16 އެޕްރީލް 2018
އެސްޓީއޯ މާލޭ ލީގުގައި މިރޭ ފަހަތުން އަރައި ކްލަބް ވެލެންސިއާ އަތުން 2-1 އިން ވިކްޓަރީ މުހިއްމު މޮޅެއް ހޯދައިފި އެވެ.
އެސްޓީއޯ މާލޭ ލީގުގައި މިރޭ ފަހަތުން އަރައި ކްލަބް ވެލެންސިއާ އަތުން 2-1 އިން ވިކްޓަރީ މުހިއްމު މޮޅެއް ހޯދައިފި އެވެ.
މި ނަތީޖާއާ އެކު ވިކްޓަރީ ވަނީ ނުވަ ޕޮއިންޓާ އެކު ފަސް ވަނައިގައި މަގާމް ވަރުގަދަކޮށް ގަދަ ހަޔެއްގެ ތެރޭގައި ލީގު ނިންމާލުމުގެ އުއްމީދު ބޮޑުކޮށްފަ އެވެ. އެ ޓީމާއި ދެ ވަނައިގައި އޮތް ކްލަބް އީގަލްސްއާ ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ. އެއް ވަނައިގައި 13 ޕޮއިންޓާ އެކު އޮތީ ނިއު ރޭޑިއަންޓެވެ.
އަނެއްކޮޅުން ވެލެންސިއާ އަށް މިވަނީ މި ސީޒަނުގައި މޮޅެއް ހޯދުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ. އެ ޓީމު އޮތީ އެއް ޕޮއިންޓާ އެކު ފުލުގަ އެވެ. މެޗުގެ ކުރިން ވެލެންސިއާގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް ވެސް ބުނީ މެޗުން މޮޅުނުވެއްޖެ ނަމަ ކުރިއަށް ދިއުމުގައި މައްސަލަތަކެއް ދިމާވާނެ ކަމަށާއި މިއީ ފައިނަލެއް ކަމަށެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނީ މާލޭ ލީގުގެ ގަދަ ހަ ޓީމަށެވެ.
މިރޭގެ މެޗުގައި ވެލެންސިއާ އިން ކުރި ހޯދީ 33 ވަނަ މިނެޓުގައި ޑްރީގާ ސާގީ ޖެހި ގޯލުންނެވެ. އޭރިއާ ބޭރުން އޭނާ އަށް މުޅިން ހުސްކޮށް ލިބުނު ބޯޅަ އޭނާ ގޯލަށް ވައްދާލީ ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު އިމްރާން ކައިރިން ނައްޓާލުމަށް ފަހު އެވެ.
އޭގެ ކުރިން ސާގީ ވަނީ ވެލެންސިއާ އަށް ކުރި ހޯދައިދޭން އަންސަރު އިބްރާހިމް (އަންކޮ) އަށް ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްދިނެވެ. އޭނާ ވިކްޓަރީގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ހުސްކޮށް ހުރި އަންކޮށް ޖައްސާލި ބޯޅަ އޭނާ ޖެހުމުން ވިކްޓަރީ ކީޕަރު އިމްރާން އެ ބޯޅަ ސަލާމަތްކުރި އެވެ.
މި ހާފުގައި ވިކްޓަރީން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފަސް ވަނަ މިނެޓުގައި ޕެޑްރޯ ހެންރިކޭ އަށެވެ. އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބާރު ބޯޅަ ގޯލާ ސީދާ ނުވެ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން 24 ވަނަ މިނެޓުގައި ވިކްޓަރީގެ އަހުމަދު ނާޝިދު (ނައްޓޭ) އަށް ވެސް ރަނގަޅު ބޯޅައެއް ލިބި ބޭކާރުވި އެވެ.
