ސިފައިންގެ ބޮޑު ފައުޖެއް އެ ތިބީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަށާލައިގެންނެވެ. ސަރުކާރުގެ އޯޑަރަށް، އެމަނިކުފާނުގެ ހިމާޔަތުގައި އަތް ގުޅާލައިގެންނެވެ. މެމްބަރުންނަށް، މަސީހު ފެނިވަޑައިނުގަތަސް އަދި ރިޔާސަތުގައި އިންނަވައި ވިދާޅުވާ އެއްޗެއް އަޑު އިވިވަޑައިނުގަތަސް ވަރިހަމަ އެވެ. ޝަރަފުވެރި ގޮނޑީގައި އިންނަވައި މަޖިލީހުގެ ޖަލްސާ، އެންމެ ފަސް މިނިޓަށް ނަމަވެސް، ކުރިއަށް ގެންދަވަނީ އެވެ.
01 އޯގަސްޓް 2017
ސިފައިންގެ ބޮޑު ފައުޖެއް އެ ތިބީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަށާލައިގެންނެވެ. ސަރުކާރުގެ އޯޑަރަށް، އެމަނިކުފާނުގެ ހިމާޔަތުގައި އަތް ގުޅާލައިގެންނެވެ. މެމްބަރުންނަށް، މަސީހު ފެނިވަޑައިނުގަތަސް އަދި ރިޔާސަތުގައި އިންނަވައި ވިދާޅުވާ އެއްޗެއް އަޑު އިވިވަޑައިނުގަތަސް ވަރިހަމަ އެވެ. ޝަރަފުވެރި ގޮނޑީގައި އިންނަވައި މަޖިލީހުގެ ޖަލްސާ، އެންމެ ފަސް މިނިޓަށް ނަމަވެސް، ކުރިއަށް ގެންދަވަނީ އެވެ.
އިދިކޮޅު މެމްބަރުން ޗެމްބަރުގެ ކައިރީ ތިއްބަވައި އެމަނިކުފާނުގެ އިސްތިއުފާ އަށް ގޮވަނީ އެވެ. މަސީހަށް ނިސްބަތް ކުރައްވައި ހަޑިހުތުރު ބަހުރުވަ ވެސް ބޭނުން ކުރެއްވި އެވެ. ރިޔާސަތުގައި އިންނެވުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ވެސް މެމްބަރުން ހަޅޭއްލެވި އެވެ. އެ ހަމަނުޖެހުންތަކުގައި، މަޖިލީސް ހަލަބޮލިވެފައިވާ މިންވަރަށް މަސީހު ނުބެއްލެވި އެވެ. މެމްބަރުން ފާޅުކުރެއްވި ޝުއޫރުގެ އަޑެއް ވެސް ނޭއްސެވި އެވެ. ރިޔާސަތުގައި އިންނަވައި އެމަނިކުފާނު ވިދާޅުވާން ބޭނުންފުޅުވި ވާހަކަތައް ވިދާޅުވުމަށް ފަހު، މަޖިލީހުގެ ޖަލްސާއެއް މިއަދު އޮންނާނެ ކަން އިއުލާން ކުރައްވައި ވަޑައިގަތީ އެވެ.
މި މަންޒަރު ޓީވީން ބަލަން ތިބި ބައެއް މީހުން ބުނީ މިހެންނެވެ. ލަދުން ބޯ ހަލާކެވެ؛ މަޖިލީސް "ހިސޯރުކޮށްގެން" ސަރުކާރުން ގަދަބާރު ދެއްކުމާއި މަޖިލީހުގެ މެމްބަރުންގެ އަމަލުތައް ވެސް ހުތުރެވެ.
މަޖިލިހުގެ ރިޔާސަތާއި އިދާރީ މޭޒުގެ ވަށައިގެން ސިފައިން އެތުރިގެން.
ރިޔާސަތުގެ ގޮނޑި ވެސް މަޖިލީހުގެ އިއްޔެގެ ޖަލްސާ ފެށުމުގެ ކުރިން ތަޅުމުން ބޭރުކުރި އެވެ. ދެން ފެނުނީ، އެ ގޮނޑީގައި ބައެއް މެމްބަރުން އެކި ގޮތްގޮތަށް ފޮޓޯ ނެންގެވި މަންޒަރެވެ. އެކަން ހުއްޓުވައި، އެ ގޮނޑި މަޖިލީހަށް ވައްދައި މަސީހު އިންނެވުމުގެ ފުރުސަތު ދިނީ ސިފައިންނެވެ.
