Roadha Mihaaru
ލަންކާގައި ޒަހަމްވި ދެ ދިވެހިންގެ ހާލު ރަނގަޅު

ލަންކާގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ދިވެހިންގެ ހާލު ރަނގަޅު

07 އެޕްރީލް 2018

ސްރީ ލަންކާގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ދެ ދިވެހިންގެ ހާލު ރަނގަޅު ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސްރީ ލަންކާގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ދެ ދިވެހިންގެ ހާލު ރަނގަޅު ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން މިއަދު ބުނެފި އެވެ.

ނުވަރެލިޔާ އިން ވެރިރަށް ކޮލަމްބޯ އަށް ދިޔަ މަގުމަތީގައި ވޭނެއް ބަހެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވި އެވެ. އަދި އެކްސިޑެންޓުވި ދެ ވެހިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެކަމަކު، ވެހިކަލުން ދަތުރު ކުރި ދެ ދިވެހިންނަށް މާ ބޮޑު އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.

އެކްސިޑެންޓުގައި ޒަހަމްވި ދެ ދިވެހިންނަކީ ދ. އަތޮޅު ސްކޫލްގެ ޕްރިންސިޕަލް ހާލިދު އަބްދުﷲ އާއި ސީއެޗްއެސްއީގެ ލީޑިން ޓީޗަރު އައިމިނަތު ޒާހިރާ އެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ އެކްސިޑެންޓުގައި ޒަހަމްވި ހާލިދަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި ޒާހިރާ އަށް އަދިވެސް ކަރަނަވެލަ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް މުންދު ވިދާޅުވި އެވެ.

އެކްސިޑެންޓުގައި ދެ ދިވެހިންގެ ވެސް ބޯ ފަޅައިގެން ދިޔަ އެވެ. އަދި ހާލިދުގެ ފަޔަށް އަނިޔާވި އެވެ.

ދެ ދިވެހިންގެ އިތުރުން އޭގައި ލަންކާގެ ހަތަރު ޓީޗަރަކު ވެސް ތިއްބެވެ. އެކަމަކު، އަނިޔާވީ އޭގެ ތެރެއިން އެކަކަށެވެ. އެކްސިޑެންޓުވި ވޭން ދުއްވަން އިން ލަންކާ ޑްރައިވަރުގެ ފައި ވަނީ ބިނދިފަ އެވެ.

އެ މީހުން ކޮލަމްބޯ އަށް ދަތުރުކުރަމުން ދިޔައީ ލަންކާގައި ހަދަމުން އަންނަ ތައުލީމީ ދާއިރާގެ ކޯހެއްގައި، ނުވަރެލިޔާ އާއި ކެންޑީގެ ސްކޫލަކަށް ޒިޔާރަތްކުރުމަށް ފަހު އެވެ.