ދެ ވަނަ ހާފުގައި ވިކްޓަރީ ފެނުނީ ތަފާތުކޮށެވެ. އެގޮތުން އެ ޓީމުން ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި ފޯވާޑް ސިމޮން ޓިބޯގެ ލަނޑުން 60 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ ސްޕެއިން މިޑްފީލްޑަރު އެންހެލް މުނޯޒް އުފެއްދި ފުރުސަތެއްގައި ނައްޓޭ ދިން ޕާހަކުން ސިމޮން ޖެހި ގޯލެކެވެ.
ވިކްޓަރީން ފަހަތުން އަރައި ލީޑު ނެގީ 72 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕެޑްރޯ ޖެހި ގޯލުންނެވެ. މިއީ ވެލެންސިއާގެ މުހައްމަދު ނިޒާމް (ޕީކޭ) އޭރިއާ ތެރެއިން ވިކްޓަރީގެ އެންހެލް ވައްޓާލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
ވިކްޓަރީގެ ކޯޗު ހަންގޭރީގެ ލާސްލޯ ކިސް ބުނީ ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި ހާއްސަކޮށް ދެ ވަނަ ހާފުގެ ފަހު 30 މިނެޓުގައި ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
ވެލެންސިއާގެ ކޯޗު ސޮބާ ބުނީ އޭނާގެ ޓީމުން މެޗު ފެށީ ވަރަށް ރަނގަޅަށް ކަމަށާއި އެކަމަކު ޑިފެންސުގައި ސަމާލުނުވެވިއްޖެ ނަމަ ގޯލް ވަންނާނެ ކަމަށާއި ފެނުނީ އެ މަންޒަރު ކަމަށެވެ.
"ކުޅުންތެރިން މަސައްކަތްކުރިތަން ފެނިއްޖެ. މަސައްކަތަށް އުފާކުރަން. އެކަމަކު ނަތީޖާ ދިޔައީ ބޭނުންވި ގޮތަކަށް ނޫން. އަޅުގަނޑުމެން މެޗާ ކުރިމަތިލީ ފައިނަލެއްގެ ގޮތުގައި. ކުޅުންތެރިންގެ ކޮމިޓްމަންޓް އެގޮތަށް ފެނުނީ. އެކަމަކު ޑިފެންސުގައި ކޮންސެންޓްރޭޝަން ނުބޭންދިގެން މެޗު އަތުން ދޫވެގެން ދިޔައީ،" ސޮބާ ބުންޏެވެ.
އޭނާ ބުނީ މެޗުން ބަލިވިޔަސް ގަދަ ހަޔެއްގެ އުއްމީދު ނުގެއްލޭ ކަމަށާއި އަދި ފާޑުކިޔަސް ފަރުވާލެއް ނެތް ކަމަށާއި އޭނާ އަކީ މަސައްކަތް ހުއްޓާލާފައި ގެޔަށް ދާނެ މީހެއް ނޫން ކަމަށެވެ.
ވިކްޓަރީން ޕްރިމިއާ ލީގުގެ ފުރުސަތު ބޮޑުކޮށްފި
ވިކްޓަރީ މެޗަކީ ވެލެންސިއާ އަށް ފައިނަލެއް: ސޮބާ
ވެލެންސިއާގެ ކޮންޓްރެކްޓްގައި ހުރި ފައިޓޯ ވިކްޓަރީ އަށް
ކުޑަމޫސަ އާއި ނިއު: ކޯޓުކޭސް އަދި ބަދުނަސީބު އަނިޔާ
މެޗު ދޫކޮށްލުން ގިނަވެ ފުޓްބޯޅައިގެ ސީރިއަސްކަން ނެތެނީ
ފުޓްބޯޅަ ފޯރި އަލުން ގެނެވޭނެކަން ހާމަވެއްޖެ: ވާސިފް
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟
ވިކްޓަރީއާ އެއްވަރުވެ ޓީސީ އަށް ހަތަރު ވަނަ
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ހިތްހަަމަޖެހުމެއް
އެންމެ ފަހުން ވެލެންސިއާ މޮޅެއް ހޯދައިފި