Roadha Mihaaru
ތެޔޮ ރައްކާކުރާނެ ތަނެއް އުތުރާއި ދެކުނުގައި ހަދަނީ

ތެޔޮ ރައްކާކުރާނެ ތަނެއް އުތުރާއި ދެކުނުގައި އެސްޓީއޯ އިން ހަދަނީ

23 މެއި 2016

ތެޔޮ ރައްކާ ކުރާނެ ތާނގީތަކެއް، ރާއްޖޭގެ ކޮންމެވެސް އެއް ސަރަހައްދެއްގައި މި އަހަރު ނިމުމުގެ ކުރިން ހަދާނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ތެޔޮ ރައްކާ ކުރާނެ ތާނގީތަކެއް، ރާއްޖޭގެ ކޮންމެވެސް އެއް ސަރަހައްދެއްގައި މި އަހަރު ނިމުމުގެ ކުރިން ހަދާނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިއަދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ރީޖަނަލް އޮއިލް ސްޓޯރޭޖް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އުތުރު ނުވަތަ ދެކުނުގައި އޮއިލް ސްޓޯރޭޖް ހަދާ ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން ވާނީ ބިން ހޯދުމަށް ފަރާތްތަކަށް ރިކުއެސްޓް ކުރެވި، ޓޭންކް ޑިޒައިން ކުރުމުގެ މަސައްކަތް ފެށިފައި،" އެސްޓީއޯގެ މައި އޮފީހުގައި މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީ ވިދާޅުވި އެވެ.

އެސްޓީއޯ އިން މިހާރު ތެޔޮ ރައްކާ ކުރަނީ މާލެ އާއި ހުޅުލެއާ ދޭތެރޭ އޮންނަ ފުނަދޫގަ އެވެ. އެ ރަށުގައި ތެޔޮ ރައްކާ ކުރެވޭ މިންވަރު އިތުރު ކުރުމަށް މިހާރު އަންނަނީ މަޝްރޫއެއް ހިންގަމުންނެވެ.

ޝަހީރު ވިދާޅުވި ގޮތުގައި ކޮންޓްރެކްޓަރުންނާ ހަވާލުކޮށް މަސައްކަތް ފަށާފައިވާ އެ މަޝްރޫއު ނިމޭއިރު މިހާރަށް ވުރެ ދެ ގުނަ އިތުރަށް، ޖުމްލަ 48،000 ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ އެވެ. މިހާރު ގެންގުޅޭ ތެޔޮ ޓޭންކަރުގެ ބަދަލުގައި އެންމެ ކުޑަވެގެން 26،000 ޓަނު ލޯޑު ކުރެވޭ ވަރުގެ ޓޭންކަރެއް ގެނާނެކަން ވެސް އޭނާ އިއުލާން ކުރެއްވި އެވެ.