07 މެއި 2018
ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރި ދައުވާގެ ހުކުމް މާދަމާ ކުރާ ގޮތަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.
ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރި ދައުވާގެ ހުކުމް މާދަމާ ކުރާ ގޮތަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާ ކުރީ، ގަވަރްމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުގައި މިދިޔަ ފެބްރުއަރީ 4، 5 ގައި ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުންތައް ނިންމާލީ ދައުލަތުންނާއި ދިފާއީ ވަކީލުންގެ ފަރާތުން ހުށަހަޅަން ޖެހޭ ޚުލާސާ ބަޔާން އިއްވުމަށް ފަހު އެވެ. މި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވަނީ އަޑުއެހުންތައް ނިންމާލި ކަން އިއުލާން ކުރައްވައި، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ވިދާޅުވެފަ އެވެ.
ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ނުވަ މީހަކު މިނިވަން ކުރުމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހުރި ކަންތައް އިތުރަށް މުރާޖައާ ކޮށްދިނުމަށް އެ ކޯޓުގައި އެދުމަށް ޖެމްސް މެދުވެރިކޮށް ސަރުކާރުން ފޮނުވި ސިޓީތައް ވެސް އެ ކޯޓުން ބަލައިނުގަންނަ ކަމަށް ސަރުކާރުން ބުނެ އެވެ. އެ ސިޓީތައް ފޮނުވި އިރު، އުއްތަމަ ފަނޑިޔާރުގެ އަމުރުފުޅަށް އެ ކޯޓުގެ ޖެމްސް ސިސްޓަމް ހުރީ ނިއްވާލާފައި ކަމަށް ސަރުކާރުން ތުހުމަތު ކުރެ އެވެ.
ޖެމްސްގެ ޚިދުމަތް ހުއްޓުމަކަށް ގެންނަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް، ސިއްރުން ހެކިބަސް ދިން އެކަކު ޝަރީއަތުގައި ބުނެފައިވެ އެވެ. އުއްތަމަ ފަނޑިޔާރުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި އެ ކޯޓުގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ވަހީދު ކޯޓުގައި ވިދާޅުވީ ޖެމްސްގެ ޚިދުމަތް ހުއްޓުމަކަށް އައިކަން އޭނާ ހަވާލުވެފައި ހުންނަ ޑިވިޝަނުން އަންގާފައި ނެތް ކަމަށާއި އެކަން އެނގިވަޑައިގަތީ މީޑިއާ އިން ކަމަށެވެ.
ޚުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލު ޝަމްރާ ޝަމީމް ވިދާޅުވީ އިބްރާހީމް ވަހީދުގެ ހެކި ބަހުން ސުޕްރީމް ކޯޓުގެ ހުރިހާ ޑިވިޝަނެއް ހިނގަމުން ދަނީ އުއްތަމަ ފަނޑިޔާރުގެ އިރުޝާދުގެ ދަށުން ކަން އެނގެން އޮންނަ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުން ލިޔުންތައް ފޮނުވަނީ ޖެމްސް މެދުވެރިކޮށް ކަން އިބްރާހީމް ވަހީދުގެ ހެކިބަހުން އެނގޭ ކަމަށް ވެސް ޝަމްރާ ވިދާޅުވި އެވެ.
ނަމަވެސް ޝަމްރާގެ ވާހަކަތަކަށް ރައްދު ދެއްވައި، އުއްތަމަ ފަނޑިޔާރުގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ އިބްރާހިމް ވަހީދުގެ ވާހަކައިގައި ފާހަގަ ކުރެއްވީ ޖެމްސް މެދުވެރިކޮށް އަދި ސުޕްރީމް ކޯޓުގެ ކައުންޓަރު މެދުވެރިކޮށް ވެސް ލިޔުންތައް ހުށަހެޅޭނެ ވާހަކަ ކަމަށެވެ. އަދި އިބްރާހިމް ވަހީދު ދެއްކެވި ވާހަކަ އޮޅުވާލަން ދައުލަތުން މަސައްކަތް ކުރާ ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވި އެވެ.
ޝަމްރާ ވިދާޅުވީ ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި ސިއްރު ލިޔެކިޔުންތަކުން މިދިޔަ ފެބްރުއަރީ 4 ގެ ރޭގަނޑު ޖެމްސްގައި މައްސަލައެއް އުޅޭކަން ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލަޖީ (އެންސީއައިޓީ)ގެ ފަރާތުން އެނގުނު ކަމަށެވެ. އަދި އެ ތަނުގެ ޓެކްނިކަލް މުވައްޒަފަކު ސުޕްރީމް ކޯޓަށް ގުޅުމުން، ޖެމްސްގެ ޚިދުމަތް ގަސްދުގައި ކަނޑާލީ ކަން އެންގި ކަމަށް ވެސް ޝަމްރާ ވިދާޅުވި އެވެ.