މި ފެންވަރަށް ލައިވް ޑްރާމާއާ އެކު މަޖިލީހުގެ ޖަލްސާތައް ބާއްވާ އެހެން ގައުމެއް އެބަ އޮތް ހެއްޔެވެ؟ މަޖިލީހުގެ މެމްބަރުންނާ ދާދި އެއް އަދަދަކަށް ސިފައިން ވައްދައިގެން ޖަލްސާ ބޭއްވުމަކީ، ކޮން ޑިމޮކްރަސީއެއްގައި އަމަލުކުރާ ގޮތެއް ހެއްޔެވެ؟ ގާނޫނީ ހުކޫމާތު ނަގަހައްޓަން ގާނޫނުއަސާސީގައި އޮންނަނީ ހުރިހާ ބާރުތައް އެއް ފަރާތަކަށް ޖަމާކޮށްގެން ހެއްޔެވެ؟
މި ދަރަޖަ އަށް ގައުމު ވައްޓާލައިގެން، ވެސް ރިޔާސަތުގައި އިންނަވަން މަސީހު ބޭނުންފުޅުވާތީ ސުވާލު އުފެދެ އެވެ. ކިތަންމެ ނުރުހުމެއް އަމާޒުވިއަސް، ކިތަންމެ ވަރަކަށް ފާޑުކިޔަސް މަސީހަށް "އޯކޭ" އެވެ. ވެރިޔާގެ ހުރިހާ އަމުރަކަށް ވެސް ބޯލަނބަން ތައްޔާރެވެ. އެއީ ކުރައްވައިގެން ހުންނެވި ހުވަޔާ ޚިލާފު ކަމެއްތޯ ނުވަތަ ގާނޫނުއަސާސީ އާއި ގާނޫނުތައް ތަންދޭ ކަމެއްތޯ ވެސް ބައްލަވާކަށް ބޭނުންފުޅެއް ނުވެ އެވެ.
މަޖިލީހުގެ ރިޔާސަތު "ކޮންމެ ގޮތަކުން" ނަމަވެސް ދިފާއުކުރަން ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅު ހައްދަވަން މަސީހަށް ކުރިމަތިވެވަޑައިގެންފައި ވަނީ ކޮން މަޖުބޫރު ކަމެއް ހެއްޔެވެ؟ މިކަމަކާ ހެދި އަމިއްލަ ޝަރަފާއި އިއްޒަތް ވެއްޔާ މޮޑެވިގެން ދާއިރު ވެސް ހަމަ އެއްވެސް މައްސަލައެއް ނެތް ހެއްޔެވެ؟
މަސީހުގެ މަގާމް ދިފާއުކުރަން ގާނޫނާ ހިލާފަށް އެތައް ކަމެއް ކޮށްފި އެވެ. އެންމެ ފުރަތަމަ އެ މައްސަލަ ބޭރުކޮށްލީ މަޖިލީހުގެ ގަވާއިދާ ހިލާފަށް އަމަލުކޮށްގެންނެވެ. ދެ ވަނަ ފަހަރަށް ހުށަހެޅުމުން މަގާމު ދިފާއުކުރީ، އޭރު ސަރުކާރަށް މަޖިލީހުގައި އޮތް އަޣުލަބިއްޔަތުން ބޭނުންވާ ގޮތަށް ޖަލްސާ ކުރިއަށް ގެންގޮސްގެންނެވެ. ތިން ވަނަ ފަހަރަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިޔަ ނުދޭން މަސީހަށް ހާއްސަކޮށް ގެން މަޖިލީހުގެ ގަވާއިދު ވެސް އިސްލާހު ކުރީ އެވެ.
މަޖިލީހުގެ ރައީސް މަސީހު: އެމަނިކުފާނު ރިޔާސަތުގައި އިންނަވައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައި.
މަޖިލީހުގެ 42 މެމްބަރުންގެ ސޮޔާ އެކު ނޫނީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަނޭޅޭ ގޮތަށް ބަދަލު ގެނައުމާ އެކު އިދިކޮޅު ފަރާތްތަކުން ތިން ވަނަ ފަހަރަށް މައްސަލަ ވެއްދީ ގަވާއިދުގައި ބުނި އަދަދަށް ވުރެ ވެސް ގިނައިން، 45 މެމްބަރުންގެ އަގުލަބިއްޔަތު ހޯދައިގެންނެވެ. ނުވާނެ ކަމެއް ކަމަށް ނިންމައިގެން ތިއްބައި އެކަން އެގޮތަށް ކުރުމުން ސަރުކާރަށް ލިބުނީ ކުއްލި ޝޮކެކެވެ.
ވޯޓުން މަސީހު ވަކިކުރެވިދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވެސް ގަބޫލުފުޅުކުރައްވައި، އެ ވާހަކަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ވިދާޅުވި އެވެ. ވޯޓުން މަސީހު ވަކިވާނެތީ، ދެން އެ ކަމަށް ފަރުވާ ހޯދީ ސުޕްރީމް ކޯޓު މެދުވެރިކޮށެވެ. ގާނޫނުއަސާސީގައި ނެތް ޝަރުތެއް އުފަންކުރުވައިގެން، ސުޕްރީމް ކޯޓުގެ ހުކުމް އައީ، ސަރުކާރުން ބޭނުންވި ގޮތަށެވެ.
