްވުމުގެ ޝަރީއަތުގެ މަޖިލީހުގައި، ދައުލަތުގެ ވަކީލް ޝަމްރާ ޝަމީމް ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން އުއްތަމަ ފަނޑިޔާރު ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އެންގެވި ކަން ސާބިތުވާ ކަމަށެވެ.
މި މައްސަލައިގައި ކޯޓުގައި ހެކި ބަސް ދިން ސުޕްރީމް ކޯޓުގެ އިސް ބޭފުޅަކު ވަނީ ޖެމްސްގެ ޚިދުމަތް ކަނޑާލަން އުއްތަމަ ފަނޑިޔާރު އިރުޝާދު ދިނުމާ ގުޅިގެން އެކަން އެގޮތަށް ކުރަން މުވައްޒަފަކަށް އަންގާފައިވާނެ ކަމަށް ބުނެފަ އެވެ. އަދި ޚިދުމަތް ކަނޑާލުމުގެ ގޮތުން ވާގަނޑު ނައްޓާލި ކަމަށް އެ މުވައްޒަފު ވަނީ ކޯޓުގައި ހެކި ބަސް ދީފަ އެވެ.
އެކަމަކު، އުއްތަމަ ފަނޑިޔާރުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި އެ ކޯޓުގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ވަހީދު ކޯޓުގައި ވިދާޅުވީ ޖެމްސްގެ ޚިދުމަތް ހުއްޓުމަކަށް އައިކަން އޭނާ ހަވާލުވެފައި ހުންނަ ޑިވިޝަނުން އަންގާފައި ނެތް ކަމަށާއި އެކަން އެނގިވަޑައިގަތީ މީޑިއާ އިން ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވަނީ ދައުވާ އަށް އިންކާރު ކުރައްވައި، އެއީ އެމަނިކުފާނު "ދެނެހުރި ކަމެއް ވެސް ނޫން" ކަމަށް މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލިސްތަކުގައި ވިދާޅުވެފަ އެވެ.
ދެ ފަނޑިޔާރުންގެ ހުކުމް: ދިރިތިބީންނަށް އިބްރަތެއް
އުއްތަމަ ފަނޑިޔާރު ގާޒީއަށް: ގިޔާމަތް ދުވަސް އެބައޮތް
ކުށްވެރިއަކަށް ނުހެދޭނެ، ކޯޓަށް ވަނީ ވަގަކަށް ނޫން
ޖެމްސް ހުއްޓުވި މައްސަލައިގެ ހުކުމް މާދަމާ
އަލީ ހަމީދާއި ހަސަން ސައީދުގެ ހެކި ބަހެއް ނުނެގި!
"އުއްތަމަ ފަނޑިޔާރަށް ކުރާ ދައުވާ ފުރިހަމައެއް ނޫން"
"ޖެމްސްގެ ހިދުމަތް މެދުކަނޑާލިކަން ނުވެސް ދެނަހުރިން"
ޖެމްސް މައްސަލަ ބާތިލްކުރަން ގިނަ ހުށަހެޅުންތަކެއް
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ޝަރީއަތެއް މިއަދު
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެއްޖެ