18 ޖޫން 2017
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދާ މަންޒަރު ބަލަން ލޮނުޒިޔާރަތްކޮޅުގައި އަޅާފައިވާ ޕްލެޓްފޯމް ހިންގުމުގެ މުއްދަތު ހައުސިން މިނިސްޓްރީން ފަސް އަހަރަށް އިތުރުކޮށްދީފި އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދާ މަންޒަރު ބަލަން ލޮނުޒިޔާރަތްކޮޅުގައި އަޅާފައިވާ ޕްލެޓްފޯމް ހިންގުމުގެ މުއްދަތު ހައުސިން މިނިސްޓްރީން ފަސް އަހަރަށް އިތުރުކޮށްދީފި އެވެ.
ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ޕްލެޓްފޯމަކާއި ރެސްޓޯރަންޓެއް ހިންގުމަށް، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ހަވާލުކުރީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް، ވެރިކަންކުރާ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒުގެ ނިއު ޕޯޓް ރެސްޓޯރަންޓް ހިންގާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ދިން ތިން އަހަރު ދުވަހުގެ މުއްދަތަށް މިހާރު ވަނީ ފަސް އަހަރު އިތުރުކޮށްދީފަ އެވެ. އެއީ ޖުމުލަ އަށް އަހަރެވެ.
ސްޓްރާޑާ އިން މިހާރު ވަނީ ކުރިން ރާޅާ އަޅަން ބޭނުން ކުރި ސަރަހައްދުގެ ކުރިމަތީގައި އޮންނަ އަޑި ޕާކުގައި ޕްލެޓްފޯމަކާއި ޕާކިން ޒޯނަކާއި ކުޑަކުދިން ކުޅޭ ތަނެއް ހަދައި، އާންމުންނަށް ހުޅުވާލައިފަ އެވެ.
ބްރިޖު މަސައްކަތް ހިނގާ ގޮތް ބެލުމަށް ހެދި ޕްލެޓްފޯމް. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެކަމަކު ބޭރުގެ ފްރެންޗައިޒެއް ކަމަށްވާ ޓޭކްއަވޭ އަށް ހާއްސަ ޗާޓައިމް އާއި ނިއުޕޯޓް ވިއު ރެސްޓޯރަންޓް ނިންމުމަށް އެ ކުންފުނިން ކަނޑައެޅި މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.
ސްޓްރާޑާ އިން ބުނީ ޗާޓައިމް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ހުޅުވާނެ ކަމަށެވެ. އަދި ނިއުޕޯޓު ވިއު ރެސްޓޯރަންޓް އަންނަ މަހު ހުޅުވާނެ ކަމަށް އެ ތަނުން ބުންޏެވެ.
ޕްލެޓްފޯމާ އެކު، އިތުރު ތަންތަން އަޑިޕާކް ސަރަހައްދުގައި ތަރައްގީ ކުރުމަށް ސްޓްރާޑާ އިން މިހާރު ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ފުޓްސަލް ދަނޑަކާއި ސިނަމާއެއް ހިމެނެ އެވެ.
ސްޓްރާޑާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޒުވާނުންނަށް ޚާއްސަ ފުޓްސަލް ދަނޑެއް ހެދުމުގެ މަސައްކަތް ފަށައި އަންނަ މަހުގެ ތެރޭގައި ނިންމާނެ އެވެ. އަދި އެ ސަރަހައްދުގައި ސިނަމާއެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރެސްޓޯރަންޓު ހުޅުވުން ލަސްވީ ރެސްޓޯރަންޓަށް ގެނައި ބަދަލަކާ ގުޅިގެން. ކުރިން މަސައްކަތް ކުރި ގޮތާ ޚިލާފަށް މިހާރު ރެސްޓޯރަންޓުން މަސް ޓޭންކެއް ބަހައްޓައި އޭގެން މަސް ނަގައި، ވަގުތުން ލައިވްކޮށް ކަސްޓަމަރުންނަށް ސާވް ކުރެވޭ ގޮތަށް ކޮންސެޕްޓް ބަދަލު ކުރީ،" އޮފިޝަލް ވިދާޅުވި އެވެ.