އެ ހުކުމް ދައްކައި، މެމްބަރުންތަކެއްގެ ގޮނޑި "ގެއްލިއްޖެ" ކަމަށް ކަނޑައަޅައިފި އެވެ. ބޭނުމަކީ، މަސީހުގެ ވޯޓު ބާތިލްކުރުމެވެ. އެކަމަކު އެއީ، ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ބުނެ މަޖިލީސް ބާއްވަން އިދިކޮޅު ފަރާތްތަކުން ބާރު އެޅުމުން، ސިފައިން ލައްވައި މަޖިލީހުގައި ތަޅު އެޅުވީ އެވެ. އެއަށް ފަހު، މެމްބަރުން މަޖިލީހަށް ވަނުން ހުއްޓުވީ ވެސް ގާނޫނުއަސާސީއާ ޚިލާފަށެވެ.
އިއްޔެގެ ޖަލްސާ ބޭއްވީ ސިފައިންގެ އެހީގަ އެވެ. މިއީ، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ކަނޑައަޅާފައި އޮންނަ ގޮތެއް ނޫނެވެ. އެކަމަކު ކުށެއްގެ މައްޗަށް ކުށް ތަކުރާރު ކުރަނީ ރިޔާސަތު ދިފާއުކުރާށެވެ. މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުނު ނުވެ ހުންނެވިއަސް ހުރިހާ ކަމެއް މިދަނީ ގާނޫނާ އެއްގޮތަށް ނޫން ކަން މަސީހަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 45 މެމްބަރަކު އެ ވަނީ މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރައްވައިފަ އެވެ. އެއީ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނަ މެމްބަރުންނަށް ވާއިރު އޭގެ ތެރޭގައި ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުންތަކެއް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަސީހު ރިޔާސަތުގައި އިންނެވުމާ ދެކޮޅަށް މެމްބަރުން އަޑުއުފުއްލަވަނީ.
ސަރުކާރުގައި އާރާއި ބާރު އޮއްވައި ޕާޓީ ވެސް ދޫކުރައްވައި މެމްބަރުންތަކެއް މަސީހާ ދެކޮޅަށް ނިކުމެވަޑައިގަންނަވާނީ ސަބަބުތަކެއް ހުރީމަ އެވެ. އެކަން ފޮރުވަން މެމްބަރުން ގޯސްކޮށް ބޮޑެތި ތުހުމަތުތަކެއް ކުރިއަސް އެކަން ގަބޫލުކުރަން އެތައް ބަޔަކަށް ދަތިވާނެ އެވެ.
ޑިމޮކްރަސީގައި ކަންކަން ނިންމުމުގައި ތަބާވާން ޖެހެނީ މެޖޯރިޓީ އަށެވެ. މެޖޯރިޓީ މެމްބަރުން ތިއްބެވީ މަސީހާ ދެކޮޅަށެވެ. މަގާމު ދިފާއުކުރަން، ގާނޫނުއަސާސީއާ ޚިލާފަށް އެތައް ކަމެއް ކުރިއަސް މި ހަގީގަތް ބަދަލެއް ނުވާނެ އެވެ.
މަޖިލީހުގެ ރައީސް ކަމަށް ސަރުކާރުން ބޭނުން ވަނީ މަސީހެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ގާނޫނީ ހައިސިއްޔަތު ނެތް ބޭފުޅަކާ އެކު މަޖިލީސް ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް މަޖިލީސް ތެރެއިން ފެންނާނީ ހަމަނުޖެހުމެވެ. މަސީހުގެ މަގާމާ ހެދި އެވެ.
މަޖިލީހުގެ ކަންކަން ނިންމަން އޮންނަނީ ވޯޓުންނެވެ. ވޯޓަކަށް ހިނގައްޖެ ނަމަ މަސީހު މަގާމު ސަރުކާރަށް ދިފާއުކޮށެއް ނުދެވޭނެ އެވެ. އެހެންވެ، ދެން ފެންނަން އޮތް އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ މަސީހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުން ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ. ޑިމޮކްރަސީގައި ރީތި ގޮތަކީ ވެސް އެއީ އެވެ.
އެކަމަކު މަސީހުގެ ފަރާތްޕުޅުން އެކަހަލަ ނިޝާނެއް ނުފެނެ އެވެ.
މުލައްދަނޑީގެ ބާރު ނޫން ބާރެއް ސަރުކާރުގެ ނެތް!
މަޖިލިސް ހުއްޓިފައި، ޒިންމާ ނަގާނެ ބަޔަކު ނެތް!
މަސީހުގެ އިތުބާރު ނެތް ކަމުުގެ ވޯޓު ކާމިޔާބުވާނެތަ؟
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!
ބިންމިލްކުކުރެވޭ އުސޫލު އުވާނުލައި،ކޮމިޓީގައި ތާށިވެފައި
މާދަމާ ރޭ މަޖިލިސް، މަސީހް ވަކިކުރާނެ ކަމަށް ބެލެވޭ
ސޮއިކުރުމަކީ ރައީސްއާ ދެކޮޅުވުމެއް ނޫން: މެމްބަރުން
މަސީހު ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 8 ގައި
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!
51 މެމްބަރެއްގެ ސޮޔާއެކު މަސީހް ވަކިކުރަން މަޖިލީހަށް