Roadha Mihaaru
މައުމޫންގެ ހާލުކޮޅު ގޯސްކަމުން ކޯޓަށް ހާޒިރު ނުކުރެވުނު

މައުމޫންގެ ހާލުކޮޅު ގޯސްކަމުން ކޯޓަށް ހާޒިރެއް ނުކުރެވުނު

08 މެއި 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން، އެމަނިކުފާނު ކްރިމިނަލް ކޯޓަށް ހާޒިރު ކުރެވެން ނެތް ކަމަށް ފުލުހުން އެންގުމުން މިއަދުގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން، އެމަނިކުފާނު ކްރިމިނަލް ކޯޓަށް ހާޒިރު ކުރެވެން ނެތް ކަމަށް ފުލުހުން އެންގުމުން މިއަދުގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލްކޮށްފައި އޮތީ މައުމޫނާ ދެކޮޅަށް އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް އަދުލު އިންސާފު ގާއިމު ކުރަން ހުރަސް އެޅުމުގެ ދައުވާ ކުރެ އެވެ. އެކަމަކު އެ ޝަރީއަތެއް އަދި ނުފަށަ އެވެ.

މައުމޫން ހަމީދު މިއަދު ކުރެއްވި ޓުވީޓު.

މައުމޫންގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ މައުމޫންގެ ހާލުކޮޅު ގޯސްކަމުން، ކްރިމިނަލް ކޯޓަށް ހާޒިރު ކުރެވެން ނެތް ކަން ފުލުހުން ކޯޓަށް އެންގުމުން އަޑުއެހުން ކެންސަލްކުރި ކަން ވަކީލުންނަށް ކޯޓުން އަންގާފައިވާ ކަމަށެވެ.

މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ދެ ވަނަ އަޑުއެހުން މިދިޔަ ބުރާސްފަތި ދުވަހު ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ.

އަޑުއެހުން ކެންސަލްކުރީ މައުމޫންގެ ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް ބުނެ އެމަނިކުފާނުގެ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަަޖިލީހުގެ ހަތަރު މެމްބަރަކާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ.