Roadha Mihaaru
މައުމޫން، ފާރިސް އަދި ނަދީމަށް ސުވާލެއް ނުކުރޭ

ތަހުގީގަށް އެއްބާރުލުން ނުދެޔޭ ބުނާއިރު މައުމޫނާއި ފާރިސް އަދި ނަދީމަށް ސުވާލެއް ވެސް ނުކޮށްލާ: ވަކީލުން

14 ފެބުރުއަރީ 2018

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ބައެއް ބޭފުޅުން، ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ބުންޏަސް، އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމަށް މިހާތަނަށް އެއްވެސް ސުވާލެއް ނުކުރާ ކަމަށް، އެބޭފުޅުންގެ ވަކީލުން ޓީމުން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ބައެއް ބޭފުޅުން، ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ބުންޏަސް، އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމަށް މިހާތަނަށް އެއްވެސް ސުވާލެއް ނުކުރާ ކަމަށް، އެބޭފުޅުންގެ ވަކީލުން ޓީމުން މިރޭ ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސުޕްރިޓެންޑެޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ، ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައެއް ބޭފުޅުންގެ ފަރާތްޕުޅުން ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ހެކި ދިނުމަށް އިންކާރުކުރަމުން ދާއިރު، ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމަށް ބަލައި، އެކަން ތަހުގީގު ކުރުމަށް ފަހު، މި ހަފުތާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުމޫނާއި ފާރިސް އަދި ނަދީމްގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަކީލް ހުސެއިން ޝަމީމް ވިދާޅުވީ މައުމޫން ހައްޔަރުކުރިތާ 180 ގަޑިއިރު ވެެގެން ދިޔައިރު، މިހާތަނަށް އެއްވެސް ސުވާލެއް ނުކުރާ ކަމަށެެެވެ. އެހެންވެ ތަހުގީގަށް އެއްބާރުލުންނުދޭ ކަމަށް ނުބުނެވޭނެ ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ކަން ވެސް ކުރެއްވި ޝަމީމް ވިދާޅުވި އެވެ.

މައުމޫންގެ އިތުރުން ފާރިސް އާއި ނަދީމަށް ވެސް އެއްވެސް ސުވާލެއް ނުކުރާކަން ވަކީލުން ފާހަގަކުރެއްވި އެވެ.

"މިހާތަނަށް އެ ތިން ބޭފުޅުންނާ ސުވާލެއް ނުކޮށްލާއިރު ތަހުގީގަށް އެއްބާރުލުން ނުދެއޭ ފުލުހުން އެބަ ބުނޭ. އެކަމާ އިންކާރުކުރަން... ދެން ފުލުހުން އެބަ ބުނޭ ހެކި ނުދޭ ކަމަށް. އެކަމަކު އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރަން ހެކި ދޭން، ކޮން ހެއްކެއްތޯ ދޭނީ، ކަނޑައެޅިގެން އިންކާރު ކުރައްވާ، އެ ހުރިހާ ތުހުމަތަކަށް އިންކާރު ކުރައްވާ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުށެއް ސާބިތުނުވާ ހިނދަކު އެ މީހަކީ ކުށްވެރިއެއް ނޫން ކަމަށެވެ. ނަމަވެސް މައުމޫނަކީ ކުށްވެރިއެއްކަން ދެއްކުމަށް މަސައްކަތް ކުރަމުންދާތީ، އެ ފަރާތްތަކާ ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް މައުމޫން ވިދާޅުވެފައިވާ ކަން ވެސް ޝަމީމް ފާހަގަކުރެއްވި އެވެ.

"ރައީސް މައުމޫން ވިދާޅުވީ އެއްވެސް ބޭފުޅަކަށް ރިޝްވަތު ނުދެއްވާ ކަމަށާއި އެފަދަ އެއްވެސް ކަމެއް ނުުކުރައްވާ ކަމަށް. ފުލުހުން ހަދަނީ ދޮގޭ، ހެއްކެއް ހުރިއްޔާ ދައްކަބަލާށޭ މައުމޫން ވިދާޅުވީ. ތިމަންނަ ޗެލެންޖު ކުރަމޭ އެކަހަލަ އެއްވެސް ނުހުންނާނެކަމުގެ. އެކަހަލަ އެއްވެސް ލިއުމެއް ވެސް އެކަމާ ގުުޅޭ ގޮތުން މީހަކާ ވާހަކަ ދައްކާފައެއް ވެސް ނުހުންނާނޭ،" ޝަމީމް ވިދާޅުވި އެވެ.

މައުމޫންގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ މައުމޫން ހުންނެވީ ވަރަށް ހިތްވަރުގަދަ ކޮށް ކަމަށާއި އިސްލާހީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ.

އޭނާ ވިދާޅުވީ މައުމޫން ހައްޔަރުކުރެއްވުމަށްފަހު އެކި ފަހަރު މަތިން ކަރެކްޝަނާއި ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމުގައި ވެސް އޮޅުން ތަކެއް އެބަހުރި ކަމަށާއި އިއްޔެއިން ފެށިގެން އެމަނިކުފާނު ހުންނެވީ، ފުލުހުންގެ ބަންދުގައި ކަން މައުމޫން ފާހަގަކުރެއްވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން އެ ތިން ބޭފުޅުންގެ ވަކީލުން ވަނީ، ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާއިރު، ވަކީލުންނާ ބައްދަލުކުރުމަށް އެކަށީގެންވާ ވަގުތު ނުދޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.