"ޓޭންކްގެ މަސައްކަތް ކުރަނީ ސިންގަޕޫރުގެ އެކުއޭރިއަމް ވެސް ޑިޒައިންކޮށް ފަރުމާކުރި ކުންފުނިން. މި މަސް ތެރޭގައި ސިންގަޕޫރު މީހުން ޓޭންކްގެ މަސައްކަތް ނިންމާލައި ޖުލައި 26 ގައި ރެސްޓޯރަންޓް ހުޅުވާނަން."
އޮފިޝަލް ވިދާޅުވީ ޗާޓައިމް ހުޅުވުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު، އެކި ފަރާތްތައް ރާއްޖެ އައިސް، ތަމްރީން ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.
ޕްލެޓްފޯމް ހިމެނޭ މަޝްރޫއަށް 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރާނެ ކަމަށް ސްޓްރާޑާއިން ބުންޏެވެ. މިއީ މީގެ ކުރިން އެ ކުންފުނިން ހާމަ ކުރި އަދަދަށް ވުރެ ބޮޑު އަދަދެކެވެ. ސްޓްރާޑާ އިން ބުނި ގޮތުގައި އެތަނަށް އެހާ ބޮޑު ހަރަދެއް ހިނގަނީ ގިނަ އިންވެސްޓްމަންޓްތަކެއް ކުރަން ނިންމުމުންނެވެ. ސަރުކާރުން އެ ތަން އެ ކުންފުންޏާ ހަވާލު ކުރީ މަހުން މަހަށް ކުލި ދައްކާ ގޮތަށެވެ.
އޮފިޝަލް ވިދާޅުވީ މާލޭގައި ހުރި ބިންތަކުން އެންމެ ބޮޑު ކުލި ސަރުކާރަށް ދައްކާ އަމިއްލަ ކުންފުންޏަކަށް ސްޓްރާޑާ ވާނެ އެވެ.
ނަމަވެސް ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަނީ ކިހާ ވަރެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބަލަން އެޅި ޕްލެޓުފޯމުގައި މިހާރު ވަނީ ދުރުމިއެއް ވެސް ބަހައްޓައިފަ އެވެ. އެ ދުރުމިން ބްރިޖް ބަލާ ކޮންމެ މީހަކަށް އެއް ރުފިޔާ ޗާޖް ކުރެ އެވެ.
އެއް ފަހަރާ 350 މީހުންނަށް ތިބެވޭ ގޮތަށް ލޮނުޒިޔާރަތްކޮޅުގައި ޕްލެޓްފޯމެއް ހަދަން ނިންމީ، ބްރިޖުގެ މަސައްކަތް ބަލަން ސައިކަލްތަކުގައި މަޑުކޮށްގެން ތިބޭ މީހުންނަށް ފަސޭހައަކަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބްރިޖަށް މަގު ފުޅާކުރަން ޗާޓައިމް ތަޅާލައިފި
ބްރިޖުގެ އައިބީމްތައް އަޅަން ފަށައިފި
ބްރިޖު ސައިޓަށް ވަދެ ބަލައިލުމުގެ ފުރުސަތު އާއްމުންނަށް
ބްރިޖުގައި ރެނދެއް ނޫން، ފެން ފައިބާ ރޮނގެއް!
ސިނަމާލެ ބްރިޖުގެ ވާހަކަ ފޮތެއްގެ ސިފައިގައި
ބްރިޖުގެ ފީ ނިޒާމަށް 56 މިލިއަން ކަނޑައަޅައިފި
ބްރިޖުގެ ފީ ނެގުން އާ ސަރުކާރަށް ދޫކޮށްލައިފި
ޒިންމާ ކުރުވެން ވާނެ! ޒިންމާ އުފުލަން ވެސް ޖެހޭނެ!
ބްރިޖުގައި "ހިތުހުރި ގޮތަކަށް"، ޒިންމާ ކޮބާ؟
ބްރިޖާ ދިވެހި ސަރުކާރުން ހަވާލުވާނީ ދެ އަހަރު ފަހުން