Roadha Mihaaru

މުލައްދަނޑީގެ ބާރު ނޫން ބާރެއް ސަރުކާރުގެ ނެތް!

މިހާރު މި އަޑުއިވެނީ މުޅިން އާ ވާހަކަ އެކެވެ. ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގެ މޭޒުގެ ވަށައިގެން ބިއްލޫރި ކޮއްޓެއް ޖަހައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން އުޅޭ ވާހަކަ އެވެ. އެއީ މިހާރު ރިޔާސަތު މޭޒާ ހަމައަށް ވަޑައިގެން، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް އަޑުއުފުލާ އިދިކޮޅު މެމްބަރުން ހުއްޓުވުމަށެވެ. އެގޮތަށް އެކަން ކުރުމަށް، މަޖިލިހުގެ އިދާރާގެ ސަލާމަތީ ކަންކަން ބަލަހައްޓާ އެމްއެންޑީއެފުން ލަފާދީފައިވާ ކަމުގެ އަޑުތައް ވަރަށް ގަދަ އެވެ. މިއީ ހަގީގަތެއް ނަމަ، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް، ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި "ގަދަކަމުން" ކުރިއަށް ގެންދަން ސަރުކާރުން ބޭނުންވަނީ އެވެ.

މުލައްދަނޑީގެ ބާރު ނޫން ބާރެއް ސަރުކާރުގެ ނެތް!
އަހުމަދު ހަމްދޫން
އަހުމަދު ހަމްދޫން

06 އޯގަސްޓް 2017

މިހާރު މި އަޑުއިވެނީ މުޅިން އާ ވާހަކަ އެކެވެ. ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގެ މޭޒުގެ ވަށައިގެން ބިއްލޫރި ކޮއްޓެއް ޖަހައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން އުޅޭ ވާހަކަ އެވެ. އެއީ މިހާރު ރިޔާސަތު މޭޒާ ހަމައަށް ވަޑައިގެން، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް އަޑުއުފުލާ އިދިކޮޅު މެމްބަރުން ހުއްޓުވުމަށެވެ. އެގޮތަށް އެކަން ކުރުމަށް، މަޖިލިހުގެ އިދާރާގެ ސަލާމަތީ ކަންކަން ބަލަހައްޓާ އެމްއެންޑީއެފުން ލަފާދީފައިވާ ކަމުގެ އަޑުތައް ވަރަށް ގަދަ އެވެ. މިއީ ހަގީގަތެއް ނަމަ، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް، ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި "ގަދަކަމުން" ކުރިއަށް ގެންދަން ސަރުކާރުން ބޭނުންވަނީ އެވެ.

ނަމަވެސް މި ގަދަ "ސިޔާސީ ކަނޑު"ގައި މިއީ މި ވަގުތަށް އޮތް ހައްލު ކަމަށް ހީވާނަމަ، އެއީ މަސްރަހު އިތުރަށް ގޯސްވެދާނެ ކަމެކެވެ. ސިޔާސީ އަދި ޑިމޮކްރެޓިކް ހައްލުން ބޭރުން "ބިއްލޫރި ފާރު" ހަދައިގެން ގާނޫނު ހަދާ މަޖިލިސް ބޭއްވުމަކީ ޑިމޮކްރެސީއާ އެންމެ ބީރައްޓެހި ކަންތަކެވެ. ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުން މިފަދަ ކަމެއް ނުފެންނާނެ އެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ވުރެ ބޮޑަށް މުލައްދަނޑީގެ ބާރުގެ ބޭނުން އިދިކޮޅު ފަރާތްތަކުން ކުރާ ކަމަށް ދޭހަވާ ގޮތަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދެއްކެވިއިރު، ހަގީގަތުގައި އެކަން އެގޮތަށް ކުރަމުން ދަނީ އިދިކޮޅު ފަރާތްތަކުންތޯ ސުވާލު އުފެދެ އެވެ. ސަރުކާރު ބަލިވާ ކޮންމެ ފަހަރަކު، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވައިދުތަކަށް ބަދަލު ގެނެސް، އެކަމަކަށް ހެޔޮވަރު "ލިބާސް" ފަހަނީ އިދިކޮޅު ފަރާތްތަކުން ހެއްޔެވެ؟ ފަޓާސް ބަރިއެއްހެން ޝަރީއަތްތައް ހިންގަނީ ސަރުކާރާ އެއްކޮޅު މީހުންގެ ހެއްޔެވެ؟ ނޫނެކެވެ.

