ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ވެރިކަން ކުރާ ޕީޕީއެމަށް އެ ތަނުގެ އަމާޒުވެފައިވާ އިރު، އެ ވާހަކަތަކަށް ޕީޕީއެމުން މިއަދު ރައްދު ދީފި އެވެ.
11 އެޕްރީލް 2018
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ވެރިކަން ކުރާ ޕީޕީއެމަށް އެ ތަނުގެ އަމާޒުވެފައިވާ އިރު، އެ ވާހަކަތަކަށް ޕީޕީއެމުން މިއަދު ރައްދު ދީފި އެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިދިޔަ ފެބްރުއަރީ މަހު ފެށި ފަހުން، މިހާތަނަށް ބޭއްވީ އެންމެ 10 ޖަލްސާ އެވެ. މަޖިލީހުގައި މަސައްކަތެއް ނުކުރާތާ ތިން ހަފުތާ ވީއިރު، މަޖިލީހުގެ ތަޅުން ފެންނަނީ މަސައްކަތް ހުއްޓިފައި އޮތް "ފަޅު" ތަނެއްގެ ގޮތުގަ އެވެ. ކޮމެޓީގެ މަސައްކަތެއް ވެސް ނުހިނގަ އެވެ. އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް އަދި ކޮމިޓީގެ ބައްދަލުވުމެއް ވެސް ބޭއްވީ މިދިޔަ މަހުގެ 14 ގަ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ މަސައްކަތްތައް ހުއްޓިފައި އޮތުމުގެ ޒިންމާ ނަގަން ޖެހޭނީ މަސީހުގެ އިތުރުން ވެރިކަން ކުރާ ޕާޓީ ޕީޕީއެމުންނެވެ. އެއީ މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވެވަޑައިގެން ހުންނެވީ މަސީހު ކަމަށް ވާތީ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
މީގެ އިތުރުން މަޖިލީހަކީ ސަރުކާރުން ބޭނުންވާ ކަންކަން ފާސްކޮށްލަން ޚާއްސަ ތަނެއް ކަމަށާއި މަޖިލީހުގެ ކަންކަން ހިނގަނީ ގާނޫނުއަސާސީއާ އެއްގޮތަށް ނޫން ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އަދި ފަހަކަށް އައިސް، އިދިކޮޅު މެމްބަރުން ޖަލްސާތަކުގައި ބައިވެރި ނުވާ ސަބަބަކަށް ދައްކަނީ ވެސް އެ ބަހަނާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މި މަހުގެ ނިޔަލަށް ފުރަތަމަ ދައުރު ނިމި، މެމްބަރުންނަށް އެެއް މަސް ދުވަހުގެ ޗުއްޓީއެއް ލިބިވަޑައިގަންނަވާނެ އެވެ. ގަވާއިދު ބުނާ ގޮތުން، ހަފުތާއަކު ތިން ދުވަހު (ހޯމަ، އަންގާރަ، ބުދަ) ޖަލްސާ ބާއްވަން ޖެހެ އެވެ.
މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮންނަ މައްސަލާގައި މަޖިލީހުގެ އިދާރާގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފަ އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ހުއްޓުވާފައި އޮތީ، މަސީހު ހިމެނޭ ގޮތަށް މަޖިލިސް ހިސޯރު ކޮށްގެން އުޅޭ މީހުން ކަމަށެވެ. އެކަމަކު، އެ ބޭފުޅުން ޒިންމާ ނަންގަވާ ތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އިންތި ވިދާޅުވި ގޮތުގައި ޖަލްސާތައް ނުބާއްވަނީ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލުމުންނެވެ.
"މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމުގެ ޒިންމާ އެންމެ ބޮޑަށް އުފުލަން ޖެހޭނީ ގަދަ ބާރުން އެތަނާ ހަވާލުވެފައި ތިބި މީހުން. މަސީހަކީ ރައީސް ކަމަކަށް ގަބޫލެއް ނުކުރަން. ގަދަބާރުން އެ ގޮނޑީގައި އިންނެވި ބޭފުޅެއް މަސީހަކީ. އިތުބާރު ގެއްލިފައިވާ ބޭފުޅެއް އެއީ،" އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވުމުން މަޖިލިސް އޮތީ "ޕެރަލައިޒް" ކޮށްލައިފަ އެވެ. އެހެންވެ، އެކަން ނިމުމަކަށް އަންނަން ޖެހޭ ކަމަށް އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ، މިކަމުގައި އޮތް ހަމައެކަނި ހައްލަކީ ސިޔާސީ އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރުމާއި އިދިކޮޅު 12 މެމްބަރުންނަށް މަޖިލީހަށް ވަދެވަޑައިގެންނެވޭނެ ގޮތް ހެދުން ކަމަށެވެ. އެ އަށް ފަހު، މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައި އޮތް މައްސަލަ އެޖެންޑާ ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން ގޮވަނީ 12 މެމްބަރުންނަށް މަޖިލީހަށް ވަދެވެން ޖެހޭނެ ކަމަށް. އެބޭފުޅުންނާއެކު ޖަލްސާތައް ކުރިއަށް ގެންދިއުމަށް. އެކަމަށް މަގު ފަހިކޮށްދޭން ޖެހޭ،" އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހުގެ ޖަލްސާތައް ހިންގުމަށެވެ. އަދި މެމްބަރުންނާ ގުޅުން ހުރި މައްސަލަތަކެއް ސުޕްރީމް ކޯޓުގައި އޮތް އިރު، އެއިން ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ މެމްބަރަކު ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާތައް ނުފެށިގެން އުޅެނީ އިދިކޮޅު މެމްބަރުންގެ ބައިވެރިވުމާއެކު، ފާސް ކުރަން ޖެހޭ ބިލުތަކެއް ހުރުމުންނެވެ. އިދިކޮޅު މެމްބަރުން ޖަލްސާތަކުގައި ބައިވެރިނުވާނަމަ، ބައެއް ބިލުތައް ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖަލްސާއެއް ބާއްވައިފިނަމަ، އިދިކޮޅު މެމްބަރުން ބައިވެރިއެއް ނުވޭ. ތިއްބަވަނީ މަޖިލީހުގެ ސައި ކޮޓަރީގައި ނޫނީ ގޯތިތެރޭގައި. އެހެންވީމަ ޖަލްސާ ނުބާއްވާ މައްސަލާގައި ފާޑު ނުކިޔޭނެ އިދިކޮޅު މެމްބަރުންނަށް. ޖަލްސާތަކުގައި ބައިވެރިނުވުމަކީ ދެރަ މައްސަލައެއް،" މެމްބަރު ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުންގެ ބައިވެރިވުމާއެކު، ފާސް ކުރަން ޖެހޭ ބިލުތަކެއް ކަމަށް އެ މެމްބަރު އެ ވިދާޅުވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރަން ޖެހޭ ބިލްތަކުގެ ވާހަކަ އެވެ. އެ މެމްބަރު އެހެން ވިދާޅުވިޔަސް، ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން (43 މެމްބަރުން) ފާސްކުރަންޖެހޭ ފަދަ އެއްވެސް ބިލެއް މި ވަގުތު މަޖިލީހަށް ހުށަހެޅިފައެއް ނެތެވެ.
ޕީޕީއެމް މެމްބަރު ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކުރިއަށް ދިޔަ އެއްވެސް ޖަލްސާއެއް ނޯންނާނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލްވީ މަޖިލީހުގެ ގަވައިދުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މަސީހުގެ މައްސަލަ އެޖެންޑާ ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލްސާތައް ހުއްޓިފައި އޮންނަ މައްސަލާގައި މަސީހު އެއްވެސް ޒިންމާއެއް ނަންގަވަން ނުޖެހޭނެ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަތުމުގެ ކުރިން ޖަލްސާތައް އަލުން ފަށާނެ އެވެ. އަދި ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރާތަން ދާދި އަވަހަށް ފެނިގެންދާނެ ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.
ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރާ މަޖިލީހަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. މުސާރަ އާއި ކޮމެޓީ އެލަވަންސާ އެކު، މެމްބަރަކަށް މަހަކު 82،500ރ. ލިބޭ މަޖިލިސް، އޭގެ ގާނޫނީ ޒިންމާ އަދާނުކުރުމަކީ، އާންމުންގެ ނަޒަރުގައި، ބޮޑު މައްސަލައެކެވެ. ގާނޫނުއަސާސީގައި މަޖިލީހަށް ބޮޑެތި ބާރުތަކެއް ދީފައި އޮންނަ އިރު، މަސައްކަތެއް ނުކޮށް ގިނަ ބައެއްގެ ވިސްނުމުގައި އެތަން އޮތީ "ވާގިނެތިފަ" އެވެ.
މާދަމާ ރޭ މަޖިލިސް، މަސީހް ވަކިކުރާނެ ކަމަށް ބެލެވޭ
މަސީހު ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 8 ގައި
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
މަޖިލިސް ހުއްޓުވާފައި އޮތީ ސަރުކާރު ދިފާއުކުރަން:އިންތި
މި ގޮތް ވެސް މަސީހަށް ހަމަ "އޯކޭ"!
މަސީހުގެ އިތުބާރު ނެތް ކަމުުގެ ވޯޓު ކާމިޔާބުވާނެތަ؟
ޚިޔާނާތުގެ ލިސްޓްގައި ގިނަވާނީ އެމްޑީޕީ މީހުން: ޝިޔާމް
ސަރުކާރު ހިންގަނީ މަޖިލިހުން ކަމަށް ބުނެ ފާޑުކިޔައިފި!
ޓެކްސް ފިޔަވައި އެހެން ކަންކަން ހުށަހެޅޭ ގޮތް ހަދައިފި
ބިލްތަކުގައި ތައްގަނޑުޖެހުމުގެ ވިސްނުމެއް ނެތް: ރޮޒޭނާ