Roadha Mihaaru
ޒުލޭޚާގެ ސިކުނޑީގެ ތިން އޮޕަރޭޝަނެއް، އަދިވެސް ހޭނާރާ

ތިމަރަފުށީ އެކްސިޑެންޓުގައި އަނިޔާވި މީހާ އަދިވެސް ހޭނާރާ: އާއިލާ

23 އެޕްރީލް 2019

ތ. ތިމަރަފުށީގައި މިދިޔަ މަހު ހިނގި އެކްސިޑެންޓުގައި ޒަޚަމްވި ޒުލޭޚާ އަބްދުުލް ޣަނީ، އެއް މަސް ވީއިރު ވެސް ހޭނާރާ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ތ. ތިމަރަފުށީގައި މިދިޔަ މަހު ހިނގި އެކްސިޑެންޓުގައި ޒަޚަމްވި ޒުލޭޚާ އަބްދުުލް ޣަނީ، އެއް މަސް ވީއިރު ވެސް ހޭނާރާ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހު ހިނގި އެ އެކްސިޑެންޓުގައި ވި ސީރިއަސް އަނިޔާތަކަށް ސްރީ ލަންކާގައި ފަރުވާ ހޯދަމުން އަންނަނީ ތ. ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސްގެ މައިދައިތަ އެވެ.

އުމުރުން 52 އަހަރުގެ ޒުލޭޚާގެ ސިކުނޑީގެ ތިން އޮޕަރޭޝަން މިހާތަނަށް ކޮށްފައިވާ ކަމަށާއި އެކަމަކު އަދިވެސް ހޭނާރާ ކަމަށް ގިޔާސް ވިދާޅުވި އެވެ.

"ރޭގައި ވެސް އޭނާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައިވޭ. މިހާރު ވީ ވޯޑަށް ބަދަލުކޮށްފައި. އެކަމަކު އަދިވެސް ހެއެއް ނާރާ،" ގިޔާސް ވިދާޅުވި އެވެ.

ޒުލޭޚާގެ ސިކުނޑީގެ ފުރަތަމަ އޮޕަރޭޝަން ކުރީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. ފަހުގެ ދެ އޮޕަރޭޝަން ކުރީ ލަންކާގަ އެވެ.

ތިމަރަފުށީ އެއާޕޯޓަށް ދިޔަ އާއިލާ ބަޔަކު ބަލައި ގޮސް އުޅެނިކޮށް، ޒުލޭޚާ އެކްސިޑެންޓުވީ އެއާޕޯޓަށް ދާ މަގުގެ އެއްފަރާތުން ހިނގާފައި ދަނިކޮށް، އެ މަގުން ބާރަށް ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނެއްޓި، އޭނާގެ ގައިގައި ޖެހުމުންނެވެ. އެ އެކްސިޑެންޓުގައި އޭނާ ބޮލަށް ލިބުނު ޒަޚަމްގެ އިތުރުން މޭ ކަށިގަނޑުގެ ދެ ފަރާތުން ތިން ކަށިގަނޑު އަދި ތިން ދަތް ވެސް ބިނދުނެވެ.

"މީގެ ފަސް ދުވަސް ކުރިން ޒުލޭޚާގެ ސިކުނޑީގެ ދެ ވަނަ އޮޕަރޭޝަން [ލަންކާގައި] ކުރީ. އެއީ ބޮލުގައި ފެން އުފެދުމުން ކުރި އޮޕަރޭޝަނެއް،" ގިޔާސް ވިދާޅުވި އެވެ.

ޒުލޭޚާގެ ތިންވަނަ އޮޕަރޭޝަނެއް ވެސް ރޭ ކުރަން ޖެހުނީ ސިކުނޑީގައި އަލުން ފެން އުފެދޭތީ ކަމަށް ގިޔާސް ވިދާޅުވި އެވެ.

އިތުރު ފަރުވާ އަށް މިދިޔަ މަހުގެ 23 ގައި ސްރީ ލަންކާ އަށް ގެންދިޔަ ޒުލޭޚާގެ ހަށިގަނޑުގައި ވަރެއް ނެތް ކަމަށް އޭނާ އަށް ފަރުވާދޭ ޑޮކްޓަރުން ބުނެފައިވާ ކަމަށް ގިޔާސް ވިދާޅުވި އެވެ.

ވަންދޫގައި ދިރިއުޅޭ ޒުލޭޚާ ތިމަރަފުއްޓަށް ދިޔައީ އާއިލާ ބަޔަކު ބަލަ އެވެ.

ފުލުހުން މިއަދު ބުނީ، ޒުލޭޚާގެ ގައިގައި ޖެހުނު ވޭން ދުއްވަން އިން މީހާގެ ލައިސަންސް ދެ އަހަރުގެ މުއްދަތަކަށް ހިފަހައްޓާފައިވާ ކަމަށެވެ.