Roadha Mihaaru
"ސަޕޯޓަރުންނަށް ރަނގަޅު އެކަމަކު ދެ ޓީމަށް ބިރުބޮޑު"

ސަޕޯޓަރުންނަށް ރަނގަޅު އެކަމަކު ދެ ޓީމަށް ބިރުބޮޑު: ބުފޮން

07 މާޗް 2018

ލަންޑަން (މާޗް 7) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދަން މިރޭ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ރަށުން ބޭރުގައި ޔުވެންޓަސް ކުޅޭ މެޗަކީ ފުޓްބޯޅަ ސަޕޯޓަރުން ބަލާލަން ރަނގަޅު މެޗަކަށްވާނެ ކަމަށާއި އެކަމަކު މިއިީ ދެ ޓީމަށް ބިރުބޮޑު މެޗެއް ކަމަށް ޔުވެންޓަސްގެ ތަޖުރިބާކާރު ކީޕަރު ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މާޗް 7) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދަން މިރޭ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ރަށުން ބޭރުގައި ޔުވެންޓަސް ކުޅޭ މެޗަކީ ފުޓްބޯޅަ ސަޕޯޓަރުން ބަލާލަން ރަނގަޅު މެޗަކަށްވާނެ ކަމަށާއި އެކަމަކު މިއިީ ދެ ޓީމަށް ބިރުބޮޑު މެޗެއް ކަމަށް ޔުވެންޓަސްގެ ތަޖުރިބާކާރު ކީޕަރު ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.

މި ދެ ޓީމު ޔުވެންޓަސް ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ރަށުން ބޭރުގައި ޓޮޓެންހަމުން ދެ އަވޭ ގޯލު ޖަހާފައިވާތީ އެ ޓީމަށް އެޑްވާންޓޭޖެއް އޮތް ނަމަވެސް މި މެޗުން މޮޅުވާ ކޮންމެ ޓީމަކަށް ވެސް ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.

"މިއީ ފުޓްބޯޅަ ސަޕޯޓަރުންނަށް ވަރަށް ކަމުދާނެ މެޗެއް. އެއީ ވަރަށް ތަފާތު ދެ ސްޓައިލެއްގެ އެޓޭކިން ފުޓްބޯޅަ ކުޅޭ ދެ ޓީމު މިއީ. އެކަމަކު މިއީ ހަމަގައިމުވެސް މި ދެ ޓީމަށް ވަރަށް ބިރު ބޮޑު މެޗެއް. އަހަރެންގެ ނަޒަރުގައި ޓޮޓެންހަމް ކުޅޭ ސްޓައިލުން އިދިކޮޅު ޓީމަށް ލިބޭ އަބަދުވެސް ފުރުސަތު. އަހަރެމެން މިރޭ ޖެހޭ އެކަމަށް ވިސްނަން،" ބުފޮން ބުންޏެވެ.

އޭނާ ވަނީ ހާއްސަކޮށް ޓޮޓެންހަމްގެ ޑެލޭ އަލީ އާއި ހެރީ ކޭން އަށް ސަމާލުވާން ޖެހޭނެ ކަމަށް ބުނެފަ އެވެ.

"މި ދެ ކުޅުންތެރިންނަކީ އިންގްލެންޑްގައި ފަހަކަށް އައިސް ފެނުނު އެންމެ ކޮމްބިނޭޝަން ރަނގަޅު ދެ ކުޅުންތެރިން. މަޝްހޫރު ކޮންމެ ކްލަބެއްގައި ވެސް އޮވޭ އެޓޭކިން ކޮމްބިނޭޝަނެއް. އެގޮތަށް ޓޮޓެންހަމްގެ މި ދެ ކުޅުންތެރިންނަކީ މެޗުގެ ފަހު ވަގުތާ ހަމައަށް ވެސް ހިތްވަރުލައިގެން ކުޅޭ ދެ ކުޅުންތެރިން،" ބުފޮން ބުންޏެވެ.

ޔުވެންޓަސް ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ކާމިޔާބުކުރި އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގައިން ވަނީ މި މެޗަށް ފިޓްވެފަ އެވެ. ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ބުނީ ހިގައިން މި މެޗަށް ފިޓްވުމަކީ މުޅި ޓީމަށް ލިބޭ ހިތްވަރެއް ކަމަށެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ޔޫރަޕްގައި އެ ޓީމަށް ލިބޭ އިހުތިރާމް އިތުރުވަމުން އަންނަ ކަމަށެވެ. އަދި މި މެޗަކީ އެކަން ދަމަހައްޓަން ލިބޭ ފުރުސަތެއް ކަމަށެވެ.

"ރެއާލް މެޑްރިޑް އަތުން އަހަރެމެން މޮޅުވީމަ ވަރަށް ގިނަ ބަޔަކު އެކަން ފާހަގަކޮށް އަހަރެމެންނަކީ އާދައިގެ ޓީމެއްގެ ގޮތުގައި ނުބަލާ. އެ ހިސާބުން މި ޓީމަށް ލިބޭ އިހުތިރާމް ދިޔައީ އިތުރުވަމުން. ޔުވެންޓަސް އަކީ ވެސް ޔޫރަޕްގެ ގަދަ ބާރެއް. މި ޓީމާ ދެކޮޅަށް ކުޅޭއިރު އަހަރެމެންގެ ފެންވަރު ވަޒަންކޮށްލަން މިއީ ރަނގަޅު ވަގުތެއް،" ޕޮޗެޓީނޯ ބުންޏެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.