Roadha Mihaaru
ފުޓްބޯޅަ ފޯރި އަލުން ގެނެވޭނެކަން ހާމަވެއްޖެ: ވާސިފް

ކްލަބް ފުޓްބޯޅައިގެ ފޯރި އަލުން ގެނެވޭނެކަން ހާމަ ކޮށްދެވިއްޖެ: ނިއުގެ ޗެއާމަން

26 ޖުލައި 2022

ދެވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓާއި ވިކްޓަރީ އިހަށްރޭ ކުޅުނު މެޗުން ކްލަބް ފުޓްބޯޅައިގެ ފޯރި އަލުން ގެނެވޭނެކަން ހާމަ ކޮށްދެއްވިއްޖެ ކަމަށް ނިއުގެ ޗެއާމަން އަހްމަދު ވާސިފް ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދެވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓާއި ވިކްޓަރީ އިހަށްރޭ ކުޅުނު މެޗުން ކްލަބް ފުޓްބޯޅައިގެ ފޯރި އަލުން ގެނެވޭނެކަން ހާމަ ކޮށްދެއްވިއްޖެ ކަމަށް ނިއުގެ ޗެއާމަން އަހްމަދު ވާސިފް ވިދާޅުވެއްޖެ އެވެ.

ނިއު 4-1 އިން މޮޅުވި އެ މެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނެ އެވެ. އެއީ މިދިޔަ ހަޔެއްކަ އަހަރުގެ ތެރޭ ކްލަބް ފުޓްބޯޅައިގެ މެޗެއް ބަލަން އެންމެ ގިނަ ބަޔަކު ވަން މެޗެވެ. ހާއްސަކޮށް ނިއުގެ ސަޕޯޓަރުން އެެރޭ ވަރަށް ބޮޑަށް ފޯރި ނެގި އެވެ.

ވާސިފް ވިދާޅުވީ އެ މެޗަކީ ގެއްލިފައިވާ ކްލަބް ފުޓްބޯޅައިގެ ފޯރި އަލުން ގެނެވިދާނެ ކަމުގެ ޓެސްޓެއް ކަމަށެވެ.

"ނިއު ރޭޑިއަންޓް އެކަންޏެއް ވެސް ނޫން ވިކްޓަރީ އާއި ވެލެންސިއާ ވެސް މީގެ ތެރޭގައި އެކްޓިވްކޮށް އޮވެގެން މި ފޯރި އަލުން ގެނެވޭނީ. މި ތިން ޓީމު ރާއްޖޭގެ ފުޓްބޯޅައިގައި ދެމިއޮތުން ވަރަށް މުހިންމު،" ވާސިފް ވިދާޅުވި އެވެ.

"އެއީ މި ތިން ޓީމަކީ ޒަމާނުއްސުރެ ސަޕޯޓަރުންގެ ބޮޑު ބޭސް އެއް އޮތް ތިން ޓީމު ކަމަށްވުން. ހާއްސަކޮށް ނިއު ރޭޑިއަންޓްގެ ސަޕޯޓަރުންނަކީ ވަރަށް ހަރަކާތްތެރި ބައެއް. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ކްލަބުން ވެސް އެ ޖޯޝް ދައްކާ ވަރަކަށް ނިއުގެ އިތުރު ސަޕޯޓަރުން ވެސް އެކްޓިވް ވާން ފަށާނެ."

އާދިއްތަ ދުވަހުގެ ރޭ ވިކްތަރީ އާ ދެކޮޅަށް ނިއު ކުޅުނު މެޗުގައި ނިއުގެ ކުޅުންތެރިން ސަޕޯޓަރުންނާއެކު އުފާފާޅު ކުރަނީ. --- ފޮޓޯ: ނިޝާން އަލީ | މިހާރު

އާދިއްތަ ދުވަހުގެ ރޭ ވިކްތަރީ އާ ދެކޮޅަށް ނިއު ކުޅުނު މެޗުގައި ނިއުގެ ކުޅުންތެރިން ސަޕޯޓަރުންނާއެކު އުފާފާޅު ކުރަނީ. --- ފޮޓޯ: ނިޝާން އަލީ | މިހާރު

ދެ ވަނަ ޑިވިޝަނުގެ ގްރޫޕް 2 ގެ އެއްވަނައިގައި ނިއު އޮތީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ދެ ވަނައިގައި އޮތީ ލިޓްލް ޓައުން (އެލްޓީ) ސްޕޯޓްސް އެވެ. ވިކްޓަރީ އޮތީ ގުރޫޕްގެ ތިން ވަނައިގަ އެވެ. ގުރޫޕް 1 ގެ އެއްވަނައިގައި އޮތީ ބުރު ސްޕޯޓްސް އެވެ. ދެވަނައިގައި އޮތީ ކުޑަ ހެންވޭރެވެ.

މުބާރާތަށް ތައްޔާރުވާން ނިއު އިން މަސައްކަތް ފެށީ ވެސް ލަހުންނެވެ. އެކަމަކު ލިބުނު ވަގުތުގައި އެ ޓީމުން ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން ފުޓްބޯޅައިގެ ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ. އެ ޓީމު އަލުން ދަނޑަށް ނުކުތުމުން ސަޕޯޓަރުންގެ ފޯރި ވަނީ ގަދަ ވެފަ އެވެ. އެ ޓީމުގެ ފުރަތަމަ މެޗު ކްލަބް ޓީނޭޖާ ދެކޮޅަށް ޓާފް ދަނޑުގައި ކުޅުނުއިރު ވެސް ސަޕޯޓަރުން ތިއްބެވެ.

ތިން އަހަރަށް ފަހު ގަލޮޅު ދަނޑުގައި އެ ޓީމުން ފުރަތަމަ މެޗު ކުޅުނީ މިދިޔަ ބުދަ ދުވަހުގެ ލޮރެންޒޯއާ ދެކޮޅަށެވެ. އެއީ ނިއުގެ ސަޕޯޓަރުން ވެސް އަލުން ދަނޑަށް އެނބުރި އައި މެޗެވެ. އާދިއްތަ ދުވަހުގެ ރޭ ވިކްޓަރީ އާ ދެކޮޅަށް ނިއު ކުޅުނު މެޗުގައި ދަނޑިުގެ އުތުރު ފަރާތު (މަޖީދީ މަގާ ވީ ފަޅި) ސިޑިބަރިގައި ނިއުގެ ސަޕޯޓަރުން ވަރަށް ބޮޑަށް ފޯރި ނެގި އެވެ. މެޗު ފެށިގެން ނިމެންދެން އެ ފަޅީގައި ތިބި ސަޕޯޓަރުން ވަނީ ބެރުގެ އަޑު މުޅި ދަނޑުގައި ގުގުމައިލައިފަ އެވެ.

ނިއުގެ ކުޅުންތެރިން ސަޕޯޓަރުންނަށް ހަނާ އަޅާލަނީ: ނިއުގެ ޗެއމަން ވާސިފް ވިދާޅުވީ ކްލަބް ފުޓްބޯޅައިގެ ފޯރި އަލުން ގެނެވޭނެކަން އެ މެޗުން ހާމަކޮށް ދެވުނު ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު

ނިއުގެ ކުޅުންތެރިން ސަޕޯޓަރުންނަށް ހަނާ އަޅާލަނީ: ނިއުގެ ޗެއމަން ވާސިފް ވިދާޅުވީ ކްލަބް ފުޓްބޯޅައިގެ ފޯރި އަލުން ގެނެވޭނެކަން އެ މެޗުން ހާމަކޮށް ދެވުނު ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރިން އެ ޓީމަށް ކުޅުނު ބިދޭސީ ކުޅުންތެރިންނާއި ބިދޭސީ ކޯޗަށް ދޭން ޖެހިފައި ހުރި މުސާރަތައް އަދާނުކޮށް ފީފާގެ ސަސްޕެންޝަނެއްގައި ނިއު އޮންނަތާ ތިން އަހަރު ފަހުން އެ ކްލަބް ސަލާމަތްވީ މިދިޔަ މަހު ފީފާ އަށް އެ ފައިސާ ދެއްކުމުންނެވެ.

ބިދޭސީ ތިން ކުޅުންތެރިޔަކާއި ކޯޗަށް ދޭން ޖޭހެ ފައިސާގެ ގޮތުގައި ނިއު އިން އިން ވަނީ އެފްއޭއެމް މެދުވެރިކޮށް 215،000 ޑޮލަރު (3.3 މިލިއަން ރުފިޔާ) ދައްކައިފަ އެވެ. ވާސިފް ވިދާޅުވީ ނިއު އަލުން ކޮޅަށް ނެގުމަށް މަގުފަހިވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ލަފާ ފުޅާ އެއްގޮތަށް ކުރިއަށް ވަޑައިގެންނެވުމުންނެވެ. އޭގެ ކުރިން ރޭޑިއަންޓްގެ ނަމުގައި ކްލަބެއް ހަދައިގެން ތިންވަނަ ޑިވިޝަންގައި ވާދަކުރަން ވާސިފް އާއި ނިއުގެ ކުރީގެ ހިންގުންތެރިން މަސައްކަތް ފެށި އެވެ. އެކަމަކު އެ ކްލަބްގެ ހަރަކާތްތައް މަޑުޖައްސާލަން ޖެހުނީ، އެ ކްލަބަކީ ނިއުގެ ސްޕޯޓިން ސަކްސެސާ އެއްކަމަށް އޭއެފްސީން އެންގުމުންނެވެ.

ނިއު ދެން ކުޅެން ޖެހޭ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ނުކުންނާނީ ބީޖީ ސްޕޯޓްސް ކަލްބާ ދެކޮޅަށެވެ. އެ މެޗު ވެސް އޮންނާނީ ގަލޮޅު ދަނޑުގަ އެވެ.