Roadha Mihaaru
ބީއެމްއެލްއަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް

ބީއެމްއެލްއަށް މިފަހަރު ވެސް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް

12 އެޕްރީލް 2018

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި ފަހަރު ވެސް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި ފަހަރު ވެސް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކުހާ އެކު ފައިދާގެ ގޮތުގައި ލިބުނީ 1.4 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ހަތަރު ޕަސެންޓް އިތުރު މިންވަރެކެވެ. އަދި ޓެކްސްގެ ފައިސާ ކެނޑުމުން ސާފު ފައިދާގެ ގޮތުގައި ލިބުނީ 1.03 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ދެ ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

އެ ބޭންކަށް 2016 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 1.02 ބިލިއަން ރުފިޔާ އެވެ.

ބީއެމްއެލްގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 8 ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ އިތުރުން ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ އަދަދު ވެސް 15 ޕަސެންޓް އިތުރުވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް 15 ބިލިއަން ރުފިޔާ ޑިޕޮސިޓް ކޮށްފައިވެ އެވެ.

މައިގަނޑު ހުރިހާ ވިޔަފާރިއަކުން ވެސް ލިބުނު ފައިދާ އިތުރުވެފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އެ ބޭންކުގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް 118.4 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ބަހަން ނިންމާފައިވެ އެވެ. އެގޮތުން ހިއްސާއަކަށް ބަހަން ކަނޑައަޅާފައި ވަނީ 22ރ. އެވެ.

މާލީ ހިސާބުތައް އާއްމުކުރުމަށް ފަހު އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެފައި ވަނީ މިދިޔަ އަހަރު ބޭންކުގެ އަމާޒަށް ވާސިލްވުމަށް ކުރާ މަސައްކަތަށް ބޮޑު އިތުބާރެއް ލިބިފައިވާ ކަމަށެވެ. އަދި އެ ނަތީޖާތަކުން ދައްކައިދެނީ މާލީ ގޮތުން ހަރުދަނާ ކުރިއެރުންތަކެއް ހޯދުމުގެ އިތުރުން، ބޭންކުންކުރާ އިންވެސްޓްމަންޓް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"މި ފުރުސަތުގައި މިދިޔަ އަހަރު ވަރަށް ބުރަ ކޮށް އަދި އެހާމެ ހީވާގިކަމާއެކު މަސައްކަތަށް އަހައްމިއްޔަތުކަން ދީގެން މަސައްކަތްކުރި ބޭންކުގެ މުވައްޒަފުންނަށް ޝުކުރު ދަންނަވަން. ބޭންކުގެ ހިދުމަތް ކުރީއްސުރެ ހޯއްދަވަމުން ގެންދަވާ އަދި އަލަށް ބޭންކުގެ ހިދުމަތް ހޯއްދަވަން ފެއްޓެވި އަޅުގަނޑުމެންގެ އެންމެހާ ކަސްޓަމަރުން ދެއްވަވާ އެއްބާރުލެއްވުމަށްޓަކައި ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރަން. ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަ ކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ސީއީއޯ ވިދާޅުވެފައިވެ އެވެ.

އެ ބޭންކުން ހޯދި މާލީ ނަތީޖާއަށް އިޝާރާތްކުރައްވައި އެންޑްރޫ ވަނީ ޑިޕޮސިޓް އިތުރުވެ ދޫކުރެވުނު ލޯނުގެ ނިސްބަތް ރަނގަޅުވެފައިވާ ކަން ފާހަގަކުރައްވައިފަ އެވެ.

"ޑިޕޮސިޓްތައް 15 ޕަސެންޓް އިތުރުވެފައިވާކަން އުފަލާއެކު ފާހަގަކޮށްލަން ޖެހޭ. މިއީ މާކެޓަށް ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް. އަލަށް ދޫކުރެވުނު 4.4 ބިލިއަން ރުފިޔާގެ ލޯނުތަކުން އެތަކެއް ދިވެހި ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވޭ،" އޭނާ ވިދާޅުވި އެވެ.

އެންޑްރޫ ވިދާޅުވީ އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް ހަތް ޕަސެންޓުން 4.1 ޕަސެންޓަށް މިހާރު ދަށްކުރެވިފައިވާ ކަމަށެވެ. މީގެ ތިން އަހަރު ކުރިން އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް ހުރީ 20 ޕަސެންޓަށް ވުރެ މަތީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަސްޓަމަރުންނަށް ދޭ ހިދުމަތާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ބޭންކުން ހިދުމަތް ހޯދާ ކަސްޓަމަރުންގެ ބޭނުންތައް އަންނަނީ ބަދަލުވަމުން ކަމަށެވެ. އަދި ބްރާންޗްތަކަށް ބަރޯސާވުމުގެ ބަދަލުގައި އޮންލައިންކޮށް ހިދުމަތްތައް ހޯދަން ބޭނުންވާ ކަސްޓަމަރުން އިތުރުވަމުން އަންނަ ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.

