Roadha Mihaaru
ކިޔަވައި ނުދީ މަޖީދިއްޔާގެ ޓީޗަރުން ހަޅުތާލުގައި

ކިޔަވައި ނުދީ މަޖީދިއްޔާގެ ޓީޗަރުން ހަޅުތާލުގައި

24 އެޕްރީލް 2018

މަޖީދިއްޔާ ސްކޫލުގައި ކިޔަވައިދޭ ބިދޭސީ ޓީޗަރަކު ދަރިވަރަކާ މާރާމާރީ ހިންގި ކަމަށް ބުނެ، އެ ޓީޗަރު ސަސްޕެންޑް ކުރުމުން، އެ ސްކޫލްގައި ކިޔަވައިދޭ ދިވެހި ނަސްލުގެ ޓީޗަރުން މިއަދު ކިޔަވައިދިނުން ހުއްޓާލައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މަޖީދިއްޔާ ސްކޫލުގައި ކިޔަވައިދޭ ބިދޭސީ ޓީޗަރަކު ދަރިވަރަކާ މާރާމާރީ ހިންގި ކަމަށް ބުނެ، އެ ޓީޗަރު ސަސްޕެންޑް ކުރުމުން، އެ ސްކޫލްގައި ކިޔަވައިދޭ ދިވެހި ނަސްލުގެ ޓީޗަރުން މިއަދު ކިޔަވައިދިނުން ހުއްޓާލައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ސްކޫލް ތެރޭގައި މާރާމާރީ ހިންގުމުގެ ރެކޯޑް އޮންނަ، ގްރޭޑް 10ގެ އެ ދަރިވަރާއި އެ ސްކޫލްގެ ހިސާބު ޓީޗަރަކާ ދެމެދު އާދިއްތަ ދުވަހު މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވެނީ، އެ ދަރިވަރު ހުއްދަ ނެތި ކްލާހަކަށް ވަދެ އެހެން ކުދިންނަށް ފުރައްސާރަ ކުރަން ފެށުމުން އެ ދަރިވަރު ކްލާހުން ނެރެން އެ ޓީޗަރު މަސައްކަތް ކުރުމުންނެވެ. އެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ޓީޗަރު ސަސްޕެންޑްކޮށްފަ އެވެ. ދަރިވަރާ ދޭތެރޭ ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނެތެވެ.

މަޖީދިއްޔާގެ ޓީޗަރަކު ވިދާޅުވީ ޓީޗަރާ މެދު ފިޔަވަޅު އެޅުމުން މިއަދު ހެނދުނު ސެޝަނުން ފެށިގެން އެ ސްކޫލުގެ ދިވެހި ނަސްލުގެ ޓީޗަރުން ތިބީ އިހުތިޖާޖުގައި ކަމަށެވެ. އެ ގޮތުން ކިޔަވައިދިނުން ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީޗަރުންގެ ޑިމާންޑަކީ އެޑިއުކޭޝަންގެ އިސް ބޭފުޅުން ޓީޗަރުންނާ ބައްދަލުކޮށް ޓީޗަރުންގެ ކަންބޮޑުވުންތައް އަޑު އަހައި އެ ކަންތައް ހައްލު ކޮށްދިނުމެވެ. އެހެން ނޫންނަމަ ކިޔަވައި ނުދޭން ވަނީ ނިންމާފަ އެވެ.

މިހާރު ވަނީ އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދާއި ސީނިއާ ޕޮލިސީ އެގްޒެކްޓިވް، ޝެރީނާ އަބްދުއްސަމަދު، އެ ސްކޫލަށް ވަޑައިގެންފަ އެވެ. ނަމަވެސް ބައްދަލުކުރައްވަނީ ޓީޗަރުންނާ ކަމެއް ސްކޫލުގެ އިސް ވެރިންނާކަމެއް ސާފެއް ނުވެ އެވެ.

"އެންމެންނަށް ވެސް އެނގޭ އެ ދަރިވަރަކީ ކުދިންނަށް ފުރައްސާރަކޮށް އުޅޭ ކުއްޖެއްކަން. އޭނާ އެހެން ކުލާހަކަށް ވަދެ އެ ކްލާހުގެ ދަރިވަރުންނަށް ފުރައްސާރަކުރަން އުޅުމުން އެކަން ހުއްޓުވަން އުޅުނު ޓީޗަރާ މެދު ފިޔަވަޅު އެޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. ކޮބައިތޯ އަޅުގަނޑުމެންނަށް އޮތް ރައްކާތެރި ކަމަކީ،" ޓީޗަރުންގެ ކަންބޮޑުވުން ހިއްސާ ކުރަމުން ޓީޗަރަކު ވިދާޅުވި އެވެ.

މަޖީދިއްޔާ ސްކޫލުގެ ޓީޗަރަކު ވިދާޅުވި ގޮތުގައި މައްސަލަ ޖެހިފައިވާ ދަރިވަރު މިދިޔަ އަހަރު ޓީޗަރަކަށް ވަޅިން ބިރުދެއްކި މައްސަލައެއް ވެސް ބަލާފައިވެ އެވެ. އަދި މި އަހަރު އެ ސްކޫލުގެ ކައުންސިލަރަށް ބިރުދެއްކުމާއި ސްކޫލުގެ ސެކިއުރިޓީ ގާޑަކަށް ހަމަލާ ދިން މައްސަލައެއް ވެސް ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް އެ ދަރިވަރާ މެދު ސްކޫލުން ފިޔަވަޅެއް ނާޅަ އެވެ.