Roadha Mihaaru

މައުމޫންގެ ޝަރީއަތް އަނެއްކާ ވެސް ކެންސަލްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީއަތުގައި މިއަދު އޮތް އަޑުއެހުން ކްރިމިނަލް ކޯޓުން މިއަދު ކެންސަލް ކޮށްފި އެވެ.

މައުމޫންގެ ޝަރީއަތް އަނެއްކާ ވެސް ކެންސަލްކޮށްފި
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

09 މެއި 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީއަތުގައި މިއަދު އޮތް އަޑުއެހުން ކްރިމިނަލް ކޯޓުން މިއަދު ކެންސަލް ކޮށްފި އެވެ.

މި މައްސަލައިގައި ހެނދުނު ބާއްވަން އޮތް ޝަރީއަތް ކެންސަލް ކުރި ސަބަބެއް ސާފެއް ނުވެ އެވެ. އެކަމަކު، އެ މަނިކުފާނުގެ ޝަރީއަތް ކެންސަލް ކުރީ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށެވެ. އެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ސަރުކާރުން އެދުމުން ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން މައުމޫން ޖަލު ބަންދުގައި ބަހައްޓަން ހުއްދަ ދީފަ އެވެ.

މި މައްސަލައިގައި އިއްޔެ ވެސް އަޑުއެހުމެއް ބާއްވަން ކޯޓުގައި ތާވަލު ކުރި އެވެ. އެކަމަކު، އެ ޝަރީއަތް ވެސް ކެންސަލް ކުރީ މައުމޫންގެ ހާލުކޮޅު ގޯސްކަމުން، ކްރިމިނަލް ކޯޓަށް ހާޒިރު ކުރެވެން ނެތް ކަން ފުލުހުން ކޯޓަށް އެންގުމުން ކަމަށް ކޯޓާ ހަވާލާދީ މައުމޫންގެ ވަކީލުން ވަނީ ވިދާޅުވި އެވެ.

މިއީ މައުމޫންގެ ޝަރީއަތް ކެންސަލް ކުރި ތިން ވަނަ ފަހަރެވެ.

މައުމޫންއާ ދެކޮޅަށް ކުރި ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ 2013 ވަނަ އަހަރުން ފެށިގެން އެ މަނިކުފާނު ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ހުކުމްތައް ވަކި ގޮތަކަށް ނެރެން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް ރިޝްވަތު ދެއްވުމުގެ އިތުރުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި މައުމޫން ނުފޫޒު ފޯރުވި ކަމަށް ވެސް ދައުވާގައިވެ އެވެ.

މީގެ އިތުރުން އެ އަމުރާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ބައެއް ފުލުހުންތަކެއް މަގުމައްޗަށް ނެރެ، ޑިއުޓީގައި ތިބި އެހެން ބައެއް ފުލުހުންނާ ކުރިމަތިލައި، ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކަމަށް ވެސް އެ ދައުވާގައިވެ އެވެ. މިއަދު ބާއްވަން އޮތީ މި މައްސަލައިގެ ދެ ވަނަ އަޑުއެހުމެވެ.

މައުމޫންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މައުމޫންގެ ސިއްހީ ހާލުކޮޅު ރަނގަޅު ވަންދެން، އެ މަނިކުފާނު އަރިހުގައި ދޫނިދޫ ޖަލުގައި ހުންނެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ނުވަތަ އާއިލީ އެހީތެރިކަން ބޭނުންވާތީ ގެ އަށް ބަދަލުކޮށް ދިނުމަށް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މައުމޫންގެ އާއިލާ އިން ބުނި ގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެ މަނިކުފާނު އުޅުއްވަނީ އަނބުރައިގަންނަ އާލާސްކަންފުޅެއްގަ އެވެ. އެހެންވެ އެއްވެސް ހާލެއްގައި ގިނިކަންޏާ ނުހުންނެވުމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަަޖިލީހުގެ ހަތަރު މެމްބަރަކާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ.