Roadha Mihaaru
މައުމޫންގެ ދިފާއުގައި 100 އަށް ވުރެ ގިނަ ހެކިން

ޓެރަރިޒަމްގެ މައްސަލާގައި މައުމޫންގެ ދިފާއީ ހެކިންގެ ގޮތުގައި 100 އަށް ވުރެ ގިނަ މީހުން

03 ޖޫން 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި އެމަނިކުފާނުގެ ދިފާއީ ހެކިންގެ ގޮތުގައި 100 އަށް ވުރެ ގިނަ މީހުންގެ ނަމާއި ގިނަ ލިޔުންތަކެއް މައުމޫންގެ ވަކީލުން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި އެމަނިކުފާނުގެ ދިފާއީ ހެކިންގެ ގޮތުގައި 100 އަށް ވުރެ ގިނަ މީހުންގެ ނަމާއި ގިނަ ލިޔުންތަކެއް މައުމޫންގެ ވަކީލުން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވާ މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތު ކޮށެވެ. އެ މައްސަލައިގެ ޝަރީއަތް ނިމްންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.

މައުމޫންގެ ވަކީލް މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައިވާ ގޮތުން އެ މައްސަލާގައި މައުމޫންގެ ފަރާތްޕުޅުން ދިފާއީ ހެކިންގެ ގޮތުގައި 108 މީހަކާއި 36 ލިޔުމެއް މިއަދު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. އޭގެ އިތުރުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި 29 ހުށަހެޅުމެއް ވެސް މައުމޫންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ކަމަށް ވަކީލް މައުމޫން ވިދާޅުވި އެވެ.

ވަކީލް މައުމޫންގެ ޓްވީޓް

ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ މައުމޫނަށް 17 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރުން، އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް މައުމޫނަށް ދައުލަތުން ކުރެ އެވެ. އެ މައްސަލައިގެ ޝަރީއަތް މައުމޫންގެ ވަކީލުން ބޮއިކޮޓް ކޮށްފައިވާއިރު، މައުމޫނާ އެކު ދައުލަތުން ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ދިފާއީ ވަކީލުން ވެސް ވަނީ ޝަރީއަތް ބޮއިކޮޓް ކޮށްފަ އެވެ.

މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ މެމްބަރު އަހުމަދު އިލްހާމާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ އިތުރުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ.