Roadha Mihaaru
ވަކީލް މައުމޫން ނެތީސް ޝަރީއަތް ނުފަށަން އެދިއްޖެ

ވަކީލް މައުމޫން ނެތީސް ޝަރީއަތް ނުފަށަން މައުމޫން އެދިވަޑައިގެންފި

19 މާޗް 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލް މައުމޫން ހަމީދު ރާއްޖެއިން ބޭރުގައި ހުންނެވުމުން، އޭނާ އެނބުރި ވަޑައިގަންނަވަންދެން އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ނުގެންދަން ކްރިމިނަލް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލް މައުމޫން ހަމީދު ރާއްޖެއިން ބޭރުގައި ހުންނެވުމުން، އޭނާ އެނބުރި ވަޑައިގަންނަވަންދެން އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ނުގެންދަން ކްރިމިނަލް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މިދިޔަ މަހު ހައްޔަރުކުރި މައުމޫންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ޕީޖީގެ ފަރާތުން މިހާރު ވަނީ މައްސަލަ ހުށައަޅައިފަ އެވެ. އެކަމަކު މައުމޫންގެ މައްޗަށް ކުރަނީ ކޮން ދައުވާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

މައުމޫންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ވަކީލް މައުމޫން މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވުމުން، އޭނާ އެނބުރި ވަޑައިގަންނަވަންދެން ޝަރީއަތް މަޑުޖައްސާލަން އެެދި މައުމޫނާއި އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފަރާތްޕުޅުން މިއަދު ވަނީ ކޯޓަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފަށް ފޮނުއްވި ސިޓީގައި ވަނީ ވަކީލް މައުމޫން މިހާރު ހުންނެވީ އދ.ގެ މަންދޫބުންނާ ބައްދަލު ކުރައްވަން އެމެރިކާގައި ކަމަށާއި އޭނާ ރާއްޖޭގައި ނެތީސް ޝަރީއަތް ކުރިއަށް ގެންދިއުމަކީ މައުމޫން ދެކޮޅުހައްދަވާ ކަމެއް ކަމަށެވެ. މައުމޫން ހަމީދަކީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނެވި ވަކީލް ކަމަށް ވާއިރު، އޭނާ ނެތީސް ޝަރީއަތް ކުރިއަށް ނުގެންދަން އެދޭ ކަމަށް އެ ސިޓީގައިވެ އެވެ.

މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫންގެ ވަކީލުންގެ ޓީމުގައި ވެސް އިސްކޮށް ހުންނަވަނީ، ރައީސް މައުމޫނަށް ބޮޑުބޭބެ ވިދާޅުވާ، މައުމޫން ހަމީދެވެ. އެކަމަކު ފާރިސްގެ ޝަރީއަތް މަޑުޖައްސާލަން ފާރިސްގެ ފަރާތުން އަދި އެދިފައެއް ނުވެ އެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މައުމޫން ހައްޔަރުކުރީ ސަރުކާރު ވައްޓާލަން ރޭވުމާއި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގަ އެވެ. އެމަނިކުފާނުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށް، ދައުވާ އުފުލައިފަ އެވެ.