އަވައްޓެރި ސްރީ ލަންކާ އަށް ބަލަމާ ހިނގާށެވެ؛ އެ ގައުމުގެ ޚާރިޖީ ވަޒީރު ރަވީ ކަރުނަނަޔަކަގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޖޮއިންޓް އޮޕޮޒިޝަން (ޖޭއޯ) ގެ ފަރާތުން މިހާރު ވެސް އެ ވަނީ ޕާލަމެންޓަށް ހުށަހަޅައިފަ އެވެ. އޭނާ އަކީ ލަންކާގެ ސަރުކާރުގައި ބާރުގަދަ ބޭފުޅަކަށް ވާއިރު، އޭނާގެ ދިފާއުގައި އެ ގައުމުގެ ވެރިކަން ކުރާ ޕާޓީ އާއި ސަރުކާރު އަޑީގައި އޮވެގެން، އިތުބާރު ނެތްކަމުގެ މައްސަލަތައް ޕާލަމެންޓަށް ހުށަހެޅޭނެ އުސޫލުތަކަށް ބަދަލު ގެންނާކަށް ނޫޅެ އެވެ. ކަރުނަނަޔަކަގެ މަގާމު ގަދަކަމުން ދަމަހައްޓާކަށް ވެސް ނޫޅެ އެވެ.

މިއީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕާލަމެންޓަށް ވެއްދި ދެވަނަ ފަހަރު ކަމަށް ވާއިރު، ޑިމޮކްރެޓިކް ޕްރޮސެސްގެ ތެރެއިން ކުރީ ފަހަރު ވެސް ކަރުނަނަޔަކަ ކާމިޔާބު ކުރެއްވި އެވެ. އަދި ދެވަނަ ފަހަރަށް ހުށަހެޅުމުން އެކަން ހުއްޓުވައި، އިދިކޮޅު މީހުން ޖަލަށް ލައި ޕޮލިހަށް ހާޒިރުކޮށް ސުވާލު ކުރާކަށް ވެސް ލަންކާ ސަރުކާރަކުން ނޫޅެ އެވެ. މިއީ ޑިމޮކްރެސީގެ ރަނގަޅު މިސާލުތަކެވެ.

ރާއްޖޭގެ ހާލަތާ މެދު އާ ވާހަކައެއް ދައްކާކަށް ނެތެވެ. ލަންކާއާ މުޅިން ތަފާތެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން، އޭނާ އެ ގޮނޑީގައި ސަރުކާރާއި ޕީޕީއެމުން ބަހައްޓަނީ ގަދަކަމުން ކަން އެންމެންނަށް ވެސް އެބަ އެނގެ އެވެ. މަސީހަށްޓަކައި މަޖިލިހުގެ ގަވައިދަށް ބަދަލު ގެނެސް، ނުވިތާކަށް މަޖިލިހުގެ ގޮނޑި އިދިކޮޅު މެމްބަރުންނަށް ގެއްލޭ ގޮތަށް، ހުރިހާ ކަމެއް "ގަދަކަމުން" ތަރުތީބުކޮށް ނިންމައިލީ އެވެ. މިއީ އެކަމަށް އިންކާރު ކުރެވެން ނެތް، ފެންނަން އޮތް ހަގީގަތެވެ.

"މިހާ ހަޑި ހުތުރު އަމަލެއް އެހެން ގައުމަކުން ވެސް ނުފެންނާނެ. އިދިކޮޅަށް މަޖިލިހުގެ އަޣުލަބިއްޔަތު ލިބުނީމާ، އެކަން ބަލައިނުގަންނަ މަޖިލިހެއް މި ނޫނީ ދުނިޔޭގައި ވެސް އޮންނާނެހެނެއް ހިއެއް ނުވޭ. އިދިކޮޅު ފަރާތްތަކަށް މަޖިލިހުގެ މެޖޯރިޓީ ލިބުނީމާ ވެސް ގަދަކަމުން މަރުފަލި ޖެހުމަކީ ވަރަށް ހަޑި ސިފައެއް. މި ހަޑި ސިފަ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި ދައްކަނީ،" އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ތަރުޖަމާން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ވިދާޅުވި އެވެ.

"މަޖިލިހުގެ ސާފު އަޣުލަބިއްޔަތު، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ އެކު އިދިކޮޅު މީހުންނަށް ލިބުނީމާ ދެން ބިއްލޫރި ކޮށި ޖަހައިގެން، ނުކުންނާނެ ނަތީޖާއެއް ނޯންނާނެ. ބިއްލޫރިކޮށި ޖެހިޔަސް މަޖިލިސް ކުރިއަށް ގެންދަން ޖެހޭނީ ސިފައިން ބޭނުންކޮށްގެން."

ރައްޔިތުންގެ މަޖިލިހުގެ ރައީސް މަސީހާ، އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ

ރައްޔިތުންގެ މަޖިލިހުގެ ރައީސް މަސީހާ، އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ

މަސީހުގެ ވޯޓުގެ ބިރާ އެކު މަޖިލިސް މިވަނީ ހުއްޓިފަ އެވެ. މަޖިލިހުގެ ފުރަތަމަ ޖަލްސާ އަށް އެޖެންޑާ ކުރަން ޖެހޭނީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދާއިރު، އެ ނޫން ގޮތަކަށް ޖަލްސާތައް އޮމާންކަމާ އެކު ކުރިއަށް ގެންދެވޭނެ ހެނެއް ހިއެއް ނުވެ އެވެ. އިދިކޮޅު ފަރާތްތަކުން ތިބީ ދޫ ދޭ ގޮތަކަށް ވެސް ނޫނެވެ. ސަބަބަކީ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަންޖެހޭ އަދަދަށް ވުރެ ވެސް ގިނަ ސޮޔާއެކު [45 މެމްބަރުން ސޮއި] މަޖިލިހަށް މައްސަލަ ވެއްދުމުން، އޭގައި ސޮއިކުރެއްވި އިދިކޮޅު ބައެއް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަންކަން ބައްޓަންކޮށް، އެ މައްސަލަ ބޭރުކޮށްލުމަކީ ހަމަޖެހޭ ކަމެއް ކަމަށް އިދިކޮޅު މީހުން ވެސް ގަބޫލު ނުކުރާތީ އެވެ.

"މަސީހް ބޭރުކުރަން 45 އެއީ ބޮޑު އަދަދެއް. އެވަރުގެ އަދަދަކާ އެކު މަޖިލިހަށް މައްސަލަ ވެއްދީމާ، އެކަން ހަޖަމު ނުވެ، އިދިކޮޅު މެމްބަރުން ޖަލަށް ލައި، ގޮނޑި ގެއްލުވާލަން އުޅުމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން. މިކަމުގައި އެންމެ އިންސާފުން ކަންކަން ސަރުކާރުން ނުކުރުން މައްސަލަ އަކީ،" މަހްލޫފު ވިދާޅުވި އެވެ.

މަޖިލިހުގެ ޖަލްސާތަކަށް ހުރަސްއެޅި، މަސީހްގެ މައްސަލައާ ހެދި ހުރިހާ ކަމެއް ގޯހުން ގޯހަށް ދާއިރު މަޖިލިހުގެ ރިޔާސަތު އޮތީ ދޫ ދޭކަށް ނޫނެވެ.

މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކު ޕީއެސްއެމްގެ ޓީވީއެމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުއްޓުވުމުގެ ފުރުސަތު ދެން އިދިކޮޅު ފަރާތްތަކަށް ނުދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލިސް ހިސޯރު ކުރުމުގެ ފުރުސަތު ނުދީ، އެކަން ވަރަށް އަވަހަށް ހައްލު ކުރައްވާނެ ކަމަށެވެ. އޭގެ ތަފުސީލެއް ނުދެއްވަ އެވެ.

ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ހިންގާ ކެމްޕޭނުގެ އިއްޔެގެ ހަރަކާތުގައި މަޖިލިހުގެ ނަައިބު ރައީސް މޫސާ މަނިކު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ހިންގާ ކެމްޕޭނުގެ އިއްޔެގެ ހަރަކާތުގައި މަޖިލިހުގެ ނަައިބު ރައީސް މޫސާ މަނިކު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އެކަމަކު ތާޅަފިއްޔާއި ދުންމާރި ފަދަ އަޑުގަދަކުރާ ތަކެތި މަޖިލިހުގެ ޗެމްބަރަށް އިދިކޮޅު މެމްބަރުން ކުރިން ވެއްދުމުން، މަޖިލިހުގެ ގަވައިދަށް ބަދަލު ގެނެސް އެކަން ހުއްޓުވިކަން މޫސާ ވަނީ ފާހަގަކުރައްވައިފަ އެވެ. އެހެންވުމުން ފަހަރެއްގައި މިފަދަ ބަދަލެއް ގެންނަން އުޅުއްވަނީ ކަމަށް ވެސް ވެދާނެ އެވެ. ނޫނީ އޮތީ މަޖިލިހުގެ ރިޔާސަތުގެ ވަށައިގެން ބިއްލޫރި ކޮއްޓެއް ޖެހުން ކަމަށް ވެދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދެކެ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ވެސް ރައްޔިތުންނަށް އެންމެ ރަނގަޅު މެސެޖެެއް ދެވެން އޮތީ މަޖިލިހުގެ ތަޅުމުން ކަމަށާއި އެހެންވެ މަޖިލިސް ހުއްޓުވަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ އިދިކޮޅު ފަރާތްތަކުން ވެސް ދޫ ދީ ޖަލްސާތަކަށް ފުރުސަތު ދެއްވުމަށް އޭނާ އެދިވަޑައިގަންނަވަ އެވެ.

މިދިޔަ މަހުގެ ހޯމަދުވަހު، ސިފައިންގެ ހިމާޔަތުގައި މަސީހް ޖަލްސާ ކުރިއަށް ގެންދަވަނީ.

މިދިޔަ މަހުގެ ހޯމަދުވަހު، ސިފައިންގެ ހިމާޔަތުގައި މަސީހް ޖަލްސާ ކުރިއަށް ގެންދަވަނީ.

"މަޖިލިހުގެ ރައީސް ބޭރު ނުކުރެވޭނެކަން މިހާރު އެ މީހުންނަށް އޮންނާނީ އެނގިފައި. ދެން އަނެއްކާ ވެސް މަޖިލިސް ހުޅުވައިގެން، 42 މެމްބަރުންގެ ސޮއި ހަމަކުރައްވައިގެން އެކަމާއިގެން ވަޑައިގަންނަވަންވީ. ވަކި ހިސާބަކަށް ގޮސް ފެއިލް ވީމާ ދެން ޖެހޭނެހެން އަޅުގަނޑަށް ހީވަނީ ޖަލްސާތައް ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމް ކުރަން. އަޅުގަނޑު އުންމީދަކީ މައިނޯރިޓީ ލީޑަރު އަޅުގަނޑުމެންނާ ވާހަކަ ދައްކައިގެން މިކަމަށް ހައްލެއް ހޯދުން،" ނިހާން ވިދާޅުވި އެވެ.

މަހްލޫފު ވިދާޅުވީ މަޖިލިސް ކުރިއަށް ގެންދިއުމަށްޓަކައި މަޝްވަރާ ކުރަންޖެހޭ ބަޔަކާއެކު އެކަން ކުރަން އިދިކޮޅު ފަރާތްތަކުން ދެކޮޅު ނުހަދާނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެންގެ އެދުމަކީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް އެޖެންޑާ ކޮށްދިނުން. އެކަން ކޮށްދިނީމާ މަޖިލިސް ކުރިއަށް ގެންދަންވީ. އެކަމަކު ގަވައިދުގެ ތެރެއިން އެ މައްސަލަ ކުރިއަށް ގެންގޮސްދޭން ވާނީ. އެ މަޝްވަރާ އަށް އިދިކޮޅު މީހުން ހުރަސްއަޅާނެ ހެނެއް އަޅުގަނޑަކަށް ހިއެއް ނުވޭ." މަހްލޫފު ވިދާޅުވި އެވެ.

"މިއުޅެނީ ހަމަ އެންމެ މައްސަލައެއް. ސަރުކާރު ވޯޓުން ބަލިވާތަން ބަލައިގަންނަން ދަތިވެގެން މިއުޅެނީ. މި ސަރުކާރުން ވަރަށް ގިނައިން ބުނާނެ މަގުމަތިން ކަންކަން ނުނިންމައި، ވޯޓުން ނިންމާށޭ. ބަލަ ވޯޓުން ނިންމަން އުޅުނީމާ ވެސް ސަރުކާރުން މިއުޅެނީ މިކަން ވިޔަ ނުދޭން. ލޯކަލް އިންތިޚާބުން ވެސް ސަރުކާރު ބަލިވާނެކަން އެނގޭތީ، އެކިއެކި ސަބަބުތައް ދައްކައި ފަސްކުރަމުން ދިޔައީ."

