Roadha Mihaaru
"ރެފްރީގެ ކިބައިން ބުފޮން މައާފަށް އެދެން ޖެހޭ"

"ރެފްރީގެ ކިބައިން ބުފޮން މައާފަށް އެދެން ޖެހޭ"

17 އެޕްރީލް 2018

ޓިއުރިން، އިޓަލީ (އޭޕްރީލް 17) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގު މެޗަށް ފަހު ރެފްރީ މައިކަލް އޮލިވާއާ ބެހޭގޮތުން ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ދެއްކި ވާހަކަތަކަށް އޭނާ މައާފަށް އެދެން ޖެހޭ ކަމަށް އިޓަލީގެ ރެފްރީސް ޗީފް މާސެލޯ ނިޗީ ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން، އިޓަލީ (އޭޕްރީލް 17) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގު މެޗަށް ފަހު ރެފްރީ މައިކަލް އޮލިވާއާ ބެހޭގޮތުން ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ދެއްކި ވާހަކަތަކަށް އޭނާ މައާފަށް އެދެން ޖެހޭ ކަމަށް އިޓަލީގެ ރެފްރީސް ޗީފް މާސެލޯ ނިޗީ ވިދާޅުވެއްޖެ އެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން 3-0 އިން ރެއާލް މެޑްރިޑް މޮޅުވެފައި އޮއްވާ ޔުވެންޓަސް އިން ތިން ލަނޑު ޖަހައި 3-3 އިން އެގްރިގޭޓުން އެއްވަރުކުރި އެވެ. ނަތީޖާ ނެރެން އިތުރު ވަގުތަށް ގޮސްގޮސް އޮއްވާ ރެއާލް މެޑްރިޑަށް ކުރި ލިބުނީ އޮލިވާ ދިން ޕެނަލްޓީ ރޮނާލްޑޯ ކާމިޔާބުކުރުމުންނެވެ. މެޑްރިޑުގެ ލޫކަސް ވަސްކުއޭޒަށް ގޯލްކުރިމަތިން ޔުވެންޓަސްގެ މެހްދީ ބެނާޝިއާ ފައުލްކުރުމުން ދިން ޕެނަލްޓީއާ މެދު ބުފޮން ހިތްހަމަނުޖެހުން ފާޅުކުރި ވަގުތު އޭނާ އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.

އެ މެޗަށް ފަހު ބުފޮން ވަނީ އޮލިވާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ބުފޮން ބުނީ އޮލިވާގެ ހިތެއް ނެތް ކަމަށާއި ހިތެއްގެ ބަދަލުގައި އޮތީ ކުނި ކޮތަޅެއް ކަމަށެވެ.

ތަޖުރިބާކާރު ގިނަ ކުޅުންތެރިން ބުނީ އުމުރުން 40 އަހަރުގެ ބުފޮން އެ ގޮތަށް ވާހަަކަ ދެއްކީ ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހިގެން ކަމަށެވެ. އަދި އެކަމާ އޭނާ މައާފަށް އެދެން ޖެހޭނެ ކަމަށް ވެސް ގިނަ ކުޅުންތެރިންތަކެއް ވަނީ ބުނެފަ އެވެ.

ނިޗީ ވިދާޅުވީ ބުފޮން ކުރީ ގޯސް ކަމެއް ކަމަށާއި އެކަމާ ފަހުން އޭނާ ހިތާމަ ކުރާނެ ކަމަށެވެ.

"ބުފޮން އަކީ ޗެމްޕިއަނެއް. އަހަރެން އުއްމީދަކީ އޭނާ ކާމިޔާބު މެނޭޖަރަކަށްވުން. އެކަމަކު ބައެއް ލެވެލްތަކުގައި ވާހަކަ ދައްކާއިރު ދެއްކޭ ވާހަކައާ މެދު އެބަޖެހޭ ވިސްނަން. އެއީ ކުޑަކުދިން އެބަތިބޭ އެ ކިޔާ އެއްޗެހި އަޑުއަހަން،" ނިޗީ ވިދާޅުވި އެވެ.

ނިޗީ ވިދާޅުވީ އެ މެޗަކީ އިޓަލީގައި ހިނގައިދިޔަ ކަމެއްނަމަ އޭނާ ނަގާނީ ރެފްރީގެ ކޮޅު ކަމަށެވެ. އެއީ ރެފްރީ ކުރަނީ ޕްރެޝަރު ބޮޑު މެޗަކަށް ވެފައި އެ މީހުންނަށް ދޭން ޖެހޭ ހިމާޔަތް ލިބެން ޖެހޭނެތީ ކަމަށް ވިދާޅުވި އެވެ.

ދާދި ފަހުން އިޓަލީގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުފޮން ބުނީ އޮލިވާއާ ބެހޭގޮތުން އޭނާ ދެއްކި ވާހަކަތަކާ މެދު ހިތާމަނުކުރާ ކަމަށާއި އަދި އެއް ފަހަރު އެ ހުރިހާ ވާހަކަތަށް ދައްކަން ޖެހިއްޖެނަމަ ފަސްޖެހުމެއް ނެތި އެކަން ތަކުރާރުކުރާނެ ކަމަށެވެ.

ބުފޮން ބުނީ އުމުރުން 33 އަހަރުގެ އޮލިވާ އަކީ އަދިވެސް ދަސްކުރަމުން އަންނަ ރެފްރީއެއް ކަމަށާއި އެފަދަ މެޗެއް ކޮންޓްރޯލް ކުރުމުގެ ގާބިލްކަން އަދި އޭނާގެ ކިބައިގައި ނެތް ކަމަށެވެ.