06 މެއި 2018
އުއްތަމަ ފަނޑިޔާރުގެ އަބްދުﷲ ސައީދާ ދެކޮޅަށް އުފުލާފައިވާ، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލައިގައި އެ މަނިކުފާނުގެ ފަރާތްޕުޅުން ދިފާއުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ ނަން ހުށަހެޅުމުން އެ ދެ ބޭފުޅުންގެ ހެކިބަހެއް ނުނެގި އެވެ.
އުއްތަމަ ފަނޑިޔާރުގެ އަބްދުﷲ ސައީދާ ދެކޮޅަށް އުފުލާފައިވާ، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލައިގައި އެ މަނިކުފާނުގެ ފަރާތްޕުޅުން ދިފާއުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ ނަން ހުށަހެޅުމުން އެ ދެ ބޭފުޅުންގެ ހެކިބަހެއް ނުނެގި އެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން ކުރަނީ ސުޕްރީމް ކޯޓުގެ ގަވަރްމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ޚިދުމަތް މެދުކަނޑާލަން އެންގެވި ކަމަށް ބުނެ އެވެ. މި މައްސަލަ ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އެ މަނިކުފާނަށް އަންނާނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ވަނީ ދިފާއުގައި ފަސް ހެއްކެއް ހުށަހަޅުއްވައިފަ އެވެ. އެކަމަކު، ހެކި ބަސް ނެގީ އެންމެ ބޭފުޅެއްގެ އެވެ. އެއީ ސުޕްރީމް ކޯޓުގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ވަހީދެވެ.
އުއްތަމަ ފަނޑިޔާރު، ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަކަށް ވަޑައިގަތުމަށް ލޯންޗުން ފައިބައިވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ދިފާއުގައި ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދާއި އިބްރާހިމް ވަހީދުގެ އިތުރުން ކޯޓުގެ ރަޖިސްޓްރާ ފާތުމަތު ޔުމްނާ އާއި ކޯޓުގެ އިސް ބޭފުޅެއް ކަމަށްވާ އާތިކާ އިބްރާހިމް ހެއްކެއްގެ ގޮތުގައި ހުށަހެޅި އެވެ. އެކަމަކު، ހަތަރު ބޭފުޅުން ކޯޓަށް ވަޑައެއް ނުގަންނަވަ އެވެ.
ދައުލަތުގެ ވަކީލު ޝަމްލާ ޝަމީމް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ހުށަހެޅުއްވި އެއްވެސް ހެއްކަކީ ދައުވާގައި ބުނާ އެއްވެސް ސަބަބެއް ނަފީ ކުރަން ހުށަހަޅާފައިވާ ހެކިތަކެއް ނޫން ކަމަށެވެ. އެހެންވެ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހެކިން ބަލައިނުގަތުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ނަމަވެސް، ދިފާއީ ވަކީލުން ވިދާޅުވީ އެބޭފުޅުން ހުށަހެޅި ހެކިވެރިންނަކީ މައްސަލައިގެ އަސާސްއާ ގުޅޭ ހެކިތަކެއް ކަމަށާއި ހެކިވެރިން ހާޒިރު ނުކުރާ ނަމަ، އަދުލުވެރި ގޮތަކަށް އެކަން ނުވާނެ ކަމަށެވެ. އަދި ކުށުން ބަރީއަވުމުގެ ހައްގު އުއްތަމަ ފަނޑިޔާރަށް ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ ކަން ވަކީލުން ހަނދާންކޮށް ދެއްވި އެވެ.