މަހްލޫފު ވިދާޅުވީ މަޖިލިހުގައި އިތުބާރު ނެތްކަމުގެ ވޯޓަކަށް ދެން ހިނގައްޖެ ނަމަ ސަރުކާރު ބޮޑު ތަނުން ބަލިވާނެ ކަމުގެ ޔަގީންކަން އިދިކޮޅު ފަރާތްތަކަށް އެބައޮތް ކަމަށެވެ.

މިދިޔަ މަހުގެ 24 ގައި އިދިކޮޅު މެމްބަރުން މަޖިލިހުގެ އިދާރާ އަށް ވަޑައިގަންނަވަނީ.---މިހާރު ފައިލް ފޮޓޯ

މިދިޔަ މަހުގެ 24 ގައި އިދިކޮޅު މެމްބަރުން މަޖިލިހުގެ އިދާރާ އަށް ވަޑައިގަންނަވަނީ.---މިހާރު ފައިލް ފޮޓޯ

މަސީހްގެ މައްސަލަ މިހާރު ވެފައި މިވަނީ ގައުމީ ބޮޑު ކަމަކަށެވެ. މުޅި ގައުމުގެ ސިޔާސީ ވެށި ހަރާބުވަމުން މިދަނީ އެކަމާ ހެދި އެވެ. އެކަމަކު 45 މެމްބަރުންގެ ސޮޔަކީ އެއްވެސް އެއްޗެއް ކަމަށް ސަރުކާރުން ނުބަލައި އަދިވެސް މަޝްވަރާއޭ ބުނުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެކެވެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ މިއީ ސިޔާސީ ނުތަނަވަސް ކަމާއެކު ވެރިކަމާ ތަޅާފޮޅަންވީ ވަގުތު ނޫން ކަމަށާއި އޭގެ ބަދަލުގައި މިއީ ގައުމަށް ދިމާވެފައިވާ ހަގީގީ މައްސަލަތަކާ މެދު މަޝްވަރާކުރަންވީ ވަގުތު ކަމަށެވެ. އަދި އެކަންކަން ހައްލު ކުރުމަށް އިދިކޮޅު ލީޑަރުންނަށް އެމަނިކުފާނު ދައުވަތު ދެއްވި އެވެ.

ނަމަވެސް ހަގީގީ މައްސަލަ އަށް އެމަނިކުފާނު އަލިއަޅުއްވައެއް ނުލައްވަ އެވެ. މުލައްދަނޑީގެ ބާރު ނޫން ގަދަ އެއްޗެއް ނޯންނާނެ ކަމަށް ގަބޫލު ކުރުމަކީ ގޯހެއް ކަމަށް ވިދާޅުވިއިރު، މުލައްދަނޑީގެ ބާރު، އޭގެ އެންމެ މަތިން ބޭނުން ކުރައްވަނީ އެމަނިކުފާނުގެ ސަރުކާރު ކަމެއް ހަނދުމަފުޅެއް ނެތެވެ. އިދިކޮޅު މެމްބަރުންތަކެއް ޖަލަށް ލައި، އެއީ ބޮޑެތި ކުށްވެރިން ކަމަށް ހަދައި، ބޮޑެތި އިލްޒާމުތައް އެޅުވުމަކީ މުލައްދަނޑީގެ ބާރު ބޭނުން ކުރުމެވެ. ދުވާލާއި ރޭގަނޑު އިދިކޮޅު މެމްބަރުން ފުލުސް އޮފީހާއި ކޯޓުތަކުގެ ހަތަރު ފާރުގެ ތެރޭގައި ބަނދެވިފައި ތިބެން ޖެއްސުމަކީ ސަރުކާރުން މުލައްދަނޑީގެ ބާރު ބޭނުން ކުރުން ނޫން އެހެން ކަމެއް ނޫނެވެ.

މަސީހަށްޓަކައި މުޅި މަޖިލިސް ގުރުބާންކޮށް، އަދި އެވަރުން ނުވެގެން "ބިއްލޫރިކޮއްޓެއް"ގެ ތެރޭގައި އެމަނިކުފާނު ބައިންދަވައިގެން ޖަލްސާތައް ބޭއްވުމަށް އުޅުއްވާ ނަމަ އެއީ ވެސް ހަމަ މުލައްދަނޑީގެ ބާރުގެ ބޭނުންކުރުމެވެ. އެއަކުން އެހެން މާނައެއް ނެގޭނެ ގޮތެއް ނެތެވެ.