ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ހައިރާންވާވަރުގެ ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ؛ ރައްޔިތުންނަށް ކަށަވަރުކޮށްދީފައި ހުރި އެތައް ހައްގެއް ނިގުޅައިގެންފި އެވެ. ސަރުކާރު ބޭނުންވާ ގޮތަކަށް އެތައް ކަމެއްގައި "ރަބަ ސްޓޭމްޕް" ޖަހައި ދީފި އެވެ. ސަރުކާރު ޖަވާބުދާރީ ކުރުމުގެ ހުރިހާ ދޮރެއްހެން ބަންދުކޮށްފި އެވެ. "ކުރާނެ މަސައްކަތެއް ނެތިގެން"، ބޭނުންއިރަކު، ބޭނުން ދުވަހަކަށް މަޖިލިސް ހުއްޓުވާލަ އެވެ. މި ހުރިހާ ކަމަކުން، މަޖިލީހަށް އޮންނަ އިތުބާރު ވެސް ގެއްލުވާލައިފި އެވެ. މިއީ 85 އިއްޒަތްތެރި މެމްބަރުން ތިއްބަވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ހަގީގަތެވެ.
09 މާޗް 2017
ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ހައިރާންވާވަރުގެ ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ؛ ރައްޔިތުންނަށް ކަށަވަރުކޮށްދީފައި ހުރި އެތައް ހައްގެއް ނިގުޅައިގެންފި އެވެ. ސަރުކާރު ބޭނުންވާ ގޮތަކަށް އެތައް ކަމެއްގައި "ރަބަ ސްޓޭމްޕް" ޖަހައި ދީފި އެވެ. ސަރުކާރު ޖަވާބުދާރީ ކުރުމުގެ ހުރިހާ ދޮރެއްހެން ބަންދުކޮށްފި އެވެ. "ކުރާނެ މަސައްކަތެއް ނެތިގެން"، ބޭނުންއިރަކު، ބޭނުން ދުވަހަކަށް މަޖިލިސް ހުއްޓުވާލަ އެވެ. މި ހުރިހާ ކަމަކުން، މަޖިލީހަށް އޮންނަ އިތުބާރު ވެސް ގެއްލުވާލައިފި އެވެ. މިއީ 85 އިއްޒަތްތެރި މެމްބަރުން ތިއްބަވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ހަގީގަތެވެ.
އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި، މި ހުރިހާ ކަމެއްގައި ވެސް ފުރިހަމަ ޒިންމާ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ނަންގަވަން ޖެހެ އެވެ. މައިގަނޑު ސަބަބަކީ މިއެވެ؛
މަޖިލީހުގެ ރައީސަކީ ވަކި ފަރާތަކަށް ޖެހުމެއް ނެތި، ގާނޫނުއަސާސީ އާއި ގަވާއިދާއި މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅަަކަށް ވުމެވެ. އެކަމަކު، އިދިކޮޅު މެމްބަރުން ތުހުމަތުކުރާ ގޮތުގައި، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި އާއްމު އުސޫލްތަކާ ހިލާފަށް އެތައް ކަމެއް މަޖިލީހުގެ ރައީސް މިހާތަނަށް ވަނީ ކުރައްވައިފަ އެވެ.
މަޖިލީހުގެ ރައީސް އަމަލުކުރައްވާ ގޮތް، މަޖިލީހުގެ ބައެއް މެމްބަރުން ސިފަކުރައްވަނީ "ވަކި ބޭފުޅެއްގެ އޯޑަރަށް ކަންކަން ނިންމަވާ" ބޭފުޅެއްގެ ގޮތުގަ އެވެ.
ވަކި ގޮތަކަށް ކުރިއަށް ގެންދަން މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކަންކަން، އެ ގަވާއިދު "މުގުރާލައި" ބޭނުން ގޮތަކަށް ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުން ކުރިއަށް ގެންދާއިރު ވެސް މަޖިލީހުގެ ރައީސް ހިމޭނުން އިންނަވާ ކަމަށް މަޖިލީހުގެ ތަޅުމުގައި އެތައް ފަހަރަކު މެމްބަރުން ވަނީ ތުހުމަތު ކުރައްވައިފަ އެވެ. މެމްބަރުންނަށް ބަހުސް ކުރެއްވުމުގެ ފުރުސަތު ދެއްވުމުގައި ވެސް ތަފާތު ކުރުމަކީ ވެސް ސިޔާސީ ވިސްނުމެއްގެ ތެރެއިން ކުރައްވާ ކަމެއް ކަމަށް މެމްބަރުން ތުހުމަތު ކުރައްވަ އެވެ.
މަޖިލިހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފަހު، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އެހެންވެ، ރައްޔިތުންގެ މަންދޫބުންނަށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ނުކުރެވި، ކުރިމަތިވެފައިވާ ކަންބޮޑުވުންތަކަށް އޮތް ހައްލަކީ، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވިދާޅުވި ގޮތުގައި، މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހަށް މި ފަހަރު ހުށަހެޅިއިރު، މީގެ ކުރިން ވެސް މި ވޯޓަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފައިވެ އެވެ. އެކަމަކު އެ ފަހަރު އަނބުރާ ގެންދިޔައީ އެވެ. އޭރު އެކަން ނުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެއްކޮޅަށް އެރުއްވި ޕީޕީއެމްގެ މެމްބަރުންތައް އަލުން، ރައީސް ޔާމީނާ ގުޅިވަޑައިގެން ވޯޓު ކާމިޔާބުވާނެ ކަމުގެ އިތުބާރު ގެއްލުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ގޮތުން، މިފަހަރު ވެސް މި ވޯޓު އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވެދާނެތޯ މިއީ އުފައްދާ ސުވާލެކެވެ.
ޕީޕީއެމް 48 އެމްޑީޕީ 21 ޖުމްހޫރީ ޕާޓީ 7 އެމްޑީއޭ 6 އަދާލަތު ޕާޓީ 1 މިނިވަން 2
މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްވާނީ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، އިދިކޮޅު ފަރާތްތަކަށް 42 ވޯޓު ލިބިގެންނެވެ. މިހާތަނަށް މަޖިލީހުގައި ނަގާފައިވާ މުހިއްމު ބޮޑެތި ވޯޓުތަކުގައި އިިދިކޮޅު ފަރާތްތައް ގުޅިގެން ހޯދިފައި ވަނީ އެންމެ ގިނަ އަދަދަކަށް ވެސް ތިރީހަކަށް ވޯޓެވެ. އެކަމަކު ސަރުކާރު ކޯލިޝަނަށް ނަގާ ވޯޓުގެ އަދަދު 50 އަށް ވުރެ މައްޗެވެ.
އިދިކޮޅު ފަރާތްތަކަށް ލިބެނީ ޕީޕީއެމްގެ ރައީސް މައުމޫން ފަޅީގައި ތިއްބެވި މެމްބަރުންނާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި މިނިވަން މެމްބަރުންގެ ވޯޓެވެ.
ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ތަމްސީލުކުރާ ގޮތަށް ބަލާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ހަ މެމްބަރުންނާ އެކު ޕީޕީއެމް ކޮޅުގައި ޖުމްލަ 54 މެމްބަރުން އެބަ ތިއްބެވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ މަޖިލީހުގެ އިތުބާރު ނެތް ކަމުގެ ގަރާރު 26 މެމްބަރުންގެ ސޮޔާއެކު ހުށަހެޅިއިރު، އޭގެ ތެރޭގައި ހުރިހާ ޕާޓީއެއްގެ މެމްބަރުން ވެސް ހިމެނޭ ކަމަށެވެ. އެ މެމްބަރުން އެކުގައި ނިކުންނެވީ "ގަދަ ކަނޑަކަށް" ނަމަވެސް އަމާޒު ހިފާފައި ވަނީ އަމާން ބަނދަރަކަށް ކަމަށް އިބޫ ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ މެމްބަރުންގެ ނުތަނަވަސްކަމާއި ޝަކުވާތަކާ އެކު، އިތުބާރު ނެތް ކަމުގެ ވޯޓާ އެއްކޮޅަށް ގިނަ މެމްބަރުންތަކެއް ވޯޓު ދެއްވާ މަންޒަރު ފެންނާނެ ކަމަށެވެ.