އެއީ ރައީސް އޮފީހުގެ އެއްވެސް ސިޓީއެއް "އެކްސެސް" ވިޔަ ނުދިނުމުގެ ގޮތުން ކުރާ ކަމެއް ކަމާއި ލޮގްސްތަކުން ފެބްރުއަރީ 4 އަދި 5 ގައި ޖެމްސްގެ ޚިދުމަތް ކަނޑާލާފައި އަލުން ޖެއްސި ކަން އެނގޭ ކަމަށް ވެސް ދައުލަތުގެ ވަކީލު ޝަމްރާ ވިދާޅުވި އެވެ.
ޝަމްރާ ފާހަގަ ކުރެއްވި ގޮތުގައި އުއްތަމަ ފަނޑިޔާރު ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އެންގެވި ކަން ހެކިންގެ ހެކި ބަހުން އެނގެ އެވެ. އެހެންކަމުން މިއީ ދައުލަތުގެ މަސައްކަތަށް އުއްތަމަ ފަނޑިޔާރު ހުރަސް އެޅުން ކަމަށް ބުނުމުގެ ޖާގަ އެބައޮތް ކަމަށް ވެސް ޝަމްރާ ވިދާޅުވި އެވެ.
ގާނޫނުލް އުގޫބާތުގައި ބުނާ މާއްދީ ގޮތުން ހުއްޓުވުމުގެ ތެރެއަށް މި މައްސަލަ ވަންނާނެ ކަމަށާއި މިކަމަކީ ނުބައި ނިޔަތެއް އޮވެގެން ކުރި ކަމެއް ކަން އެނގެން އޮންނަ ކަމަށް ޝަމްރާ ވިދާޅުވި އެވެ.
ދެ ގަޑިއެއްހާ އިރަށް ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ވަކީލު ހިސާން ހުސައިން ވިދާޅުވީ ރައީސް އޮފީހުން ސިޓީއެއް ނޫނީ އެހެން އިދާރާއަކުން ލިޔުމެއް ޖެމްސް މެދުވެރިކޮށް ފޮނުވިކަން ދައުލަތަށް ކަށަވަރުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ތަހުގީގު ހިންގީ ގާނޫނީ ހިލާފު ބަންދެއްގައި އުއްތަމަ ފަނޑިޔާރު ބަހައްޓަވައިގެން ކަމަށާއި ޝަރީއަތް ހިންގުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ފުރިހަމަ ކުރަން ޖެހޭ އެންމެހާ ކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
ހިސާންގެ ވާހަކައިގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަ ކުރީ ހެކިންގެ ހެކިބަހުން ކުށުގެ އަމަލު ހިންގި ވަގުތަކީ ކޮބައިކަން ބުނެދީފައި ނުވާތީ އެވެ. އަދި ދައުލަތުން ލޮގްސްތައް ސިއްރު އެއްޗެއްގެ ގޮތުގައި ހުށަހަޅަންވީ ކީއްވެކަން ވިސްނިވަޑައިނުގަންނަވާ ކަމަށް ހިސާން ވިދާޅުވި އެވެ.
މީގެއިތުރުން، ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި ތަނުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުންނެވި ކަމަށް ދައުލަތުން ހުށަހެޅި ހެކިވެރިއަކު ހެކި ބަސް ދެމުން ބުނެފައިވާއިރު، އަލީ ހަމީދާއި ހަސަން ސައީދަކީ މި މައްސަލައިގައި ދިފާއުވުމަށް އެންމެ މުހިންމު ދެ ހެކިން ކަމަށް ހިސާން ވިދާޅުވި އެވެ. އެހެންކަމުން، މި މައްސަލަ ސާބިތުނުވާ ކަމަށް ގާޒީ ކަނޑައަޅުއްވައި ދެއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫރުއްސަލާމް ވިދާޅުވީ ޖެމްސްގެ ޚިދުމަތް މެދުކަނޑާލުމަކީ ކުށެއް ކަން ޖިނާއީ އަދުލުގެ ނިޒާމުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން، މިއީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކްރިމިނަލް ކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި މިދިޔަ ފެބްރުއަރީ 1 ގެ އަމުރަށް އެންމެން އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވި އެވެ. އަދި އަމުރާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން ސުޕްރީމް ކޯޓަށް ސިޓީ ފޮނުވަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ގާޒީއަށް: ގިޔާމަތް ދުވަސް އެބައޮތް
އުއްތަމަ ފަނޑިޔާރު ހަތަރުމަހަށް ޖަލަށްލާން ހުކުމްކޮށްފި
ކުށްވެރިއަކަށް ނުހެދޭނެ، ކޯޓަށް ވަނީ ވަގަކަށް ނޫން
އަލީ ހަމީދާއި ހަސަން ސައީދުގެ ހެކި ބަހެއް ނުނެގި!
"އުއްތަމަ ފަނޑިޔާރަށް ކުރާ ދައުވާ ފުރިހަމައެއް ނޫން"
"ޖެމްސްގެ ހިދުމަތް މެދުކަނޑާލިކަން ނުވެސް ދެނަހުރިން"
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ޝަރީއަތެއް މިއަދު
ދެ ފަނޑިޔާރުންގެ ހުކުމް: ދިރިތިބީންނަށް އިބްރަތެއް
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެއްޖެ
ދެފަނޑިޔާރުންނަށް އިއްވި ހުކުމް ރަނގަޅު:ސުޕްރީމް ކޯޓު