މި މައްސަލަ ބައްލަވާ ފަނޑިޔާރު އިބްރާހިމް އަލީ ވިދާޅުވީ ފަސް ހެކިން ހާޒިރުވުމަށް ކްރިމިނަލް ކޯޓުން ޗިޓު ފޮނުވި ކަމަށެވެ. އަދި ހެކިން ހާޒިރު ކުރުމަށް ބާރު އެޅުމަކީ ދިފާއީ ވަކީލުން ކުރައްވަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދު ހާޒިރު ނުކުރަން ނިންމީ މި ބާވަތުގެ މައްސަލަތަކެއް އެ ބޭފުޅުންނާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ހުރީމަ ކަމަށް އޭނާ ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރުގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދުގެ މައްޗަށް މި ބާވަތުގެ މައްސަލައެއް ހުށަހަޅައިގެން ކޯޓުގައި ކުރިއަށް ނުދާ ކަމަށެވެ. އަދި ހުށަހެޅި ނަމަ، ޝަރީއަތުގެ މަޖިލީހުގައި ދެ ބޭފުޅުން ތިއްބެވީސް ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލު ޝަމްލާ ވިދާޅުވީ އުއްތަމަ ފަނޑިޔާރު، ޚިދުމަތް މެދުކަނޑާލަން އެންގެވި މައްސަލައަކީ މިދިޔަ ފެބްރުއަރީ 1 ގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން ތަހުގީގު ކުރި މައްސަލައެއް ކަމަށެވެ. އަދި ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދަކީ ބޮޑު މައްސަލައިގެ ތުހުމަތު ކުރެވޭ ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ޓީމުން ވަނީ ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިއްބެވި ބޭފުޅުން ކަމާއި އެ ބޭފުޅުން ކޯޓަށް ހާޒިރު ކުރުމުގެ އެއްވެސް ބާރެއް ނެތް ކަމަށް ބުނެފަ އެވެ. އަދި މީގެ ކުރިން ބޭއްވި ޝަރީއަތްތަކުގައި، ބަންދުގައި ތިބޭ މީހުން، ކްރިމިނަލް ކޯޓުގެ އެންގުމަށް ހެކި ބަސް ނެގުމަށް ހާޒިރު ކުރާ ކަމަށް ވަކީލުން ބުންޏެވެ.
އުއްތަމަ ފަނޑިޔާރު ވަނީ ކޮޅަށް ތެދުވެ ހުންނަވައި، ހަތަރު ބޭފުޅުންގެ ހެކި ބަސް ނުނަގަން ފަނޑިޔާރު ނިންމެވުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ހުށަހެޅި ހެކިތަކުން މިއީ "ފެބްރިކޭޓެޑް" (އަމިއްލަ އަށް އުފައްދައިގެން) އުޅޭ ކަމެއް ކަން ސާފުވާ ކަމަށެވެ. އަދި ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އެއްވެސް މުވައްޒަފަކަށް އަންގަވާފައި ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އެންގެވި ކަމަށް ބުނާ އިރު، އެކަމަކީ ހިނގި ކަމެއް ނޫން ކަމަށާއި އުއްތަމަ ފަނޑިޔާރު "ވާގަނޑެއް ބުރިކޮށްލަން" ވިދާޅުވެފައި ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި މައްސަލައެއް ނިންމާނީ ފަނޑިޔާރުންގެ މަޖިލިސް އެއްވެގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް، މި މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ ދިފާއުގައި ހުށަހެޅި ހެކިންގެ ހެކި ބަސް ނުނަގަން ނިންމައި، މާދަމާ އޮންނަ އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. އެހެންކަމުން މާދަމާ އޮންނާނީ މި މައްސަލައިގައި ބާއްވާ އެންމެ ފަހުގެ އަޑުއެހުން ކަމަށް ބެލެވެ އެވެ.
އުއްތަމަ ފަނޑިޔާރުގެ ވަކީލުން ވިދާޅުވީ މާދަމާ އޮންނަ އަޑުއެހުމުގައި ހުކުމް އިއްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި "ދިގު ޝަރީއަތުގެ އަޑުއެހުމެއް" އޮންނާނެ ކަމަށް ބަލާފައި ތައްޔާރުވާނެ ކަމަށް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެއްޖެ
ދެފަނޑިޔާރުންނަށް އިއްވި ހުކުމް ރަނގަޅު:ސުޕްރީމް ކޯޓު
ދެ ފަނޑިޔާރުންނަށް ކުރި ޖަލު ހުކުމް އިސްތިއުނާފަށް
މައުމޫނާއި ދެ ފަނޑިޔާރުންގެ ޝަރީއަތް މާދަމާ ބާއްވަނީ
ދެ ފަނޑިޔާރުން 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގެ ހުކުމް މާދަމާ
އުއްތަމަ ފަނޑިޔާރު ގާޒީއަށް: ގިޔާމަތް ދުވަސް އެބައޮތް
އުއްތަމަ ފަނޑިޔާރު ހަތަރުމަހަށް ޖަލަށްލާން ހުކުމްކޮށްފި
ކުށްވެރިއަކަށް ނުހެދޭނެ، ކޯޓަށް ވަނީ ވަގަކަށް ނޫން
ޖެމްސް ހުއްޓުވި މައްސަލައިގެ ހުކުމް މާދަމާ