"މި މައްސަލާގައި އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެ،" ވަރަށް އުންމީދާ އެކު ފާރިސް ވިދާޅުވި އެވެ.
މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދީ 26 މެމްބަރުންގެ ސޮޔާއެކު ކަމުގައި ވިޔަސް، މި އަދަދު އިތުރުވާނެ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ. ރަށުގައި ވަޑައިގެން ނެތުމާއި އަދި ތަފާތު ސަބަބުތަކާ ހެދި، މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ނުކުރައްވާ މެމްބަރުން އަދި އެބަތިއްބެވި އެވެ. އަދި މި މައްސަލަ މަޖިލިހަށް ވެއްދުމާއެކު، ސިޔާސީ މަސްރަހަށް އަންނަ ބަދަލަށް ބެއްލެވުމަށް ފަހު، ގޮތް ނިންމެވަން ތިއްބެވި މެމްބަރުންތަކެއް ވެސް އެބަތިބި ކަމަށް ވެ އެވެ.
"އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ވެސް ހުރިހާ މެމްބަރުންގެ ސޮޔެއް ނެތް. އެހެންވީމާ 26 މިއީ ބެންޗްމާކަކަށް ބަލާކަށް ނުޖެހޭ. މި އަށް ވުރެ އިތުރަށް މާ ގިނަ މެމްބަރުން އަޅުގަނޑުމެންނާ އެކު އެބަތިއްބެވި. އެހެންވީމާ މި ވޯޓު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ލިބެނީ،" މަޖިލިހުގެ ރައީސްކަމުން މަސީހް ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ވެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅަކު ވިދާޅުވި އެވެ.
މަޖިލީހުގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން މަޖިލީހުގެ ރައީސް މަސީހާ އެކު. ---ފޮޓޯ: ނިޝާން އަލީ/މިހާރު
އިދިކޮޅު ފަރާތްތަކުން މަސީހާ މެދު ކުރާ ހުރިހާ ތުހުމަތެއް ޕީޕީއެމްގެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވީ މަސީހާ މެދު ކުރާ ތުހުމަތުތަކުގެ އެއްވެސް އަސްލެއް ނެތް ކަމާށާއި އިތުބާރު ނެތް ކަމުގެ ވޯޓަކީ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީ ދެކެ ބިރުން ކުރާ ކަމެއް ކަމަށެވެ.
ޕީޕީއެމާއި އެމްޑީޕީ މެމްބަރުންގެ ވޯޓާއެކު، މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ފަސޭހަކަމާ އެކު ފެއިލްކޮށްލާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މިއީ ޒާތީ ހަސަދައެއް ކަމަށާއި މިކަމުގައި އިސްކޮށް އުޅެނީ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް އެންމެ ފުރަތަމަ މަސީހު ގެންނަން އުޅުނުއިރު، ދެކޮޅު ހެއްދެވި ބޭފުޅުން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ވަކި ކަންތައްތައްތަކެއް ހާސިލް ކުރުމަށް، ވަކި އެދުމެއްގައި ކުރާކަމެއް ކަމަށެވެ.
"ރިޔާސަތުގައި މަސީހު އިންނަވައިގެން އެ މީހުން ބޭނުންވާ ގޮތަކަށް، ބޭނުންވާ ފުރުސަތުތަކެއް ނުލިބޭނެކަން އެނގޭ. އެހެންވެ، އޭގެ ބަދަލުގައި ޖެއްސުން ކުރުމަށާއި ސަރުކާރަށް ހީނަރުކަން ގެނައުމުގެ ނިޔަތުގައި ކުރާ ކަމެއް މިއީ،" ނިހާން ވިދާޅުވި އެވެ.
މަސީހާ ދެކޮޅަށް ނަގާ ވޯޓު، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ސިފަކުރެއްވީ، ދިވެހި ރައްޔިތުންނާ އިދިކޮޅަށް، ރައްޔިތުންނަށް ޣައްދާރުވާ ބަޔަކު ކުރާ ކަމެއްގެ ގޮތުގަ އެވެ.
