Roadha Mihaaru
ބްރިޖަށް މަގު ފުޅާކުރަން ޗާޓައިމް ތަޅާލައިފި

ބްރިޖަށް ދަތުރުކުރާ މަގު ފުޅާކުރަން ޗާޓައިމް ތަޅާލައިފި

24 އެޕްރީލް 2018

މާލެ އާއި ހުޅުލެއާ ދޭތެރޭގައި އަޅާ ބްރިޖަށް ދަތުރުކުރާ މަގު ފުޅާކުރަން، ޗާ ޓައިމް ރޭ ތަޅާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލެ އާއި ހުޅުލެއާ ދޭތެރޭގައި އަޅާ ބްރިޖަށް ދަތުރުކުރާ މަގު ފުޅާކުރަން، ޗާ ޓައިމް ރޭ ތަޅާލައިފި އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ލޮނުޒިޔާރަތްކޮޅުގައި ހެދި، ބޭރުގެ ފްރެންޗައިޒެއް ކަމަށްވާ ޗާޓައިމް ތަޅާލީ، އެނގިފައިވާ ގޮތުގައި، ކޮންސަލްޓަންޓު ލަފާ ދިން ގޮތަށް، އެތަނާ ހެދި ބޮޑުތަކުރުފާނުމަގު ފުޅާކުރެވެން ނެތިގެންނެވެ. އެތަން ތަޅާލާ ގޮތަށް ކުރިން ނިންމާފައި ނުވި ނަމަވެސް ބްރިޖަށް ދަތުރުކުރާ މަގުތައް ފުޅާކުރަން ބެލިއިރު، އެކަށީގެންވާ ޖާގަ ލިބެން އޮތީ އެތަން ތަޅާލައިގެންނެވެ.

ޗާޓައިމް ހިންގަނީ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދާ މަންޒަރު ބަލަން އަޅާފައިވާ ޕްލެޓްފޯމު ހިންގާ ސްޓްރާޑާ ކުންފުނިންނެވެ. ވެރިކަންކުރާ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒުގެ ނިއު ޕޯޓް ރެސްޓޯރަންޓް ހިންގާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ތިން އަހަރު ހިންގަން ދޫކުރި ޕްލެޓް ފޯމުގެ މުއްދަތު މިހާރު ވަނީ އަށް އަހަރަށް ބަދަލުކޮށްފަ އެވެ.

ޕްލެޓްފޯމާއެކު އެ ސަރަހައްދުގައި ރެސްޓޯރަންޓަކާއި ސިނަމާއެއްގެ އިތުރުން ފުޓްސަލް ދަނޑެއް ތަރައްގީކުރަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.

ޗާޓައިމް ތަޅާލާފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޗާޓައިމް ތަޅާލާފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މާލެ-ހުޅުލެ ބްރިޖާ ގުޅިފައިވާ މާލޭގެ މަގުތައް ފުޅާކުރަމުން އަންނަނީ، ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށް ކަމަށެވެ. ހަތަރު ލޭން އޮންނަ ގޮތަށް މަގު ފުޅާކުރާއިރު އެ މަގުތަކުގެ ދުވާރުތައް ވެސް ފުޅާކުރާން ވަނީ ނިންމައިފަ އެވެ.

ބްރިޖާ ގުޅޭ ބޮޑެތި މަގުތަކަކީ ބޮޑުތަކުރުފާނު މަގުގެ އިތުރުން، ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދެވެ. އެގޮތުން ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު (ހެންވޭރު ޕާކްގެ ހުޅަނގު އުތުރު ކަނުން ރާޅުގަނޑު ސަރަހައްދަށް ނުކުންނަ މަގު) ވެސް ހިމެނެ އެވެ. އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ބްރިޖާ ހަމަ އަށް ބޮޑުތަކުރުފާނު މަގު ފުޅާކުރަނީ ކުރިން ގާޑިޔާތައް ހިމެނޭ ސަރަހައްދު ހުސްކޮށްގެންނެވެ. އަދި ބޮޑުތަކުރުފާނު މަގު، ބްރިޖުން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް ވެސް ފުޅާ ކުރާނެ އެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ހަދާ ބްރިޖްގެ މަސައްކަތް މިހާރު ވަނީ ނިމެން ކައިރިވެފަ އެވެ. ބްރިޖް ނިމެންވާ އިރަށް ހުޅުލެ އިން ފެށިގެން ހުޅުމާލެއާ ދެމެދު ވެސް ބޮޑު މަގެއް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ ޖުލައި މަހުގެ 26 ގައި ބްރިޖް ހުޅުވުމެވެ.