"ބީއެމްއެލް އިން ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އެންމެ އިސްކަމެއްގެ ގޮތުގައި ދެކެނީ ސެލްފް ސާވިސް ވަސީލަތަތްތައް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ދެވޭނެ މަގު ފަހިކޮށްދިނުން. ހަމަ މިއާއެކު މުވައްޒަފުންނާ މުއާމަލާތް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަ މާހައުލެއް ގާއިމްކުރެވިފައިވާ ތަންތަނަށް ބޭންކުގެ ބްރާންޗްތައް މިހާރު މިދަނީ ބަދަލު ކުރެވެމުން،" އޭނާ ވިދާޅުވި އެވެ.

އެންޑްރޫ ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ކަސްޓަމަރުން ކުރި މުއާމަލާތްތަކުގެ 90 ޕަސެންޓަށް ވުރެ ގިނަ މުއާމަލާތް ހިންގާފައި ވަނީ އޮންލައިންކޮށް ކަމަށެވެ. އަދި އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް ދިހަ މިލިއަން މުއާމަލާތްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ސަބަބުން ބްރާންޗްގައި ޖާގަ ތަނަވަސްވެ، ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް އިތުރު ފަސޭހަކަމެއް މިވަނީ ގެނެވިފައި. ދާދި ފަހުން މިނިވަން ފަރާތަކުން ބޭންކުގެ ކަސްޓަމަރުން ބޭނުންކޮށްގެން ހިންގި ދިރާސާތައް ދައްކާ ގޮތުން ބީއެމްއެލްގެ 'ކަސްޓަމަ ސެޓިސްފެކްޝަން' ލެވެލް ވަނީ މި ރީޖަން އާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައި،" އެންޑްރޫ ވިދާޅުވި އެވެ.

އެ ބޭންކުން ދެމުން އަންނަ އިސްލާމިކް ބޭންކިން އާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އިސްލާމިކް ބޭންކިން އަށް އެ ބޭންކް އާ ނަމަވެސް މިދިޔަ އަހަރު "ބީއެމްއެލް އިސްލާމިކް" ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. އަދި ޑިޕޮސިޓްގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުން، ގެދޮރު ގަތުމަށާއި އިމާރާތްކުރުމަށް ފައިނޭންސިން ޕްރޮޑަކްޓްތައް ތައާރަފްކުރުމަށް މަގުފަހިވި ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.

"މި ޕްރޮޑަކްޓްތަކަށް ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް ވެސް ދަނީ ލިބެމުން. ރާއްޖޭގައި ޝަރީއާ ހުއްދަކުރާ ބޭންކިން ބޭނުންވާ ކަސްޓަމަރުންގެ ނިސްބަތަށް ބަލައި ބޭންކުން މިދަނީ 2018 ވަނަ އަހަރު ނިމުމުގެ ކުރިން ބޭންކުގެ ހުރިހާ ކޮންވެންޝަނަލް ޕްރޮޑަކްޓަކާ އެއްގޮތް އިސްލާމިކް ޕްރޮޑަކްޓްތައް ތައާރަފުކުރުމަށް މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

މާލީ ގޮތުން އެ ބޭންކުން ހޯދި ނަތީޖާ އާ ބެހޭ ގޮތުން ބީއެމްއެލްގެ ޗެއާޕާސަން ސައީދާ އުމަރު ވިދާޅުވީ އެ ބޭންކުގެ ވިޔަފާރީގައި ލިބުނު ބޮޑު ކުރިއެރުމާއެކު މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ރިކޯޑު އަދަދެއް ހުށަހެޅުމަށް މަގު ފަހިވުމަކީ ބޯޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިދިޔަ އަހަރު ބޭންކުގެ ތާރީހުގައި މާލީ ގޮތުން އެންމެ ކާމިޔާބު ނަތީޖާ ހާސިލްކޮށް އަދި މުޖުތަމައަށް ކުރާ އިންވެސްޓްމަންޓް ރިކޯޑް އަދަދަށް ހޭދަކޮށްފައިވާ ކަމަށް ވެސް ސައީދާ ވިދާޅުވި އެވެ.

އެ ބޭންކުގެ ހިދުމަތް ފުޅާކުރުމުގެ ޕްލޭނާ ބެހޭ ގޮތުން ސައީދާ ވިދާޅުވީ މި ވަގުތަކީ ރާއްޖޭގެ އަސްދަނޑިން ބޭރަށް ނުކުތުމަށް އެންމެ ރަނގަޅު ވަގުތު ކަމަށެވެ. ނަމަވެސް އެ ބޭންކުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖެއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ބޭންކިން ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތާއި ހިންގަމުންގެންދާ ބޮޑު އިންވެސްޓްމަންޓް ޕްރޮގްރާމުން މިކަން ހާމަކޮށްދޭ. ރާއްޖޭން ބޭރަށް ހިދުމަތް ތައާރަފުކުރުމުން ބޭންކު އިތުރަށް ފުޅާވެ، ލިބޭ އިތުރު އާމްދަނީ ރާއްޖޭގައި އިންވެސްޓް ކުރުމަށް މަގުފަހިވެގެންދާނެ. އަޅުގަނޑުމެން މިވަގުތު ތައްޔާރުވަމުން މިދަނީ އޭޝިއާގެ ގައުމެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ބޭންކިން ލައިސަންސް އަށް އެދި ހުށަހެޅުމަށް. އަޅުގަނޑުމެންގެ އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން ހިދުމަތް ދޭން ފެށުން،" ސައީދާ ވިދާޅުވި އެވެ.