"މިއުޅެނީ މަސީހު އެއްވެސް ކަމެއް ކުރައްވައިގެންނެއް ނޫން. މިއީ ތިން ވަނަ ހަފުތާގައި އޮންނަ [ސައޫދީގެ ރަސްގެފާނުގެ] ދަތުރުފުޅު ދެކެ ގަންނަ ބިރެއްގެ ސަބަބުން ކުރި ކަމެއް،" އާރިފް ވިދާޅުވި އެވެ.
މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރަނީ އާންމުކޮށް ހުޅުވާލާފައިވާ ވޯޓަކުންނެވެ. އެ މެމްބަރަކު ވޯޓުލައްވާ ގޮތް އެންމެންނަށް ފެންނާނެ އެވެ. ސުވާލަކީ މަޖިލިހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް އޮތް އިރު، ވެރިކަންކުރާ ޕީޕީއެމް ކޯލިޝަންގެ މަޖިލިސް މެމްބަރުން ލޯ މަރާލާފައި، މަސީހާ ދެކޮޅަށް ވޯޓު ދެއްވަން ކެރިވަޑައިގަންނަވާނެ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް ނިންމަން ކެރިވަޑައިގަންނަވާނެ ކިތައް މެމްބަރުން އެބަތިއްބެވި ހެއްޔެވެ؟
- މަދުވެގެން 15 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފެންނަ ސަބަބު ބަޔާންކުރަން ޖެހޭ.
- އެ މައްސަލަ ހުށަހަޅާތާ ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި މަޖިލީހުގެ ރައީސާއި މެމްބަރުންނަށް ނޯޓިސްދޭން ޖެހޭ. އެ ގަރާރު މަޖިލީހަށް ހުށަހަޅަން ޖެހޭނީ ނޯޓިސް ދޭ ތާރީހުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާގައި.
- މަޖިލީހުގެ ޖަލްސާ އަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު، އޭގެ ފަހުން، އެހެން އެއްވެސް މައްސަލައަކާ މެދު ބަހުސްކުރަން ފެށޭނީ، ނުވަތަ ގޮތެއް ނިންމަން ވާނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހު.
- މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް. ރައީސްގެ އިތުބާރު ނެތް ކަމުގެ ބަހުސް ތިން ގަޑިއިރަށް ވުރެ ދިގުވެގެން ނުވާނެ.
- މަޖިލީހުގެ ރައީސާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ހައްގު ލިބިގެންވޭ.
- އިތުބާރު ނެތް ކަމަށް ފާސްކޮށްފި ނަމަ، މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދޭން ޖެހޭ.
ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކުރަން ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލާޒިމްކުރާ މަސައްކަތް ފުރިހަމަ ގޮތުގައި ކުރެވޭނީ މަޖިލީހުގެ މަސައްކަތް ހަރުދަނާ ކުރެވިގެންނެވެ. ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުގެ ބޭނުމަކީ ވެސް އެއީ އެވެ. އެކަމަކު، އެއްބާރު އަނެއް ބާރާ މަސްހުނި ވެފައިއޮތްލެއް ބޮޑުކަމުން، ހާސިލްކުރަން އުޅޭ މަގްސަދު ހާސިލްވެދާނެތޯ އެއީ އުފެދޭ ސުވާލެކެވެ.
މަޖިލީހުގެ މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް
މަޖިލިސް ހުއްޓިފައި، ޒިންމާ ނަގާނެ ބަޔަކު ނެތް!
މި ގޮތް ވެސް މަސީހަށް ހަމަ "އޯކޭ"!
މިވަރުން، މަޖިލީހަށް ވަދެވޭނީ ސަރުކާރު މެމްބަރުންނަށް:ސައުދު
މާދަމާ ރޭ މަޖިލިސް، މަސީހް ވަކިކުރާނެ ކަމަށް ބެލެވޭ
ސޮއިކުރުމަކީ ރައީސްއާ ދެކޮޅުވުމެއް ނޫން: މެމްބަރުން
މަސީހު ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 8 ގައި
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!
51 މެމްބަރެއްގެ ސޮޔާއެކު މަސީހް ވަކިކުރަން މަޖިލީހަށް
ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ނުފެށިފައި